އޯޝަން ގަވަނަންސް މަހާސިންތާ އެމްއެންޔޫއިން ފަށައިފި

އޯޝަން ގަވަރނަންސް ސިމްޕޯޒިއަމް އެމްއެންޔޫގައި މިއަދު ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސް އިން އިންތިޒާމުކޮށްގެން، ކިޔަވައިދިނުމާއި ދިރާސާކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ ދީލަތި އެހީތެރިކަމާއެކު، ބާއްވާ ދެވަނަ މަހާސިންތާއެވެ. ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގައި ސަރަހައްދީ ވިސްނުމެއް ގެންގުޅެ، އެ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދިނުމަށް މި މަހާސިންތާގައި މަޝްވަރާ ކުރާނެއެވެ. ކަނޑުގެ ދިރުން ހަރުދަނާކޮށް ޤައުމީ އޮނިގަނޑެއް ޤާއިމުވެފައި ނެތުމުގެ ސަބަބުން، ރާއްޖޭގެ ކަނޑުގެ މާހައުލާއި ދިރުންތައް ރައްކާތެރިކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެއެވެ.

މި މަހާސިންތާ ހުޅުއްވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަޙްމަދެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ އިޝިގާމީ ރުމިކޯގެ ވާހަކަފުޅު ދެއްކެވިއެވެ.

ކީނޯޓް ސްޕީޗް ދެއްވީ ސަސަކާވާ ޕީސް ފައުންޑޭޝަންގެ އޯޝަން ޕޮލިސީ ރިސާޗް އިންސްޓިޓިއުޓްގެ ސީނިއާ ރިސާޗް ފެލޯއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީތަކާއި، ކޮލެޖްތަކާއި، ސެންޓަރުތަކުން ހުށަހެޅުއްވި ޕްރެޒެންޓޭޝަންތަކުގެ އިތުރުން، "ރީޖަނަލް އެޕްރޯޗް ޓު އޯޝަން ގަވަރނަންސް" މި މައުޟޫޢުގެ މައްޗަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ޓުއަރިޒަމާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި ބަންޑާރަ ނައިބުގެ އޮފީހުގެ އިތުރުން ކޯސްޓްގާޑްގެ ފަރާތުން ޕްރެޒެންޓޭޝަންތައް ހުށައަޅާނެއެވެ.

މީގެ އިތުރުން އިންޑިއާ ކަނޑުގެ އައްސޭރިފަށުގައި އޮންނަ ސަރަހައްދީ ހަތަރު ގައުމެއް ކަމަށްވާ ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން އަދި ސްރީލަންކާގެ މަންދޫބުން ބައިވެރިވެ ދިރާސާ ކަރުދާސްތައް ހުށަހެޅިއެވެ. މި މަހާސިންތާގައި މަދަނީ ޖަމިއްޔާއެއް ކަމަށްވާ ޕާލޭ މޯލްޑިވްސްގެ ފަރާތުން ވެސް ކަރުދާހެއް ހުށައެޅިއެވެ.

މި މަހާސިންތާގައި ރާއްޖެއާއި ދެކުނު އޭޝިޔާ ސަރަޙައްދުގައި ކަނޑުތައް ހިންގުން ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވެސް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *