ބެލެނިވެރިންނަށް ޚާއްޞަކޮށް ކުރިއަށް ގެންދިޔަ ހަފްތާއެއްގެ ހަރަކާތްތަކުގެ ތެރެއިން " ކަލިނަރީ ޗެލަންޖް" އެއް ދ. އަތޮޅު މަދަރުސާއިން ކުރިއަށް ގެންގޮސްފިއެވެ.
މިއީ ބެލެނިވެރިންނާއި އެ ސްކޫލާ ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް، ބެލެނިވެރިންގެ އަގުވަޒަން ކުރުމަށް އެ ސްކޫލުން ފާހަގަކުރަމުންދާ ބެލެނިވެރިންގެ ހަފްތާގެ ތެރެއިން ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެކެވެ.

ދ. އަތޮޅު މަދަރުސާ ހިންގުމާ ހަވާލުވެ ހުންނެވި އެކްޓިން ޕްރިންސިޕަލް އައިމިނަތު ޖަމީލް ވިދާޅުވީ ބެލެނިވެރިންނަށް ޚާއްޞަ ހަފުތާއެއް އެ ސްކޫލްގައި ފާހަގަކުރީ އަލަށް ކަމަށާއި، ކަލިނަރީފަދަ މުބާރާތެއް ބޭއްވީވެސް އަލަށް ކަމަށެވެ.
" މިއީ އަލަށް ފެށިކަމަކަށްވެފައި، ބެލެނިވެރިންނާއި ދަރިވަރުންގެ އިތުރުން ރަށު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނު. މިފަދަ ދުވަސްތައް ފާހަގަކުރަނީ ސްކޫލް ހިންގުމުގައި ބެލެނިވެރިންގެ ދައުރު މިހާރަށްވުރެ ބޮޑުކޮށް، އެމީހުންގެ މުހިންމުކަން ހާމަކޮށްދޭން" އައިމިނަތު ޖަމީލް ވިދާޅުވިއެވެ.

ބެލެނިވެރިންގެ ހަފްތާގެ ހުރިހާ ކަމެއް އިންތިޒާމް ކުރީ ދ. އަތޮޅު މަދަރުސާގެ މުދައްރިސުންނެވެ. ހަފްތާ ހަރަކާތްތައް ނިންމާލަން ޚާއްޞަ ރަސްމިއްޔާތެއް ބާއްވަން ދަނީ ތައްޔާރުވަމުންނެވެ.
އައިމިނަތު ޖަމީލް ވިދާޅުވީ ބެލެނިވެރިންގެ ހަފްތާގެ ހަރަކާތްތަކުން ބެލެނިވެރިންގެ ފަންނުވެރިކަން ފެނިގެން ހިގެއްޖެކަމަށާއި، މިކަމުގެ ސަބަބުން ސްކޫލަށާއި ދަރިވަރުންނަށް ފައިދާތަކެއް ކުރިއަށް އޮތް ތަނުގައި ވާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކަލިނަރީ ޗެލަންޖް ކުރިއަށް ގެންދިޔައީ ފަސް ގުރޫޕަކަށް ބަހާލައިގެން ގުރޫޕެއްގައި 12 ބެލެނިވެރިން ހިމެނޭ ގޮތަށެވެ.
ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް12 އާ ހަމައަށް ދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭއިރު، އެ ސްކޫލްގައި 222 ދަރިވަރުން ކިޔަވަމުން ދެއެވެ.
advertisment
ހިޔާލު