އޭލެވެލް އިމްތިޙާނު މޭ/ ޖޫންގައި ވެސް ބާއްވައިދޭން އެދި 300 އެއްހައި ދަރިވަރުންގެ ޕެޓިޝަނެއް ހުށައަޅަން ތައްޔާރުވެއްޖެއެވެ.
މޭ/ޖޫންގައި ކުރިން ބާއްވަމުން އައި އޭލެވެލް އިމްތިޙާން އޮކްޓޫބަރު/ނޮވެމްބަރުގައި ބާއްވަން ނިންމީ ކޮވިޑްއާ ގުޅިގެން ތައުލީމީ ދާއިރާއަށް ގެނައި ބަދަލުގެ ތެރޭގައެވެ. އޭގެ ފަހުން އެ އިމްތިޙާން ބާއްވާ ތާރީޚަށް ބަދަލެއް ނުގެނެއެވެ.
ޕެޓިޝަނުގައި ސޮއިކުރުމުގެ ކަންތައްތަކުގައި އިސްކޮށް މަސައްކަތް ކުރާ ދަރިވަރަކު ދަރިވަރު ނޫހަށް ބުނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި އެޑިޔުކޭޝަން މިނިސްޓްރީއަށް މި ޕެޓިޝަން ހުށައަޅަނީ، އޭ ލެވެލްގެ ނަތީޖާ ދަށްވެއްޖެ ހާލަތެއްގައި ރިސިޓް ހަދައިގެން އޭ ލެވެލްގެ ގަދަ 10ގައި ހިމެނިގެން ސްކޮލާޝިޕް ހޯދަން އޮންނަ ފުރުސަތު ދަރިވަރުންނަށް ގެންލޭ ކަމަށާއި ރިސިޓް ހަދަން ފުރުސަތު ލިބެނީ އެއް އަހަރު ފަހުން ކަމަށެވެ. އެހެންވެ ޕެޓިޝަން ހުށައަޅަނީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށް އޭނާ ބުންޏެވެ.

ޕެޓިޝަނުގައި ބުނެފައިވާ ގޮތުގައި، ކޮންމެ އަހަރަކުވެސް އެޑެކްސެލް އޭލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ރާއްޖޭގެ ގިނަ އަދަދެއްގެ ދަރިވަރުން އަވަށްޓެރި ސްރީލަންކާ ނުވަތަ މެލޭޝިއާ ފަދަ ގައުމުތަކަށް ދަތުރު ކުރަން ޖެހެއެވެ. މިކަމުގެ ސަބަބުން އާއިލާތަކަށް މާލީ ބުރަ ބޮޑުވެ، ދަތުރު ކުރުމާއި އެކޮމޮޑޭޝަން އަދި އިމްތިހާނު ފީ ބޮޑުކުރަން މައިންބަފައިން ދައްކަން ޖެހެއެވެ. މީގެ އިތުރުން މޭ/ޖޫން އިމްތިހާނު ހަދަން ދަތުރު ކުރުމަކީ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭ ކަމެކެވެ. މިކަމުގެ ސަބަބުން ބޮޑެތި އިމްތިޙާނުތަކަށް ތައްޔާރުވަމުން އަންނަ ދަރިވަރުންނަށް އިތުރު ޕްރެޝަރާއި ވޯކްލޯޑް އިތުރުވެއެވެ. އޭގެ ބަދަލުގައި އޮކްޓޫބަރު މަހު އަލުން އިންތިޒާމު ކުރަން އިޚްތިޔާރު ކުރާ މީހުންނަށް ގިނަ ޔުނިޓްތަކެއް ނެގުމުގެ މާނައަކީ ވިދިވިދިގެން ހަތަރު ހަފުތާ އިމްތިހާނު ހެދުމެވެ. މިކަމުގެ ސަބަބުން ސްޓްރެސް، ނަފްސާނީ ވަރުބަލިކަން އަދި ޕާފޯމަންސް ދަށްވުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ.
މޭ/ޖޫންގައި އަލުން އިމްތިހާނު ހަދަން ދަރިވަރުންނަށް ފުރުސަތު ދިނުމަކީ އާއިލާތަކަށް މާލީ ގޮތުން ކުރިމަތިވާ ދަތިތައް ކުޑަކޮށް، ދަރިވަރުންނަށް އުނގެނުމުގެ މާހައުލަށް ތައްޔާރުވުމަށް އެހީތެރިވެދޭނެ ކަމަށާއި ދަރިވަރުންނަށް އިމްތިޙާނު އަލުން ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ބުނެފައިވެއެވެ.
ރާއްޖޭގައި ބާއްވާ މެއި/ޖޫންގައި ބާއްވާ އިމްތިޙާނުގައި ހިސްޓްރީ، އިންގްލިޝް ލިޓްރޭޗަރ އަދި ފޮރ މެތަމެޓިކްސް ފަދަ މާއްދާތައް މިހާރު ވެސް ކުރިއަށް ގެންދެވޭނެ ކަމަށާއި މިއިން ކޮންމެ މާއްދާއަކުން ވެސް ދަރިވަރުންނަށް ކިޔަވަން އިންތިޒާމު ހަމަޖެއްސެވުމަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އިން ވަރަށް ފަސޭހައިން ތަންފީޒު ކުރެވޭނެ ކަމެއް ކަމުގައި އެ ޕެޓިޝަންގައި ބުނެފައިވެއެވެ.
ދަރިވަރު ނޫހަށް މައުލޫމާތު ތިން ދަރިވަރު ބުނީ، ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި މަދުވެގެން 300 އެއްހާ ދަރިވަރުން ސޮއިކުރާނެ ކަމަށެވެ.
ކުރިން މެއި ޖޫންގައި ބާއްވަމުން އައި އޯލެވެލް އިމްތިޙާން ފަސް އަހަރަށް ފަހު މި އަހަރު ބާއްވާނީ އޮކްޓޫބަރު/ނޮވެމްބަރުގައެވެ.
advertisment
ހިޔާލު