އޭލެވެލްގެ ނަތީޖާއަށްބަލައި ކޯހަށް ހޮވުނުކަމުގެ ލިޔުން އެމްއެންޔޫއިން ވަގުތުން ދެނީ

އޭލެވެލްގެ ނަތީޖާއަށްބަލައި ކޯހަށް ހޮވުނުކަމުގެ ލިޔުން އެމްއެންޔޫއިން ވަގުތުން ދޭ ހަރަކާތް މިއަދު ހަވީރު ފަށާނެއެވެ. "ވަން ސްޓޮޕް އެޑްމިޝަން"ގެ ނަމުގައި މި ހަރަކާތް ކުރިއަށް ގެންދަނީ މިއަދާއި  މާދަމާއެވެ. މި ހަރަކާތް މި ދެ ދުވަހުގެ 16:00 އިން 20:00އަށް އެމްއެންޔޫގެ ހުރިހާ ފެކަލްޓީ/ސެންޓަރުތަކާބެހޭ ކުރިއަށް ގެންދާނެއެވެ.

މި ހަރަކާތުގެ އެންމެ ބޮޑު މަޤްސަދަކީ، ތަޢުލީމީ ހުވަފެން ހަޤީޤަތަކަށް ހަދަން ބޭނުންވާ ފަރާތްތަކަށް، އެއް ތަނަކުން، އެއް ފަހަރާ ޔުނިވަރސިޓީއަށް ވަނުމުގެ ހާއްސަ ފުރުސަތެއް ފަހިކޮށްދިނުމެވެ.

މި އިވެންޓުގެ ތެރޭގައި، ޔުނިވަރިސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުމާއި، އޯލެވެލް އަދި އޭލެވެލް ނަތީޖާތަކަށް ބެލުމަށްފަހު، ޝަރުތު ހަމަވާ ފަރާތްތަކަށް ކޯހަށް ހޮވުނުކަމުގެ ލިޔުން ވަގުތުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި ފުރުސަތުގެ ބޭނުން ހިފުމަށްޓަކައި، އިވެންޓަށް ވަޑައިގަންނަވާއިރު ނަތީޖާ ކަރުދާހުގެ އަސްލާއި އައިޑީ ކާޑު ގެންނެވުމަށް ދަންނަވަމެވެ. ކޯސްތަކުން ޖާގަ ދޫކުރެވޭނީ ލިބެން ހުރި މިންވަރަކަށް ބަލައިގެންނެވެ. މީގެ އިތުރުން، މި އިވެންޓް ކުރިއަށްދާ ވަގުތު، އެއްވެސް ފީއަކާ ނުލައި މުޅިން ހިލޭ އެޓެސްޓްކޮށްދިނުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ  ފަންނީ ޤާބިލް ލެކްޗަރަރުންނާއެކު ތަފާތު އެތައް ދާއިރާ އަކުން ތަޢުލީމާއި ތަމްރީން ޕްރޮގްރާމުތަކެއް ހިންގަމުންގެންދާ ޔުނިވަރސިޓީއެކެވެ. ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރަރުން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތުތާއި، މަތީ ތަޢުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު، އިވެންޓުގައި ބައިވެރިވާ ފަރާތްތަކާ ހިއްސާކުރައްވާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ތަޢުލީމު ހާސިލުކުރެވެން ހުރި ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމް، ހޮސްޕިޓާލިޓީ، ކަލިނަރީ އާޓްސް، ޖަރނަލިޒަމް، ޕޮލިޓިކަލް ސައިންސް، ބިޒްނަސް، އެކައުންޓިންގ، އިކޮނޮމިކްސް، ޓީޗިންގ، ފިޝަރީސް، ނަރސިންގ، ސައިކޮލޮޖީ، ހެލްތު ސައިންސަސް، އާކިޓެކްޗަރ، އިންޓީރިއަރ ޑިޒައިން، އިންފޮރމޭޝަން ޓެކްނޮލޮޖީ، ސިވިލް އެންޖިނިއިރިންގ، ސައެންސް، އެންވަޔަރަންމަންޓަލް މެނެޖްމަންޓް،  މެރިން ސައިންސް، މެރިޓައިމް ސްޓަޑީޒް، ޝަރީއާ، ލޯ، އަދި މެޑިސިން ހިމެނެއެވެ. މިފަދަ ރަނގަޅު ފުރުސަތެއްގެ ބޭނުން ހިފުމަށް އެންމެހާ ޝައުޤުވެރިވާ ފަރާތްތަކަށް ދަޢުވަތު އަރުވަމެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ދިރާސާކުރުމަށް ޚާއްޞަ ސަމާލުކަމެއްދީގެން ފަންނީ ޢިލްމީ ދިރާސާތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ޔުނިވަރސިޓީއަކަށްވާތީ، ތަފާތު ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ޝައުގުވެރިވާ ކުދިންގެ އިތުރުން ދިރާސާތައް ކުރުމަށް ޝައުގުވެރިވާ ކުދިންނަށް ބޭނުންވާ މަޢުލޫމާތުވެސް މި އިވެންޓުން ލިބިގެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *