ސްކޫލްތަކުގެ ދަރިވަރުން ތަމްސީލުކުރާ އދ ގެ ނަމޫދާ ބައްދަލުވުމެއް ބާއްވަނީ

ރ. ވާދޫ ސްކޫލް
ރ. ވާދޫ ސްކޫލްގެ ދަރިވަރުން އދ. ގެ އާންމު މަޖިލީހުގެ ނަމޫނާ ބައްދަލުވުމެއްގައި: ހުރިހާ ސްކޫލެއްގެ ދަރިވަރުން ހިމެނޭ މިފަދަ ބައްދަލުވުމެއް މާދަމާ ބާއްވާނެ

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގެންނެވުމާ ދިމާކޮށް، އދ. ގެ އާންމު މަޖިލީހުގެ ނަމޫނާ ބައްދަލުވުމެއް މާދަމާ ހަވީރު ބާއްވަން ސްކޫލްތަކުން ތައްޔާރުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރު ނޫހަށް މައުލުމާތު ދިން ގޮތުގައި މި ބައްދަލުވުމުގައި އދ. ގެ ގައުމުތައް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުން ހިމެނޭހެން ތަމްސީލުކުރާނެއެވެ.

" ވަރޗުއަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް"ގެ ނަމުގައި ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ކޮންމެ އަތޮޅެއްގެ އެއް ސްކޫލަކުން ދަރިވަރަކު ވާހަކަ ދައްކާނެއެވެ. ވާރޗުއަލްކޮށް ކުރިއަށް ގެންދާ މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ ބައްދަލުވުމުގެ ރައީސެއްގެ ހަސިއްޔަތުން ސީއެޗްއެސްއީގެ ދަރިވަރު އިބްރާހިމް ނާބިޠު އަބްދުއްރަހުމާނެވެ.

އެޑިއުކޭޝަން މިނިސޓްރީން ބުނީ މި ބައްދަލުވުމުގައި ދަރިވަރުން ބައިވެރިވާ އެ ދަރިވަރަކު ތަމްސީލުކުރާ ގައުމެއްގެ ޡަޤާފީ ހެދުމެއްގައެވެ.

މި ބައްދަލުވުން މާދަމާ ހަވީރު 4 ޖަހާއިރު، ޓީއެމުން ލައިވްކުރަން ވަނީ ނިންމާފައެވެ.

މިއީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ހިމަނައިގެން މިފަދަ ބައްދަލުވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ. އީޕީއެސް ސްކޫލުން ވަނީ މީގެ އަހަރުތަކެއް ކުރިން މިފަދަ ބައްދަލުވުންތަކެއް " މިނީ ޔޫއެން" ގެ ނަމުގައި ބާއްވާފައެވެ.

އދ. އާންމު މަޖިލީހުގެ ޖަލްސާތައް ފެށުން ފާހަގަ ކުރުމުގެ ގޮތުން ޔޫއެންޖީއޭ ގެ ނަމުގައި ސްކޫލްތަކުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ. އޭގެ ތެރޭގައި އދ.ގެ ނަމޫނާ ބައްދަލުވުންތައް ވެސް ހިމެނެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *