އެޓްމޮސްފިއަރ ފައުންޑޭޝަންގެ އެހީގައި އިންޖިނިއަރިންގ ދާއިރާއިން ހިލޭ ކިޔެވުމުގެ ފުރުޞަތު ވިލާ ކޮލެޖުން ހުޅުވާލައިފި

 

ވިލާ ކޮލެޖާއި އެޓްމޮސްފިއަރ ފައުންޑޭޝަން ގުޅިގެން، އިންޖިނިއަރިންގ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމުގެ ޝައުޤުވެރިކަން ހުރި، ނަމަވެސް މާލީ ދަތިތަކާހުރެ އެ ފުރުޞަތު ލިބިފައިނުވާ ދަރިވަރުންނަށް ޚާއްޞަކޮށްގެން "އިންޖިނިއަރިންގ ސްޕޮންސަރޝިޕް ސްކީމް"ގެ ނަމުގައި ހިލޭ ކިޔެވުމުގެ ފުރުޞަތުތަކެއް ހުޅުވާލައިފިއެވެ.

މި ސްކީމަކީ އެޓްމޮސްފިއަރ ފައުންޑޭޝަންގެ މާލީ އެހީތެރިކަމާއެކު، ތަޢުލީމީ ގޮތުން ޤާބިލު އަދި ހުނަރުވެރި ދަރިވަރުން ބިނާކުރުމަށްޓަކައި ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ. މި ސްކީމްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދެވޭނީ ވިލާ ކޮލެޖުގެ ކިއު.އައި ކެމްޕަހުގައެވެ .
މި ސްކީމްގެ ދަށުން ޖުމްލަ 3 ފަރާތަކަށް، ހުރިހާ ޚަރަދެއް ހަމަޖެހިފައިވާ (ފުލީ ފަންޑަޑް) ސްކޮލަރޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:

  • ފައުންޑޭޝަން އިން އިންޖިނިއަރިންގ: 2 ޖާގަ
  • ބެޗެލަރ އޮފް ސިވިލް އިންޖިނިއަރިންގ: 1 ޖާގަ

މި ސްކޮލަރޝިޕްގެ ދަށުން ދަރިވަރުންގެ އެޕްލިކޭޝަން އަދި ރެޖިސްޓްރޭޝަން ފީ، ޓިއުޝަން ފީގެ އިތުރުން ކޯހާ ގުޅޭ އިތުރު ފީތައް
ހަމަޖެހިގެންދާނެއެވެ.

ޝަރުތުތައް:

މި ސްކޮލަރޝިޕަށް އެދި ހުށަހެޅޭނީ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ:

  1. ދިވެހި ރައްޔިތަކަށްވުން.
  2. ވިލާ ކޮލެޖުން ކަނޑައަޅާފައިވާ، ކުރިމަތިލާ ކޯހަށް ވަނުމުގެ ޝަރުތު (އެންޓްރީ ރިކުއަޔަރމެންޓް) ފުރިހަމަވުން.
  3. މަތީ ތަޢުލީމުދޭ އެހެން އެއްވެސް މަރުކަޒެއްގައި މިވަގުތު ކިޔަވަމުންދާ ދަރިވަރަކަށް ނުވުން.
  4. ގޭބިސީގެ އާމްދަނީއާއި ޚަރަދުތައް ހާމަކޮށްދިނުމާއެކު، މާލީ އެހީތެރިކަމަށް ބޭނުންޖެހިފައިވާކަން ސާބިތުކޮށްދިނުން.
  5. އިންޖިނިއަރިންގ ދާއިރާއިން ކުރިއަށްދިއުމުގެ ޝައުޤުވެރިކަމާއި ސާބިތުކަން ހުރުން.

ދަރިވަރުން ހޮވުމުގައި ބަލާނެ މިންގަނޑުތައް:

ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖާއި އެޓްމޮސްފިއަރ ފައުންޑޭޝަން ގުޅިގެން އެކުލަވާލާ ޚާއްޞަ ކޮމިޓީއަކުންނެވެ. ކެންޑިޑޭޓުންނަށް ޕޮއިންޓް ދިނުމުގައި ބަލާނީ:

  • ތަޢުލީމީ ނަތީޖާ (40 ޕޮއިންޓް): އޯލެވެލް ނުވަތަ އޭލެވެލް ފަދަ އިމްތިޙާނުތަކުގެ ނަތީޖާ (މިބައިން މާކްސް ދިނުމުގައި، ހިސާބު އަދި ސައިންސްގެ މާއްދާތަކުން ރަނގަޅު ނަތީޖާ ހޯދާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ)
  • މާލީ ޙާލަތު (40 ޕޮއިންޓް): ހުށަހަޅާފައިވާ އާމްދަނީއާއި ޚަރަދުގެ ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް، މަތީ ތަޢުލީމު ހާސިލުކުރުމަށް މާލީ އެހީތެރިކަން ބޭނުންވެފައިވާ މިންވަރު
  • ޕާސަނަލް ސްޓޭޓްމަންޓް (20 ޕޮއިންޓް): އިންޖިނިއަރިންގ ދާއިރާއަށް ހުރި ޝައުޤުވެރިކަމާއި، ދާއިރާގެ މަޢުލޫމާތު އެނގޭ މިންވަރާއި، ލީޑަރޝިޕް ހުނަރުގެ އިތުރުން މުސްތަޤްބަލުގެ ލަނޑުދަނޑިތައް ބަޔާންކޮށްދޭ މިންވަރު

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސްކޮލަރޝިޕް އެޕްލިކޭޝަން ފޯމު
  2. ވިލާ ކޮލެޖުގެ ކޯހަކުން ޖާގަ ކަށަވަރުވިކަމުގެ ލިޔުން (ކޮންފާމްޑް އޮފަރ ލެޓަރ)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  5. މާލީ ޙާލަތު އަންގައިދިނުމަށްޓަކައި ގޭބިސީގެ އާމްދަނީއާއި ޚަރަދުގެ ބަޔާން
  6. ޕާސަނަލް ސްޓޭޓްމަންޓެއް

ސުންގަޑި:

މި ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 01  ފެބްރުއަރީ 2026 އެވެ.

އެޕްލިކޭޝަން ފޯމު މި Application Form Link ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *