ނ. ޅޮހީ ސްކޫލުގެ 2026 ވަނަ އަހަރުގެ އާ ދިރާސީ އަހަރުގެ ކިޔެވުން، އެ ރަށު ކައުންސިލުން ހަދިޔާކުރި ފެންވަރު ރަނގަޅު ޒަމާނީ ކޮންޕިއުޓަރ ލެބަކާއެކު މިއަދު ފަށައިފިއެވެ.
ޅޮހީ ކައުންސިލްގެ މާލީ އެހީތެރިކަމާއެކު ގާއިމުކުރި މި ލެބަކީ ދަރިވަރުންނަށް ޑިޖިޓަލް ތައުލީމު ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ލެބްގައި އެންމެ ފަހުގެ 18 ކޮންޕިއުޓަރ ސިސްޓަމާއި، ކިޔަވައިދިނުމަށް ބޭނުންކުރާނެ 75 އިންޗީގެ ސްމާޓް ޓީވީ، ކޮންޕިއުޓަރ މޭޒު ހިމެނެއެވެ.

މި މަޝްރޫއުގެ ދަށުން، ޓީޗަރުން ކިޔަވައިދިނުމަށް ބޭނުންކުރާ އެކި އެކި ސޮފްޓްވެއަރތައް ގަތުމާއި، ކޮންޕިއުޓަރތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ހިނގާނެ ޚަރަދުތައް ކޮންމެ އަހަރެއްގެވެސް ކައުންސިލް ބަޖެޓުގައި ހިމެނުމަށް ވަނީ ނިންމާފައެވެ. މިއީ މި ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ކައުންސިލުން ވެފައިވާ ބޮޑު އިތުބާރެކެވެ.
ޅޮހީ ކައުންސިލުން ބޭނުންވަނީ މި ލެބުގެ ސަބަބުން ދަރިވަރުންނަށް ކޮންޕިއުޓަރ ސައިންސް މާއްދާ ކިޔެވުމަށް އިތުރު މަގުތަކެއް ފަހިވެގެންދިއުމަށެވެ. އަދި ޑިޖިޓަލް ވަސީލަތްތަކަށް ދަރިވަރުން އަހުލުވެރިވެ، މުސްތަގުބަލުގައި އުފެއްދުންތެރި ދަރިވަރުންތަކެއް ބިނާކުރުމަކީވެސް މި ލެބް ގާއިމުކުރުމުގެ މުހިންމު މަގުސަދެކެވެ.

އާ ދިރާސީ އަހަރުގެ ކިޔެވުން ފެށުނުއިރު ލިބުނު މި ބޮޑު ހަދިޔާއާއެކު، ސްކޫލުގެ މެނޭޖްމަންޓާއި ބެލެނިވެރިން އަދި ޓީޗަރުން ވަނީ ކައުންސިލުން ތައުލީމީ ދާއިރާއަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. މިއީ ރަށެއްގެ ކައުންސިލަކުން އެ ރަށެއްގެ ތައުލީމީ ފެންވަރު މަތިކުރުމަށް ކުރިއަށްގެންދިޔަ ނަމޫނާ މަސައްކަތެކެވެ.
މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދަރިވަރުންނާ މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް އިބްރާހިމް މުޙައްމަދު ވިދާޅުވީ، ސްކޫލުގެ ތަޢުލީމީ ފެންވަރު މަތިކުރުމަކީ ކައުންސިލްގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި މިހާރު ހުޅުވުނު ލެބު އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ގޮޑި ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ކައުންސިލުން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.
advertisment
ހިޔާލު