ޝަޒްފާގެ ކުއްލި ވަކިވުން، ހދ އޭއީސީއަށް ވެސް ސިހުމެއް

ހދ. ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 10ގައި ކިޔަވަމުން އައި އުމުރުން 16 އަހަރުގެ ޝަޒްފާ އަބްދުﷲ އިބްރާހިމް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ކުއްލި ގޮތަކަށް ޝަޒްފާ ނިޔާވުމުން އެ ސްކޫލާއި މުޅިރަށަށް ވެސް ލިބުނީ ހައިރާންކަމެކެވެ. ޝަޒްފާ ނިޔާވެފައި އޮތްކަން އެނގުނީ ރޭ ފަތިހު ހޭނުލުމުން ގޮސް ބެލުމުންނެވެ. ޝަޒްފާއަކީ އޭނާގެ މައިންބަފައިންގެ ހަމައެކަނި ދަރިފުޅެވެ. ވަރަށް ގަދައަށް ބޮލުގައި ރިއްސާތީ ޝަޒްފާ ރޭ ނިދީ ބޭސް ވެސް ކައިގެންނެވެ.

"ބޮލުގައި ރިއްސާތީ ބޭސް ކައިގެން ނިދީ. ހޭނުލައިގެން ގޮވިއިރު ނިޔާވެފައި އޮތް ކަމަށް ވަނީ" އާއިލާގެ ފަރާތުން ލިބުނު މައުލޫމާތަށް ރިޔާއަތްކޮށް ހދ. އޭއީސީގެ ޕްރިންސިޕަލް މުޙައްމަދު މަތީން ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

ގުރޭޑް 9އާ ހަމައަށް ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލުން ކިޔެވުމަށްފަހު، ގުރޭޑް 10 އަށް ޝަޒްފާ ބަދަލުވީ ހދ. އޭއީސީއަށެވެ.

މަތީން ވިދާޅުވީ، އޯލެވެލްއަށް ތައްޔާރުވުމުގެ ގޮތުން ސްކޫލަށް ހާޒިރުވެގެންނާއި އޮންލައިންކޮށް ކުރިއަށް ގެންދާ ކުލާސްތަކުގައި ވެސް ޝަޒްފާ ބައިވެރިވަމުން އައި ކަމަށާއި އެއްވެސް އުނދަގުލެއް ވެގެން އުޅުނު ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

"އެއްވެސް އުނދަގުލެއް ވެގެން އުޅުނު ކަމުގެ މައުޅޫމާތެއް އަޅުގަނޑުމެންނަށް ފާހަގަވެފައެއް ނެތް" މަތީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޝަޒްފާއަކީ އަޚްލާޤު ރަނގަޅު ކިޔަވަން މަސައްކަތް ކުރާ މޮޅު ދަރިވަރެއް ކަމަށެވެ.

"ނަތީޖާއަށް ބަލާއިރުވެސް ހުރިހާ މާއްދާއަކުން ވެސް އެވްރެޖްގޮތެއްގައި ސްކޯ ކުރަމުން އައި ދަރިވަރެއް އެއީ" މަތީން ވިދާޅުވިއެވެ.

ޝަޒުފާ އެންމެ ފަހުން ދިޔައީ އެ ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނާއެކު މެރިން ސައިންސް ދަތުރުގައެވެ. އެ ދަތުރުގައި ބައިވެރިވި ޓީޗަރަކު ދަރިވަރު ނޫހަށް ވިދާޅުވީ، އެ ދަތުރުގައި ވެސް އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވާ ކަމަށެވެ.

ޝަޒްފާއަކީ ހދ. އޭއީސީގެ އިންގްލިޝް ލިޗްރަރީ އެސޯސިއޭޝަންގެ ނާއިބް ރައީސެވެ. އަދި ސްޓޫޑެންޓް ކައުންސިލަށް ވެސް ހޮވިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *