މަތީ ތަޢުލީމުގެ ފެންވަރާއި އިތުބާރު ހިފެހެއްޓުމަށް ފިޔަވަޅުތަކެއް އަޅައިދޭން މަޖިލީހަށް

ރާއްޖޭގައި ކިޔަވައިދޭ މަތީ ތަޢުލީމުގެ ކޯސްތަކުގެ ފެންވަރާއި އިތުބާރު ހިފެހެއްޓުމަށް ފިޔަވަޅުތަކެއް އަޅައިދޭން މަޖިލީހަށް ހުށައަޅައިފިއެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސް ގަވާއިދު ކޮމިޓީން ފިޔަވަޅުތަކެއް އެޅުމަށް ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ކުޑޫ ވިދާޅުވެފައި ވަނީ، މަތީ ތަޢުލީމުގެ ކޯސްތަކުގައި ކިޔެވުމުގެ ފުރުސަތުތައް ސީދާ ތަނަށް ހާޒިރުވެގެންނާއި އޮންލައިންކޮށް ކިޔެވުމުގެ ދާއިރާއިން ކުރިއެރުންތައް ހޯދަމުން އަންނަ ކަމަށެވެ. އޭގަ ސަބަބުން ރަށްރަށުގައި ކިޔަވާ ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު އިތުރުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ކަންބޮޑުވުމެއްގެ ގޮތުގައި ކުޑޫ ފާހަގަކުރެއްވީ، އޮންލައިންކޮށް ބާއްވާ އިމްތިހާނުތަކުގެ ނަޒާހާތްތެރިކަމާ ގުޅޭ ޝަކުވާތައް ލިބިވަޑައިގަންނަވާ ކަމަށެވެ. މި ޝަކުވާތަކާ ގުޅިގެން ކުޑޫ ފާހަގަކުރެއްވީ، ކޯސްތަކުގައި ކިޔަވަމުން އަންނަ ބައެއް ދަރިވަރުން އެހެން މީހުންގެ މަސައްކަތްތައް ކޮޕީކުރުމާއި އުޖޫރަ ދީގެން މީހުން ލައްވާ މަސައްކަތްކުރުވުމާއި ހުއްދަނޫން ގޮތެއްގައި އޭއައިގެ އެހީތެރިކަން ހޯދައިގެން އެ ގޮތްގޮތަށް ފާސްވުމުގެ ފުރުސަތު ދަރިވަރުންނަށް އޮންނައިރު، އެ ފަދަ ކަންކަން ދެނެގަނެވޭނެ ގޮތެއް ނެތް ކަމަށެވެ.

އެކަމުގެ ސަބަބުން ބުރަ މަސައްކަތުން ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ސަނަދުގެ އަގުވެއްޓި، ވަޒީފާ ދޭ ފަރާތްތަކަށް އެ ސަނަދުތަކަށް އިތުބާރުކުރަން ދަތިވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމަށް ލިބޭ ބޮޑު ގެއްލުމެއްކަން ކުޑޫ ފާހަގަކުރައްވާފައިވެއެވެ.

ކުޑޫ ވިދާޅުވީ، މަތީ ތައުލީމުގެ ފެންވަރާއި ކޮލިޓީއާ މެދު ހުރި މިފަދަ ޝަކުވާތަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން އެކަށީގެންވާ ވަގުތުގައި ރަސްމީ ޖަވާބެއް ނުލިބޭ ކަމަށެވެ. އެހެންވެ، ބައެއް ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމުގެ މައްސަލާގައި ރައްޔިޔުންގެ މަޖިލީހުން ހަރުދަނާ ފިޔަވަޅުތައް އަޅައިފިނަމަ ރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އަގާއި ބައިނަލްއަގުވާމީ އިތުބާރު ދެމެހެއްޓޭނެ ކަމަށް ކުޑޫ ފާހަގަކުރައްވާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *