އޭލެވެލް ނިންމި ދަރިވަރުންނަށް ޚާއްޞަކޮށްގެން "ވަން ސްޓޮޕް އެޑްމިޝަން" ހަރަކާތެއް އެމްއެންޔޫއިން މާދަމާ ފަށަނީ

އޭލެވެލް ނިންމި ދަރިވަރުންނަށް ޚާއްޞަކޮށްގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން "ވަން ސްޓޮޕް އެޑްމިޝަން"ގެ ބޮޑު ހަރަކާތެއް މާދަމާ ފަށަން ނިންމައިފިއެވެ.

ފެބުރުވަރީގައި ފަށާ ފުރަތަމަ ޓާމުގެ ކޯސްތަކުގެ މައުލޫމާތާއި އަދި ކޯސްތަކަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ  "ވަން ސްޓޮޕް އެޑްމިޝަން" ހަރަކާތް ކުރިއަށް ދާނީ މި މަހުގެ 15 ވާ ބުރާސްފަތި ދުވަހާއި  18-19 ވަނަ ދުވަހު ދުވަހު އެ ޔުނިވަރސިޓީގެ މައިމަރުކަޒުގެވެ.

މި ހަރަކާތް ކުރިއަށްދާނީ ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީ/ސެންޓަރުތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭ ގޮތަށް، ބުރާސްފަތި ދުވަހު 16:00 ން 18:00 އަށެވެ. އެންމެ ބޮޑު މަޤްސަދަކީ، ތަޢުލީމީ ހުވަފެން ހަޤީޤަތަކަށް ހަދަން ބޭނުންވާ ފަރާތްތަކަށް، އެއް ތަނަކުން، އެއް ފަހަރާ ޔުނިވަރސިޓީއަށް ވަނުމުގެ ހާއްސަ ފުރުސަތެއް ފަހިކޮށްދިނުމެވެ.

މި ހަރަކާތުގެ ތެރޭގައި، ޔުނިވަރިސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުމާއި، އޯލެވެލް އަދި އެހެނިހެން ނަތީޖާތަކަށް ބެލުމަށްފަހު، ޝަރުތު ހަމަވާ ފަރާތްތަކަށް ކޯހަށް ހޮވުނުކަމުގެ ލިޔުން ވަގުތުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފުރުސަތުގެ ބޭނުން ހިފުމަށް އިވެންޓަށް ދަރިވަރުން އަންނައިރު ނަތީޖާ ކަރުދާހާއި އައި.ޑީ ކާޑު ގެނައުމުން ޔުނިވަރސިޓީގެ ކޯސްތަކުގައި ޖާގަ ހުރި މިންވަރަކުން މި ފުރުސަތު ދެވިގެންދާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ  ފަންނީ ޤާބިލް ލެކްޗަރަރުންނާއެކު ތަފާތު އެތައް ދާއިރާ އަކުން ތަޢުލީމާއި ތަމްރީން ޕްރޮގްރާމުތަކެއް ހިންގަމުންގެންދާ ޔުނިވަރސިޓީއެކެވެ. ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރަރުން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތުތާއި، މަތީ ތަޢުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު، އިވެންޓުގައި ބައިވެރިވާ ފަރާތްތަކާ ހިއްސާކުރައްވާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ތަޢުލީމު ހާސިލުކުރެވެން ހުރި ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމް، ހޮސްޕިޓާލިޓީ، ކަލިނަރީ އާޓްސް، ޖަރނަލިޒަމް، ޕޮލިޓިކަލް ސައިންސް، ބިޒްނަސް، އެކައުންޓިންގ، އިކޮނޮމިކްސް، ޓީޗިންގ، ފިޝަރީސް، ނަރސިންގ، ސައިކޮލޮޖީ، ހެލްތު ސައިންސަސް، އާކިޓެކްޗަރ، އިންޓީރިއަރ ޑިޒައިން، އިންފޮރމޭޝަން ޓެކްނޮލޮޖީ، ސިވިލް އެންޖިނިއިރިންގ، ސައެންސް، އެންވަޔަރަންމަންޓަލް މެނެޖްމަންޓް،  މެރިން ސައިންސް، މެރިޓައިމް ސްޓަޑީޒް، ޝަރީއާ، ލޯ، އަދި މެޑިސިން ހިމެނެއެވެ. މިފަދަ ރަނގަޅު ފުރުސަތެއްގެ ބޭނުން ހިފުމަށް އެންމެހާ ޝައުޤުވެރިވާ ފަރާތްތަކަށް ދަޢުވަތު އަރުވަމެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ދިރާސާކުރުމަށް ޚާއްޞަ ސަމާލުކަމެއްދީގެން ފަންނީ ޢިލްމީ ދިރާސާތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ޔުނިވަރސިޓީއަކަށްވާތީ، ތަފާތު ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ޝައުގުވެރިވާ ކުދިންގެ އިތުރުން ދިރާސާތައް ކުރުމަށް ޝައުގުވެރިވާ ކުދިންނަށް ބޭނުންވާ މަޢުލޫމާތުވެސް މި އިވެންޓުން ލިބިގެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *