އޭލެވެލް އިމްތިޙާނުގެ ނަތީޖާ ލިބުނު ދަރިވަރުންނަށް، އެކުދިންގެ ނަތީޖާއަށް ބަލައި ވަގުތުން ކޯހަށް ހޮވުނުކަމުގެ ލިޔުން (އޮފަރ ލެޓަރ) ދޫކުރުމާއި، އެޕްލިކޭޝަން މަރުޙަލާ ފުރިހަމަކުރުމަށް އެހީތެރިވެދިނުމުގެ ޚާއްޞަ އިންތިޒާމުތަކެއް ވިލާ ކޮލެޖުން ހަމަޖައްސައިފިއެވެ.
މިއީ މަތީ ތަޢުލީމުގެ ޙަޔާތް ފެށުމަށް ތައްޔާރުވަމުންދާ ދަރިވަރުންނަށް، އެކުދިން ކުރިމަތިލާން ބޭނުންވާ ދާއިރާތަކުން ޖާގަ ކަށަވަރުކޮށްދީ، އެޕްލިކޭޝަން ހުށަހެޅުމުގެ މަރުޙަލާ ވީހާވެސް ލުއިފަސޭހަކަމާއެކު ނިންމާލުމަށް ފަހިކޮށްދީފައިވާ ފުރުޞަތެކެވެ. މި ޚާއްޞަ ޚިދުމަތް ޖަނަވަރީ 24 ގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވިލާ ކޮލެޖުގެ ކިއު.އައި (QI) ކެމްޕަހުން ލިބިގެންދާނެއެވެ.
މި ޚިދުމަތުގެ ދަށުން ދަރިވަރުންނަށް ލިބިގެންދާނެ އެހީތެރިކަން:
ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ ދަރިވަރުން، ތަޢުލީމީ ސެޓްފިކެޓްތަކުގެ އަޞްލާއި އައިޑީ ކާޑު ހިއްޕަވައިގެން ކޮލެޖަށް ވަޑައިގަތުމުން ތިރީގައިވާ ޚިދުމަތްތައް ފޯރުކޮށްދެވޭނެ:
- ކެރިއަރ ގައިޑެންސް: ދަރިވަރުގެ ނަތީޖާއާއި ޝައުޤުވެރިކަން ހުރި ދާއިރާއާ ގުޅޭގޮތުން ތަޖުރިބާކާރު ކައުންސިލަރުންގެ އިރުޝާދު ލިބިގެންދާނެއެވެ.
- އެޕްލިކޭޝަން އެހީތެރިކަން: ކޯހަށް އެދޭ ފޯމު ފުރުމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމުގައި ކޮލެޖުން އެހީތެރިވެދޭނެއެވެ.
- ވަގުތުން އޮފަރ ލެޓަރ ދޫކުރުން: ހުށަހަޅާ ލިޔެކިޔުންތައް ބަލައި ޗެކްކުރުމަށްފަހު، ކޯހުގެ ޝަރުޠު ހަމަވާ ދަރިވަރުންނަށް ވަގުތުން ކޯހަށް ހޮވުނުކަމުގެ ލިޔުން ޙަވާލުކުރެވޭނެއެވެ.
ކުރިމަތިލެވޭނެ ކޯސްތަކާއި ދާއިރާތައް:
ވިލާ ކޮލެޖުގެ 2026 ޖަނަވަރީ އިންޓޭކުގައި ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓަރސްއާ ހަމައަށް 100 އަށްވުރެ ގިނަ ކޯސްތަކަށް ވަނީ ފުރުޞަތު ހުޅުވާލެވިފައެވެ. މީގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ އިތުރުން، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް (UWE) ގެ ޑިގްރީ ކޯސްތައް ހިމެނެއެވެ. މި އިންޓޭކްގައި ހުޅުވާލެވިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި: އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ސައިބަރ ސެކިއުރިޓީ، ޑާޓާ ސައިންސް، ސޮފްޓްވެއަރ އިންޖިނިއަރިންގ، ޓީޗިންގ (އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން، އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން، ޕްރައިމަރީ، ސެކަންޑަރީ)، ބިޒްނަސް މެނޭޖްމަންޓް، މާކެޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، އިންޖިނިއަރިންގ (މެކޭނިކަލް، އިލެކްޓްރިކަލް، ސިވިލް، މެކަޓްރޯނިކްސް)، ނަރސިންގ، ޕަބްލިކް ހެލްތް، ފްލެބޮޓޮމީ، ހެލްތް ސަރވިސަސް މެނޭޖްމަންޓް، ލޯ، ޝަރީޢާ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، އޭވިއޭޝަން މެނޭޖްމަންޓް، ސައިކޮލޮޖީ، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، ކައުންސެލިންގ، މާސް ކޮމިއުނިކޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ރިސާރޗް ސްޓަޑީސް، އިންޓީރިއަރ އާކިޓެކްޗަރ އެންޑް ޑިޒައިން، އަދި ކަލިނަރީ އާރޓްސް ފަދަ ދާއިރާތައް ހިމެނެއެވެ.
އަދި އޭލެވެލް ނަތީޖާ ދަށްވި ނަމަވެސް، ކޮލެޖުގެ ފައުންޑޭޝަން ޕްރޮގްރާމްތައް މެދުވެރިކޮށް ޑިގްރީއާ ހަމައަށް ވާޞިލުވުމުގެ މަގު ދަރިވަރުންނަށް ވަނީ ފަހިކޮށްދީފައެވެ.
ޚިދުމަތް ލިބޭނެ ވަގުތުތައް:
މި ޚިދުމަތް ހޯއްދެވުމަށް ވިލާ ކޮލެޖުގެ ކިއު.އައި ކެމްޕަހަށް ކޮންމެ ދުވަހަކު (ހުކުރު ދުވަސް ފިޔަވައި) ހެނދުނު 09:00 އިން ރޭގަނޑު 10:00 އާ ދެމެދު ޒިޔާރަތްކުރެއްވޭނެއެވެ. ޖަނަވަރީ އިންޓޭކަށް ފޯމު ބަލައިގަންނަ އެންމެ ފަހު ތާރީޚަކީ 24 ޖަނަވަރީ 2026 ކަމުގައިވާތީ، ވީހާވެސް އަވަހަކަށް މި ފުރުޞަތުގެ ބޭނުން ހިއްޕެވުމަށް ވިލާ ކޮލެޖުން ދަޢުވަތު އަރުވައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3303200 އަށް ގުޅުއްވުމުން ނުވަތަ ކޮލެޖުގެ ވެބްސައިޓް އަށް ޒިޔާރަތްކުރެއްވުމުން ލިބިލައްވާނެއެވެ.


advertisment
ހިޔާލު