ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނާރސިންގެ ޑީންއަކަށް އާމިނަތު ޝާފިއާ މިއަދު އައްޔަން ކުރައްވައިފިއެވެ.
ނަރސިންގ ސްކޫލާ ޝާފިއާ ގުޅިވަޑައިގެންނެވީ 1996 ވަނަ އަހަރު އެސިސްޓެންޓް ލެކްޗަރާއެއްގެ ގޮތުގައެވެ. އޭގެ ފަހުން އެސޯސިއޭޓް ލެކްޗަރާއެއްގެ އިތުރުން، ލެކްޗަރާއެއްގެ ގޮތުގައި ޑިޕާޓްމަންޓްގެ އިސްވެރިއެއްގެ ގޮތުން މަސައްކަތް ކުރެއްވިއެވެ. އެންމެ ފަހުން ހުންނެވީ ސީނިއަރ ލެކްޗަރާގެ މަޤާމުގައެވެ.
ޝާފިއާ، ބެޗްލާސް އޮފް ސައިންސް ހެއްދެވީ ނޭޕާލުގެ ބީޕީ ކޮއިރަލާ އިންސްޓިޓިއުޓް އޮފް ހެލްތް ސައިންސަސް އިންނެވެ. ޕަބްލިކްހެލްތްގެ ދާއިރާއިން މާސްޓަރސް ހެއްދެވީ އޮސްޓްރޭލިއާގެ މަހިޑޮލް ޔުނިވަރސިޓީންނެވެ.
އެމްއެންޔޫގައި މިއަދު ބޭއްވި ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ޝާފިއާ ވިދާޅުވީ، އޭނާ މަސައްކަތް ކުރައްވާނީ އެ ސްކޫލުން ކިޔަވާ ކުދިންނަކީ ފަންނީގޮތުން ޤާބިލު އަޚްލާޤީ ގޮތުން ރަނގަޅު ދަރިވަރުންތަކަކަށް ހަދަން ކަމަށެވެ. އަދި އަމާޒަކީ އެތަނުން ދަސްވެނިވާ ނަރުހުންނަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ ނަރުހުންތަކެއް ބިނާކުރުން ކަމަށެވެ.

އެކަން ޙާޞިލް ކުރުމަށް ސައިންސްގެ މައްޗަށް ބިނާވެފައިވާ ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމާއި އަމަލީ ދާއިރާއަށް ބޭނުންވާ ހުނަރުވެރި މަޝްވަރާކުރާ ތަނަވަސް ޚިޔާލުގެ ދަރިވަރުންތަކެއް އުފެއްދުމާއި އައު އީޖާދުތަކަށް ބާރުއެޅުމުގެ އިތުރުން ބަލިމީހުންނަށް ދެވޭ ފަރުވާ ފެންވަރު ރަނގަޅު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ޝާފިއާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކިޔަވާދިނުމާއި އުނގެނުމުގެ ފެންވަރު އެންމެ މަތީ ދަރަޖައަށް ގެންގޮސް، ކިޔަވައިދޭ މަންހަޖަކީ ޒަމާނަށް ފެތޭ ފެންވަރުހިފެހެއްޓިފައިވާ އެއްޗަކަށް ހެދުމާއެކު ދަރިވަރުންގެ ކިބައިގައި އަމިއްލައަށް އުނގެނުމުގެ ޝައުޤުވެރިކަން އުފައްދައި ފަންނީ ގޮތުން ކުރިއަރައި ދިއުމުގެ ރޫހު އަށަގެންނެވުމަށް މަސްކަތް ކުރައްވާނެ ކަމަށެވެ.
ދަރިވަރުން އުނގެނޭނެ އަކަށީގެންވާ މާހައުލެއް ޤާއިމްކޮށް ދާރިސުންނާއި ދަރިވަރުންނާ އޮންނަ ގުޅުން މިހާރަށްވުރެ ރަނގަޅު ކޮށް، ޓެކްނޮލޮޖީގެ އެހީގައި އުނގެނުމުގެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށް ވެސް ޝާފިއާ ވިދާޅުވިއެވެ.
"ދިރާސާ ކުރުމުގެ އާދަ އަޅުގަނޑުމެންގެ ތެރޭގައި އަށަގަންނުވަން އެބަޖެހޭ. ނަރުސްކަމަކީ ހަމައެކަނި އަމަލީ މަސައްކަތެއް ނޫން. އެއީ ސައިންޓިފިކް މައުލޫމާތުގެ މައްޗަށް ބިނާކޮށްފައިވާ ފަންނެއް. ދަރިވަރުންނާއި ދާރިސުން ގުޅިގެން އައު ހޯދުންތައް ހޯދަން ބާރުއެޅުމަކީ އަޅުގަނޑުމެން އިސްކަންދޭނެ ކަމެއް" ޝާފިއާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރު، ޑރ. ރަހީމާ އަބްދުއް ރަހީމް ވިދާޅުވީ، ދުވަސްވީ މީހުންނާއި ގޭގައި ތިބޭ މީހުންނަށް އަޅައިލުން ދިނުމަށްޓަކައި ކޮމިއުނިޓީ ނާރސިންގ އިތުރަށް ހަރުދަނާކުރުމާއި ކުރިޓިކަލް ކެއަރ ނަފުސާނީ ދުޅަހެޔޮކަން މައިންނާއި ދަރިންގެ ސިއްޙަތާއި އޮންކޮލޮޖީ ފަދަ ދާއިރާތަކުން ތަމްރީނުތައް ފުޅާވެގެން ދިއުމަކީ އުއްމީދެއް ކަމަށެވެ. ޕޯސްޓް ގުރެޖުއޭޝަން ކޯސްތައް އިތުރުކުރުން މުހިންމު ކަމަށާއި ޤައުމީ އަދި ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ފަދަ އިލްމީ ފަންނުވެރި ނަރުހުން އުފެއްދުމަށް މަސައްކަތް ކުރުމަށް ޑރ. ރަހީމާ ވަނީ އެދިވަޑައިގެންފައެވެ.
advertisment
ހިޔާލު