ދިރާސީ އައު އަހަރު ސަރުކާރުގެ 219 ސްކޫލެއްގައި 80،715 ދަރިވަރުން ކިޔަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ފޯރުކޮށްދީފައިވާ މައުލޫމާތަށް ބަލާއިރު، ހުޅުމާލޭގެ ދެވެނަ ފިޔަވަހީގައި ހުޅުވާ ޝަހީދު އަލީ ސްކޫލާއެކު ސަރުކާރުގެ 219 ސްކޫލެއްގައި ކިޔަވައިދެމުން ގެންދާނެއެވެ. ކިޔަވައިކުދިންގެ އާބާދީއަށް ބަލާއިރު ދިރާސީ އައުއަހަރު 80،715 ކުދިން ސްކޫލުތަކަށް ކިޔަވަންދާނެއެވެ. ސަރުކާރު ސްކޫލުތަކުގައި ކިޔަވައިދެއްވާ ޓީޗަރުންގެ އަދަދަކީ 9،952 އެވެ. މީގެ ތެރޭގައި 8000 ދިވެހި މުދައްރިސުން ހިމެނެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ހާމަކުރި ތަފާސް ހިސާބު ތަކަށް ބަލާއިރު، ދިރާސީ އައު އަހަރު ގުރޭޑް 1އަށް 4790 ދަރިވަރުން ވަދެފައިވެއެވެ. އެއީ އަތޮޅުތަކުގެ ސްކޫލުތަކަށް ވަން 3042 ދަރިވަރުންނާއި މާލެ ސަރަޙައްދުގެ ސްކޫލްތަކުގައި ގްރޭޑު 1 އަށް ވަން 1748 ދަރިވަރުންނެވެ. ކިޔެވުން ފަށާއިރު މި އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުން މިއަހަރު އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް 1530 ދަރިވަރަކު ބަދަލުވުމަށް އެދިފައިވެއެވެ. މާލެއިން ހުޅުމާލޭގެ ސްކޫލްތަކަށް ބަދަލުވުމަށް އެދިފައިވަނީ 836 ދަރިވަރުންނެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން މާދަމާ ފަށާއިރު، ދަރިވަރުންނަށް ބޭނުންވާ ފޮތްތަކާއި މުދައްރިސުން ހަމަވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
advertisment
ހިޔާލު