2027ގައި ކިޔަވަން ފަށާ އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕަށް ހުޅުވާލައިފި

2027ބ ވަނަ އަހަރު ކިޔަވަން ފަށާ އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަންނަ އޭޕްރީލް މަހުގެ 30 އާ ހަމައަށް އޮތީ ހުޅުވާލާފައެވެ.

މިސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ދެކޮޅު ޓިކެޓް، އެސްޓެބްލިޝްމަންޓް އެލަވަންސް، ސްޓައިޕެންޑް، ޓިއުޝަން ފީ، ލިވިންގ އެލަވަންސް އަދި ހެލްތް އިންޝުރެންސް ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސައި ދެއެވެ.

މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނީ، މި ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު އެ މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އޮސްޓްރޭލިއާ އެވޯޑް ވެބްސައިޓުން ވެސް ލިބޭނެއެވެ.

މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕްގެ ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު މުހިންމެވެ. އަދި ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން މުހިންމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *