ޔޫއޭއީގެ ސަރުކާރުން ދޭ "ޒައިދު ސަސްޓެއިނިބިލިޓީ ޕްރައިޒް"، ފ. އަތޮޅު ތައުލީމީ މަރުކަޒަށް ލިބިއްޖެއެވެ. އެ ސްކޫލަށް އެ އެވޯޑް ލިބުނީ، "ޒައިދު ސަސްޓެއިނިބިލިޓީ ޕްރައިޒް ގްލޯބަލް ހައި ސްކޫލްސް – ސައުތު އޭޝިއާ"އިންނެވެ.
އެ ސްކޫލަށް އެވޯޑް ލުބުނީ، ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ސާފު ހަކަތާއި ބޯފެން ފޯރުކޮށްދިނުމަށް ކުރި މަސައްކަތުގެ ސަބަބުންނެވެ. ސާފު ހަކަތަ ބޭނުން ކޮށްގެން ފެންފޯރުކޮށް ދިނުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ ސަބަބުން އަހަރަކު 1،200 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުވުން ހުއްޓުވެއެވެ. އެވޯޑް ދިނީ އެ ސްކޫލުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
އެގޮތުން އެ ސްކޫލުގެ ދަރިވަރުން ހިންގި ޕްރޮޖެކްޓްގައި، އިރުގެ ހަކަތަ އާއި ވައިގެ ހަކަތަ ބޭނުންކުރުމާއި ވާރޭފެން ރައްކާކުރުމާއި ފެން މެނޭޖުކުރުން ހަރުދަނާކުރުމާއި ދެމެހެއްޓެނިވި ދަނޑުވެރިކަމާއި ހައިޑްރޯޕޮނިކްސް ބޭނުންކޮށްގެން ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ. މީގެ ކުރިން ވެސް ފ. އޭއީސީން ހުށައެޅި ޕްރޮޖެކްޓެއް ނޮމިނޭޓްވެފައިވެއެވެ.
ޒައިދު ސަސްޓެނައިބިލިޓީ އެވޯޑަކީ ޔޫއޭއީގެ ބާނީ ޝައިހް ޒައިދު ބިން ސުލްތާން އަލް ނަހުޔާންގެ ނަންފުޅުގައި ދޭ އިނާމެކެވެ.


advertisment
ހިޔާލު