އެސްއެސްސީ އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ މާކަރުން ހޯދަނީ

އެސްއެސްސީ އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ މާކަރުން ހޯދަން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އިއުލާނުކޮށްފިއެވެ.

ޕަބްލިކް އެގްޒެމިނޭޝަނުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން އެ ޑިޕާޓްމަންޓުން ހޯދަނީ ދިވެހި އިސްލާމް މާއްދާގެ ޖަވާބު ކަރުދާސް މާކު ކުރަން ކޮންމެ މާއްދާއަކަށް 40 މާކަރުންނެވެ.

މާކަރުންގެ ޝަރުޠަކީ،

  1. މިއަހަރު އިމްތިޙާނުގައި ބައިވެރިވެ އިމްތިޙާނު ހަދައިފައިވާ ފަރާތަކަށް ނުވުން.
  2. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު އުމުރުން 65 އަހަރިވެފައިވާ ފަރާތްތެއްކަމުގައި ނުވުން.
  3. ވޭތުވެދިޔަ އަހަރުތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓުން ނުވަތަ ކަމާގުޅުން ހުރި އިދާރާއަކުން ސުލޫކީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން.
  4. ކީސްޓޭޖް 4 ނުވަތަ 5 ގެ އެޗް.އެސް.ސީ ނުވަތަ އެސް.އެސް.ސީ ސިލަބަހަށް ސްކޫލެއްގައި ކިޔަވައިދޭ ފަރާތަކަށްވުން ނުވަތަ

4.1 ކީސްޓޭޖް 5 (ގްރޭޑް 11 ނުވަތަ 12) ނުވަތަ ކީސްޓޭޖް 4 (ގްރޭޑް 9 ނުވަތަ 10) ސިލަބަހުގެ މަސައްކަތުގައި މިހާރު ވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޢަމަލީގޮތުން ނުވަތަ ފަންނީލަފާދިނުމުގެ މަސައްކަތްކުރާ ފަރާތަކަށްވުން ނުވަތަ

4.2 ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ މަތީ ތައުލީމުދޭ މަރުކަޒެއްގައި ދިވެހި ނުވަތަ އިސްލާމް ކިޔަވައިދޭ ފަރާތަކަށްވުން ނުވަތަ

4.3 ކީސްޓޭޖް 5 (ގްރޭޑް 11 ނުވަތަ 12) ނުވަތަ ކީސްޓ ޖް 4 (ގްރޭޑް 9 ނުވަތަ 10) ސިލަބަހަށް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން މަދުވެގެން 1 އަހަރު ކިޔަވައިދީފައިވުން ނުވަތަ ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން މަދުވެގެން 1 އަހަރު މާކިންގެ މަސައްކަތު ގައި އުޅެފައިވުމެވެ.

މާކަރުންގެ އުޖޫރައަކީ، މާކު ކުރާ ކޮންމެ ކަރުދާހަކަށް -/60 ރުފިޔާއެވެ. އަދި ޑީޕީއީގައި މާކިން މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރުފިޔާ ހަމަޖައްސައިދެއެވެ. ރީޗެކް މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ ވެސް ކަރުދާހަކަށް -/60 ރުފިޔާއެވެ. ރީޗެކުގައި މާކުސް ދެވުނުގޮތުގެ ރިޕޯޓް ލިޔުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ރިޕޯޓަކަށް -/200 ރުފިޔާ ކަނޑައަޅާފައިވެއެވެ.

މާކަރުން ނެގަން މާކްސް ދެވޭ ގޮތުގެ ތަފްޞީލަށް ބަލާއިރު، ތައުލީމަށް 30 މާކްސް، ކިޔަވައިދިނުމާގުޅޭ މަސައްކަތުގެ ތަޖުރިބާ/  ސިލަބަސް އެކު ލަވައިލުން / ފަންނީލަފާ ދިނުމަށް 10 މާކްސް، މާކު ކުރުމުގެ މަސައްކަތުގެ ތަޖުރިބާއަށް 20 މާކްސްގެ އިތުރުން މާކިންގ ވޯރކްޝޮޕް ގެ ނަތީޖާއަށް 20 މާކްސް ކަޑައަޅާފައިވެއެވެ.

މާކަރަކަށް ވުމަށް ފޯމް ހުށައަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 29  ޖަނަވަރީގެ 13:00 ގެ ކުރިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *