ޗައިނާ ސަރުކާރުން ދޭ ޑިގްރީއާއި މާސްޓަރސް އަދި ޕީއެޗްޑީގެ ސްކޮލަރޝިޕަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މިއީ، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ލިބިފައިވާ ސްކޮލަރޝިޕްގެ ފުރުޞަތުތަކެކެވެ. މި ސްކޮލަރޝިޕްގެ ދަށުން ކިޔެވޭނީ ބެޗްލަރސް ޑިގްރީއާއި މާސްޓަރސް ޑިގްރީގެ އިތުރުން ޕީއެޗްޑީއަށް ޗައިނީޒް ސްކޮލަރޝިޕް ކައުންސިލުން އޮފަރކުރާ ދާއިރާތަކުންނެވެ. މި ސްކޮލަރޝިޕަށް ހުށައެޅުމުގެ ސުންގަޑިއަކީ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުގެ 13:30 ގެ ކުރިއެވެ.
މި ކޯސްތަކުގެ ޝަރުޠެއް ކަމަށް ބުނެފައި ވަނީ،
ބެޗްލަރސް ޑިގްރީ
- ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން.
- ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކުރައްވާފައިވުން.
- ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކޮށްފައިވުން.
ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.
- އެމްބީބީއެސް / ޑެންޓިސްޓްރީ އަށް ކުރިމަތިލާ ކެންޑިޑޭޓުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އިން ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވުން.
- ސީއެސްސީއޭ (ޗައިނާ ސްކޮލަސްޓިކް ކޮމްޕިޓެންސީ އެސެސްމެންޓް) އިމްތިހާން ފުރިހަމަކޮށްފައިވުން.
- 10 ފެބުރުވަރީ 2026 ގެ ނިޔަލަށް 25 އަހަރުވެފައިނުވުން.
- ޗައިނާ ބަހުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަކަށް ކުރިމަތިލާކަމުގައި އެޗްއެސްކޭ ލެވެލް 3 ހާސިލު ކޮށްފައިވުން.
މާސްޓަރސް ޑިގްރީ
- ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.
- 10 ފެބުރުވަރީ 2026 ގެ ނިޔަލަށް އުމުރުން 35 އަހަރުވެފައިނުވުން.
- ޗައިނާ ބަހުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަކަށް ކުރިމަތިލާކަމުގައި ވަނީނަމަ އެޗްއެސްކޭ ލެވެލް 4 ހާސިލު ކޮށްފައިވުން.
ޕީ.އެޗް.ޑީ
- ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން.
- 10 ފެބުރުވަރީ 2026 ގެ ނިޔަލަށް އުމުރުން 40 އަހަރުވެފައިނުވުން.
- ޗައިނާ ބަހުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަކަށް ކުރިމަތިލާކަމުގައި އެޗްއެސްކޭ ލެވެލް 4 ހާސިލު ކޮށްފައިވުން.
މި ސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓް ކުރާނެއެވެ. އަދި ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ.
– މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، އެކޮމޮޑޭޝަން، މެޑިކަލް އިންޝުރެންސް އަދި ސްޓައިޕެންޑް ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. (ލިބޭ އެލަވަންސްތަކުގެ ތަފްސީލް ވެބްސައިޓްގައި އަޕްލޯޑުކުރެވިފައިވާ ކޯހާއިބެހޭ އިތުރު މަޢުލޫމާތު ޝީޓްގައި ހިމެނިފައިވާނެއެވެ.) ރިޓާން އެއަރ ޓިކެޓް ދިނުމަށް ހަމަޖެހިފައިވަނީ މިމިނިސްޓްރީގެ ފަރާތުންނެވެ.
– މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓުންނާއި، ތިރީގައިވާ ޗައިނީޒް ގަވަރމަންޓް ސްކޮލަރޝިޕްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
– ކެންޑިޑޭޓުން ކިޔަވަންދާން ކަނޑައެޅޭ ޔުނިވަރސިޓީއެއް އެނގޭނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލުން ޕްލޭސްމަންޓް ހަމަޖެހުމުންނެވެ.
– މާސްޓަރސް ޑިގްރީ / ޕީ.އެޗް.ޑީ އަށް ކުރިމަތިލާ ކެންޑިޑޭޓުން ކިޔަވަންޖެހޭ ބަހެއް ކަނޑައެޅޭނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލްއިން ޕްލޭސްމަންޓް ފޮނުވުމުންނެވެ. ޕްލޭސްމަންޓް ލިބޭ ޔުނިވަރސިޓީގެ ގޮތުން ބައެއް ފަހަރު މުޅި ކޯސް ޗައިނީޒް ބަހުންވެސް ކުރިއަށް ގެންދަން ޖެހިދާނެއެވެ. ޗައިނީޒް ބަހުން ކޯސް ފުރިހަމަ ކުރައްވަން ޖެހޭކަމުގައިވަނީނަމަ 1 ނުވަތަ 2 އަހަރު ދުވަހުގެ ޗައިނީސް ލެންގްއޭޖް ކޯހެއް ފުރިހަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.
ޗައިނާ ސްކޮލަސްޓިކް ކޮމްޕެޓެންސީ އެސެސްމެންޓް (ސީއެސްސީއޭ) ހެދުމާއި ގުޅޭ މަޢުލޫތު ތިރީގައިވާ ލިންކް އިން ލިބެން ހުންނާނެއެވެ. ސީއެސްސީއޭ ހެދުމަށް ރެޖިސްޓަރވުމުގެ އެންމެފަހު ތާރީޚަކީ 25 ޖަނަވަރީ 2026 އެވެ.
– މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓްކުރެވޭ ކެންޑިޑޭޓުން މި މިނިސްޓްރީން އެންގުމުން، ޗައިނީޒް ސްކޮލަރޝިޕްގެ އޮންލައިން އެޕްލިކޭޝަން ފޯމާއި، އެފޯމާއިއެކު ހުށަހަޅަންޖެހޭ ސެޓްފިކެޓްތައް 09 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ. ޗައިނީޒް އޮންލައިން އެޕްލިކޭޝަން އާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތަފްސީލް މިއިޢުލާނާއިއެކު އަޕްލޯޑު ކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.
ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕްގެ ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަން ޖެހޭނެ ކަމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ. އަދި އެ ވުޒާރާއިން ބުނީ، އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެ ކަމަށެވެ.
advertisment
ހިޔާލު