އެޑިޔުކޭޝަން ދާއިރާއިން ޕީއެޗްޑީއަށް ކިޔަވަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ހުޅުވާލައިފިއެވެ.
އެމްއެންޔޫއިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، ޕީއެޗްޑީ އަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މާރިޗު މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެ ކަމަށާއި ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv މެދުވެރިކޮށް ކަމަށް އެމްއެންޔޫއިން ބުނެއެވެ. އިތުރު މަޢުލޫމާތު studentservices@mnu.edu.mv އަށް މެއިލް ކޮށްގެންނާއި 1445 ފޯނުން ސާފުކުރެވޭނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.
ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) އިން އެޑިޔުކޭޝަން ކިޔަވޭނެ 15 ދާއިރާއެއްވެސް އެމްއެންޔޫގެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ. އެއީ،
• ކަރިކިއުލަމް/އެޑިޔުކޭޝަނަލް ރިފޯމް
• އެޑިޔުކޭޝަނަލް ޗޭންޖް އެންޑް އިނޮވޭޝަން
• ޕެޑަގޮޖިކަލް ޕްރެކްޓިސް
• އިސްލާމިކް އެޑިޔުކޭޝަން
• ފިލޯސޮފީ އޮފް އެޑިޔުކޭޝަން
• ސޯސިއޮލޮޖީ އޮފް އެޑިޔުކޭޝަން
• ކަރިކިއުލަމް ޑެވެލޮޕްމަންޓް
• އެޑިޔުކޭޝަނަލް ޕޮލިސީ
• އެޑިޔުކޭޝަން ފޮރ ސަސްޓެއިނަބަލް ޑެވެލޮޕްމެންޓް (އީ.އެސް.ޑީ)
• އިންޓަރގްރޭޓީންގ ސަސްޓެއިނަބިލިޓީ ޕްރިންސިޕަލްސް އިން ހަޔަރ އެޑިޔުކޭޝަން
• ހިއުމެނިޓީސް އެންޑް ސޯޝަލް ސައިންސަސް އިން އެޑިޔުކޭޝަން
• އެޑިޔުކޭޝަން ޓެކްނޯލޮޖީ އެންޑް ޕެޑަގޮޖީ
• ޓީޗަރ ޕްރޮފެޝަނަލް ޑެވެލޮޕްމަންޓް
• ކުއަލިޓީ އެޑިޔުކޭޝަން
• މެތަމެޓިކްސް އެޑިޔުކޭޝަން
ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) އިން އެޑިޔުކޭޝަން ކޯހަށް 93،600 ރުފިޔާ ޚަރަދުވާއިރު، މުއްދަތަކީ ތިން އަހަރާއި ހަ އަހަރާ ދެމެދެއެވެ. ފުލްޓައިމް ކޮށް އެންރޯލްކުރެވޭނީ ކެމްޕަސްއަށް ހާޒިރުވެ ކިޔަވަން ގަސްދުކުރާ ދަރިވަރުންނަށް ކަމަށް އެމްއެންޔޫއިން ބުނެއެވެ.
މި ކޯހުގެ ޝަރުޠަކީ، އެޑިޔުކޭޝަން ދާއިރާއިން އެމްކިއުއޭ ޤަބޫލުކުރާ ލެވެލް 9 ގެ ސަނަދަކާއި ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އަދި ދިރާސީ މަސައްކަތްތަކެއް ކުރުމުގެ ތަޖުރިބާ ލިބިފައިވުމެވެ. ޕީއެޗްޑީ ހާސިލުކުރަން ބޭނުންވާ ދާއިރާގެ ޕްރޮޕޯޒަލެއް ތައްޔާރުކޮށް އެޕްލިކޭޝަން ފޯމާއެކު ހުށަހެޅަން ޖެހެއެވެ. ޑިގްރީ ނުވަތަ މާސްޓަރސް ހާސިލުކުރުމުގެ ތެރޭގައި 1 އަހަރު ދުވަހުގެ ދިރާސީ މަސައްކަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް މި ކޯހުގައި އިސްކަންދެއެވެ.
މި ކޯހަށް ދަރިވަރުން ހޮވާނީ ޔުނިވަރސިޓީގެ ހަޔަރ ޑިގްރީސް ކޮމިޓީއިންނެވެ. ކޯހަށް ދަރިވަރުން ހޮވުމުގައި ބަލާނީ ދަރިވަރުގެ ތަޢްލީމީ ފެންވަރާއި (ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީގެ ފެންވަރު) މާސްޓަރސް ކޯހުގައި ދިރާސީ މާއްދާތައް ކިޔަވާފައިވާ މިންވަރާއި، އިތުރު ދިރާސީ މަސައްކަތް (ރިސާރޗް ޕޭޕަރ/ކޮންފަރެންސް ޕޭޕަރ/އެހެނިހެން ޕަބްލިކޭޝަން) ކުރެވިފައިވާ މިންވަރާއި، އަދި އެޕްލިކޭޝަނާއިއެކު ހުށަހަޅާ ރިސާރޗް ޕްރޮޕޯސަލްގެ ފެންވަރަށެވެ.
ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީ ފެންވަރު ކަނޑައަޅާނީ މި ދެ ކޯހުގެ ސީޖީޕީއޭ އަށް ބަލައިގެންނެވެ. ސީޖީޕީއޭ ލިޔެފައި ނުހުންނަ ޓްރާންސްކްރިޕްޓެއް ނަމަ ސީޖީޕީއޭ ކަލްކިއުލޭޓް ކުރުމުގައި ބަލާނީ އެ ޔުނިވަރސިޓީގައި ސީޖީޕީއޭ ކަނޑައަޅާ އުސޫލަށެވެ. އެޕްލިކޭޝަނާއި އެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް ހުށަނާޅާ ފަރާތްތަކުގެ އެޕްލިކޭޝަން ބާތިލް ވާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
advertisment
ހިޔާލު