ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ނަފްސާނީ ހާލަތަށް ބެލުމަށްފަހު "ހޯމް ސްކޫލިން ޕާތްވޭ" ތަޢާރަފުކުރަން ސަރުކާރުން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބަލައި، ހެދޭ އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށް ކަނޑައެޅޭ ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން ހޯމް ސްކޫލިންގ ޕާތްވޭ ތަޢާރަފު ކުރަން ޤާނޫނަށް އިސްލާޙު ގެންނަން މަޖިލީހުގެ ފުރަތަމަ ދައުރަށް ހުށަހަޅުއްވާނެ ކަމަށެވެ.
އެމަނިކުފާނު މިއަދު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިން ކިޔަވަން ބޭނުންވާ ވަޞީލަތްތައް މިއަހަރު ސްކޫލުތަކުގައި ޤާއިމްކޮށްދެއްވާނެ ކަމަށެވެ. އެގޮތުން އެކުދިންނަށް ޚާއްސަ ކްލާސްރޫމްތަކާއި ޙާލަތަށް ރިޔާއަތްކޮށް ޕްރައިވަސީ ލިބިދޭ ގޮތަށް ޚާއްސަ ފާޚަނާތަކާއި އެޑިއުކޭޝަނަލް ސަޕޯޓް ފެސިލިޓީތައް ޤާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
"އުނގެނުމަށާއި އުނގަންނައިދިނުމަށް ބޭނުންވާ އިކުއިޕްމަންޓާއި ޑިވައިސްތަކާއި ކަމާބެހޭ އެހެނިހެން ވަޞީލަތްތައް ނެތް ހުރިހާ ސްކޫލްތަކެއްގައި މިއަހަރު ހުރިހާ ކަމެއް ފުރިހަމަކޮށްދޭނެ" ކަމުގެ ޔަޤީންކަން ވެސް ރައީސް ޑރ. މުއިއްޒު ވަނީ ދެއްވާފައެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެ ކުދިންނަށް އަމާޒުކޮށްގެން އެކި މާއްދާތަކުގެ ފޮތްތައް ތަރައްޤީކުރުމާއި އެކުދިންގެ ނުކުޅެދުންތެރިކަމާ އެކަށީގެންވާ ގޮތެއްގައި އޯލެވެލްއަށް ތައްޔާރުވުމަށް ޚާއްސަ މަސައްކަތްތަކެއް ރާވާ ތަންފީޒް ކުރަން މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލާ ބެލެނިވެރިންގެ ތެރެއިން ސިވިލް ސަރވިސްގެ ވަޒީފާއަށް ދާ ބެލެނިވެރިންނަށް ވަޒީފާ އަދާކުރުން ވޯކް ފްރޮމް ހޯމްއަށް ބަދަލުކުރުމުގެ ފުރުޞަތު އަންނަ މަހުން ފެށިގެން ލިބޭނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ދެއްވާފައެވެ.
ރައީސް ވިދާޅުވީ، އެކުއްޖެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެ ކުއްޖާ ހައްޤުތަކުން މަހުރޫމްވެގެން ނުވާނެ ކަމަށާއި ހުރހާ ކުދިން ޝާމިލްކޮށްގެން ކިޔެވައިދިނުމަކީ އިންކުލޫސިވް އެޑިއުކޭޝަންގެ ސިޔާސަތު ކަމަށާއި އެކަން ތަންފީޒްކުރުމުގެ ޚާއްސަ މަޝްރޫޢުއެއް މިއަހަރު ކުރިއަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީނު ކުރަން މިދިޔަ އަހަރު ފެއްޓެވި މަސައްކަތް މިއަހަރު ފުޅާކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.


advertisment
ހިޔާލު