ހަގީގީ ތަޢުލީމަކީ އަޅުގަނޑުމެންގެ ވިސްނުމާއި، އަމަލުތަކާއި، ކަންކަމުގައި އިޖާބަދޭ ގޮތް ބައްޓަންކޮށްދޭ މައިގަނޑު އަސާސެވެ. އުނގެނޭ އިލްމުގެ ސަބަބުން މީހާގެ އަޚުލާގަށާއި، ގަބޫލުކުރުންތަކަށާއި، އަމަލީ ދިރިއުޅުމަށް އެދެވޭ އަސަރެއް ނުކުރާނަމަ، އެއީ ހަގީގީ މާނައިގައި އުނގެނުމެއް ކަމުގައި ނުބެލެވޭނެއެވެ.
މިހާރަކަށް އައިސް، ތައުލީމީ ބިންގަލުން ފެށިގެން މަތީ ތައުލީމާ ހަމައަށް ބަލާއިރު، އުނގެނުމުގެ މާނަ މިވަނީ ހަމައެކަނި ސަނަދެއް ހާސިލުކުރުމުގެ މަގްސަދާ ގުޅިފައެވެ. ތައުލީމުގެ އަގު ވަޒަންކުރުން ކަރުދާސްކޮޅަކަށް ބިނާވުމުގެ ނަތީޖާއެއްގެ ގޮތުން، އުނގެނުމުގެ އަސްލު މަގްސަދު ވަނީ އޮޅުންބޮޅުންވެފައެވެ. އުނގެނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ އިލްމު ހޯދުމުގެ އިތުރުން، އެ އިލްމެއްގެ ބޭނުން އަމަލީ ދިރިއުޅުމުގައި އެންމެ ފުރިހަމަ ގޮތުގައި ހިފުމަށެވެ. އެއީ ތިމާގެ އަމިއްލަ ނަފްސަށާއި، ވަށައިގެންވާ މީހުންނަށާއި، މުޅި މުޖުތަމައަށް އޭގެ މަންފާ އެންމެ ހެޔޮ ގޮތުގައި ކުރާނެ ފަދަ ގޮތަކަށެވެ.
މިއަދުގެ ހާލަތަށް ބަލާއިރު، ގިނަ ދަރިވަރުންތަކެއް ތައުލީމު ހާސިލުކުރަމުންދަނީ ސާފު މަގްސަދެއް ނެތިކަން ފާހަގަކުރެވެއެވެ. އިލްމު އުނގެނުމަކީ ހަމައެކަނި މަތީ މާކްސް ހޯދުމާއި، ވަނަވަނައަށް ދިއުމާއި، އިނާމުތަކާއި ތަށިތައް ހާސިލުކުރުން ކަމުގައި މަޑުމަޑުން ބަދަލުވަމުން އެބަދެއެވެ. ގިނަ ދަރިވަރުން އުނގެނުމުގެ ތެރެއަށް ވަންނަނީ ކަންކަން އޮޅުންފިލުވުމުގެ ޝައުގުވެރިކަމެއް އޮވެގެން ނުވަތަ ވަކި އަމާޒެއް އޮވެގެންނެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ މުދައްރިސުންނާއި، ބެލެނިވެރިންނާއި، މުޅި މުޖުތަމައު އެކުދިންގެ ކިބައިން ކުރާ އުންމީދުތައް ފުރިހަމަކޮށްދިނުމަށްޓަކައި ކުރާ 'މަޖުބޫރު' ކަމަކަށް ވަނީ ވެފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ކާމިޔާބީއަކީ އަމިއްލަ ނަފްސު ތަރައްގީކޮށް ކުރިއަށް ދިއުމަށް ކުރާ ދަތުރެއްގެ ބަދަލުގައި، ހަމައެކަނި ބަޔަކަށް ދައްކާލުމަށް ކުރާ ކަމަކަށް ބަދަލުވެގެންދެއެވެ.
އުނގެނުމުގެ އަސާސަކީ ހަމައެކަނި ގްރޭޑްތައް ކަމުގައި ވެއްޖެނަމަ، އުނގެނޭ އެއްޗަކާއި އަމަލީ ދިރިއުޅުމާ ދެމެދު އޮންނަންޖެހޭ ގުޅުން ދެނެގަތުމަށް ކުދިންނަށް އުނދަގޫވެއެވެ. މިއަދު އުނގެނޭ ފިލާވަޅުތަކަކީ މާދަމާ އެކުދިންގެ ޝަޚުސިއްޔަތު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެއްޗެއްކަން ދެނެގަތުމަށް އެކުދިނަށް އުނދަގޫވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މަތީ ގްރޭޑްތަކަށް ދާއިރުވެސް، ތިމާ ޝައުގުވެރިވަނީ ކޮން ދާއިރާއަކަށް ކަމެއް، މަތީ ތަޢުލީމަށް ދާނީ ކޮން ދިމާލަކަށް ކަމެއް، އަދި އަމިއްލަ އުންމީދުތަކަކީ ކޮބައިކަން ގިނަ ދަރިވަރުންނަށް އޮންނަނީ ނޭނގިފައެވެ. ތަޢުލީމަކީ ދިރިއުޅުމުގެ މަގު ކޮށައިދީ، ގޮތް ނިންމުމުގެ ބާރުވެރިކަން ދޭންޖެހޭ އެއްޗެއް ނަމަވެސް، މިއަދު އެކަން މިވަނީ މަންޒިލެއް ނޭނގި ދުވަން މަޖުބޫރުވެފައިވާ ރޭހަކަށް ބަދަލުވެފައެވެ.
ޔަޤީނުންވެސް މިއީ ކުދިންގެ ނުކުޅެދުންތެރިކަމެއް ނޫނެވެ. މިއީ އެކުދިންގެ ވަށައިގެންވާ ނިޒާމު އެކުގައި ފޭލްވަމުންދާ ކަމުގެ ނިށާނެކެވެ. ތައުލީމަކީ ހަމައެކަނި އުނގެނެންވީ ކޮން އެއްޗެއްކަން ބުނެދިނުމުގެ ބަދަލުގައި، އުނގެނެނީ ކީއްވެގެންކަން ދަރިވަރުންނަށް އޮޅުންފިލުވައިދޭ އެއްޗަކަށް ވާންޖެހެއެވެ. އެކުދިންގެ ކިބައިގައިވާ ހުނަރުތައް ދެނެގަތުމަށާއި، ޝައުގުވެރިވާ ކަންކަމާ މެދު ސުވާލު އުފެއްދުމަށާއި، މާނަހުރި މުސްތަގުބަލެއް ތަސައްވުރު ކުރުމަށް ތައުލީމުގެ ތެރެއިން މަގުދައްކައިދޭންޖެހެއެވެ. އުނގެނުމުގެ ތެރެއަށް މަގުސަދެއް ވަނުމުން، އުނގެނުމުގެ ޝައުގުވެރިކަން އަމިއްލައަށް އުފެދި، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ގަދަވެ، ހާސިލުކުރެވޭ ކާމިޔާބީއަކީ ހަގީގީ އަގުހުރި އެއްޗަކަށް ބަދަލުވެއެވެ.
މިއީ މިހާރުން މިހާރަށް އަމަލީ ފިޔަވަޅު އަޅަންވީ ވަގުތެވެ. މުދައްރިސުން ކިޔަވައިދޭއިރު އެ ފިލާވަޅެއްގެ މުހިންމުކަން ބުނެދޭންޖެހެއެވެ. ބެލެނިވެރިން އެހެން ކުދިންނާ އަޅާކިޔުމުގެ ބަދަލުގައި، ތިމާގެ ދަރިފުޅުގެ ހުނަރުތައް ހޯދައި ދެނެގަތުމަށް ހިތްވަރު ދޭންޖެހެއެވެ. އަދި ތައުލީމީ މުއައްސަސާތަކުން ކާމިޔާބީއަކީ ހަމައެކަނި މާކްސް ކަމަށް ބަލާ މިންގަނޑު ބަދަލުކުރަންޖެހެއެވެ. ތައުލީމުގެ ހަގީގީ މަގުސަދު ހާސިލުވާނީ އޭރުންނެވެ.


advertisment
ހިޔާލު