ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ތަމްރީނުކުރި ކުދިންގެ ފަރާތުން ޤާނޫނާއި ޤަވާއިދާ ޚިލާފު ކަންތައްތައް ފެންނަލެއް މަދު
ސްކޫލް ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ކާމިޔާބު ކަމަށާއި ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ތަމްރީނުކުރި ކުދިންގެ ފަރާތުން ޤާނޫނާއި ޤަވާއިދާ ޚިލާފު ކަންތައްތައް ފެންނަލެއް މަދު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ހޭލުންތެރިކުރުވަން ފުލުހުން ހިންގާ "ރައްކާ" ޕްރޮގްރާމް ސްޕޮންސަރ ކުރުމަށް އެލައިޑް އިންޝުއަރެންސްގައި ބޭއްވި ރަސްމިއްޔާތުގައި ސީޕީ ނަވީން ވިދާޅުވީ، "ރައްކާ" ޕްރޮގްރާމުގެ ތެރެއިން އެންމެ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދާ އެއް ހަރަކާތަކީ ވެސް ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ސްކޫލްތަކުގެ ދަރިވަރުން ތަމްރީނު ކުރުން ކަމަށެވެ.

"ޤަވާއިދާޚިލާފަށް ދުއްވުމާއި އެކްސިޑެންޓްވުން ފަދަ ކަންތައްތައް ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ތަމްރީނު ކުރި ކުދިންގެ ފަރާތުން ފެންނަލެއް މަދު" ނަވީން ވިދާޅުވިއެވެ.
ނަވީން ވިދާޅުވީ، އެއިން ދައްކައިދެނީ ޓްރެފިކް މޮނިޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ކާމިޔާބީ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، މާލެއާއި އަތޮޅުތެރޭގެ ސްކޫލްތަކުގެ ދަރިވަރުން ބައިވެރިވާން އެންމެ ބޭނުންވާ ޕްރޮގްރާމަކީ ވެސް އެއީ ކަމަށެވެ.

މި އަހަރު ކުރިއަށް ގެންދާ "ރައްކާ" ޕްރޮގްރާމުގެ ހަރަކާތްތައް އިފްތިތާހު ކުރީ ޖެނުއަރީ މަހުގެ 8ވަނަ ދުވަހުއެވެ.
"ރައްކާ" ގެ ހަރަކާތްތަކަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ސްކޫލުތަކުގެ ދަރިވަރުންނާއި އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް އެކި ހަރަކާތްތައް ރާވައި ހިންގުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ. މި އަހަރު ރޯޑްސޭފްޓީ ހަރަކާތްތަކުގައި ބޭނުންކުރާ ހޭޝްޓޭގަކީ “ރަނގަޅުކޮށްލާ”އެވެ.

ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ކަލަންޑަރެއް އެކުލަވައިލައި ތާވަލުކުރެވިފައިވާ ވަކި ދުވަސްތަކެއް ކަނޑައަޅައިގެން މުޅި އަހަރަށް ބަހާލައިގެންނެވެ. މި ހަރަކާތްތައް ކުރިއަށް ގެންދަނީ މުޅި ރާއްޖެ ހިމެނޭ ގޮތަށެވެ.

އެގޮތުން، ރައްކާ ރޯޑް ޝޯވް، ޓްރެފިކް މޮނީޓާސް ޕްރޮގްރާމް، ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ޕްރޮގްރާމް، ފަހިރާސްތާ ޕްރޮގްރާމް، ޓެކްސީ ޑްރައިވަރުންގެ ޕްރޮގްރާމް، ކުންފުނިތަކުގެ ޑްރައިވަރުންނާއި މުވައްޒަފުންގެ ޕްރޮގްރާމް، ސަރުކާރު އިދާރާތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމް އަދި ފުލުހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމް ހިމެނެއެވެ.

ޓްރެފިކް މޮނީޓާސް ޕްރޮގްރާމްގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މައުލޫމާތާއި މަގުމަތީގެ ގަވާއިދުތައް ކިޔައިދީ އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފަރުދީ ގޮތުން ވެސް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި މަގުމަތި ބޭނުންކުރުމުގައި ފަރުވާތެރިވުމާއި، އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދެއެވެ.


advertisment
ހިޔާލު