އައު އަހަރުގެ ކ. ގުރައިދޫ ކައުންސިލުގެ ހަދިޔާ: ޒަމާނީ އޮފީހަކާއި ސްޓާފު ރޫމެއް

ދިރާސީ އައު އަހަރު ކ. ގުރައިދޫ ކައުންސިލުން އެރަށު ސްކޫލުގެ މުވައްޒަފުންނަށް ހަދިޔާ ކުރީ ޒަމާނީ އޮފީހަކާއި ސްޓާފްރޫމެއްގެ އިތުރުން ޕްރިންސިޕަލަށް ޚާއްޞަ ކެބިންއެކެވެ.

މިއީ ވަރަށް ދަތީގައި މަސައްކަތް ކުރަމުން ދިޔަ ގުރައިދޫ ސްކޫލުގެ މުވައްޒަފުން މަސައްކަތް ކުރާނެ އެކަށީގެންވާ މާހައުލެއް ހޯދައިދިނުމަށް އެ ރަށު ކައުންސިލުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. 700،000 ރުފިޔާ ޚަރަދުވި އެ މަޝްރޫއުގެ ތެރެއިން ޕްރިންސިޕަލަށް ޚާއްޞަ ކެބިންއަކާއި ސްކޫލް އޮފީސް އޭރިޔާ އަދި ސްޓާފްރޫމްގެ ޖާގަ ބޮޑުކޮށް ފްލޯރިންގްއާއި ސީލިންގް އަޅައި، ކަރަންޓު ވައިރުކޮށް، ނެޓްވޯކް އެޅުމުގެ މަސައްކަތްތައް ކުރުމާއި ތަނަށް ބޭނުންވާ ފަރުނީޗަރު ހޯދާފައިވެއެވެ.

"ވަރަށް ދަތީގައި މަސައްކަތް ކުރަމުން އައި މުވައްޒަފުންނަށް ޒަމާނީ ވަޞީލަތްތަކާއެކު ރަނގަޅު މާހައުލެއް ހޯދައިދޭން ކައުންސިލުގައި އަޅުގަނޑުމެން އެދުނީ. ކައުންސިލުން ދިނީ މާލީ އެހީތެރިކަން. ބީލަމުގެ އުޞޫލުން ބަޔަކު ހޯދައިގެން ސްކޫލުން މަސައްކަތްތައް ކުރިއަށް ގެންދިޔައީ" ގުރައިދޫ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު މުޖްތަބާ ވިދާޅުވިއެވެ.

ގުރައިދޫ ސްކޫލުގައި 52 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު އެއިން ކޮންމެ މުވައްޒަފަކަށް ވަކި ކެބިންއެއް މިހާރު އެބަހުއްޓެވެ.

"މިއީ މުވައްޒަފުންގެ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް. ލުޔެއް. އެކަން މުވައްޒަފުން ވެސް ފާހަގަކުރޭ" އޭނާ ވިދާޅުވިއެވެ.

ގުރައިދޫ ސްކޫލުގައި 300 އެއްހާ ދަރިވަރުން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން އަންނައިރު، އެ ސްކޫލަށް ބޭނުންވާ ކޮންމެ ކަމެއްގައި ކައުންސިލާއި ބެލެނިވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ލިބެމުން އަންނަ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *