12 އަހަރުގެ ޔޫސުފު: އިނގުރައިދޫގެ ފުރަތަމަ ޙާފިޡު

ޙިފްޡުކޮމިޓީއަށް ކިޔައިދީ، އެއްވަނަ ދަރަޖައިގައި އިމްތިޙާނުން ފާސްވެ ސަނަދު ހޯދީ 12 އަހަރުގައި ނަމަވެސް ޤުރުއާން ހިތުދަސްކޮށް ނިންމީ 6 އަހަރުގައި

ހަ އަހަރުގައި ޤުރްއާން ހިތުދަސްކޮށް ނިންމައި، 12 ވަނަ އަހަރުގައި އިމްތިޙާނުގައި ބައިވެރިވެ ހާފިޒު ކަމުގެ ސަނަދު ހޯދި އަލްޙާފިޡް ޔޫސުފް ބިން މާޒިން ވަނީ އޭނާގެ އުފަން ރަށް ރ. އިނގުރައިދޫއަށް ބޮޑު ޝަރަފެއް ހޯދައިދީފައެވެ. އެރަށު އުދަރެސް ގެއަށް ނިސްބަތްވާ ޔޫސުފަކީ އެރަށުގެ ފުރަތަމަ ޙާފިޡެވެ.

ޤުރްއާން ހިތުދަސްކުރަން ޔޫސުފު ފެށީ އުމުރުން އެންމެ ދެ އަހަރުގައި ދޮންދޫނި ޕްރީސްކޫލުގެ ބޭބީ ނާސަރީގައި ކިޔަވަން ފެށި ހިސާބުންނެވެ. ގޭގައި މަންމަމެން ޤުރްއާން ކިޔަވަން އިންނައިރު ޔޫސުފުވެސް ބައިވެރިވެ ޤުރްއާން ކިޔަވާ އަޑުއަހައެވެ. އޭނާގެ ހިތުގައި ޤުރްއާނަށް ޚާއްޞަ ޝަޢުޤުވެރިކަމެއް އުފެދުނީ ގޭތެރެއިން އިވެމުން ދިޔަ ޤުރްއާނުގެ އަޑުންނެވެ.

"ފުރަމަ ފާހަގަވީ ޤުރްއާން ކިޔަވާ އަޑުއަހައިގެން ދަސްކުރާކަން. އޭގެ ފަހުން ސްކޫލާއި ގޭގައި ވެސް މަސައްކަތްތަކެއް ކުރަންފެށީ" ޔޫސުފުގެ ބައްޕަ މާޒިން ހުސައިން އިބްރާހިމް ދަރިވަރު ނޫހަށް ކިޔައިދިނެވެ.

ހަތަރު އަހަރުން ޤުރްއާން ހިތުދަސްކޮށް ނިންމާލިއިރު، ޔޫސުފު އޭރު ކިޔަވަމުން ދިޔައީ ދޮންދޫނި ސްކޫލުގެ ޔޫކޭޖީގައެވެ. ހިފްޒް ކޮމިޓީއަށް ކިޔައިދިނުމުގެ ކުރިން ބައިވެރިވާން ޖެހޭ މުރާޖައާ ކުލާސް ސްކޫލުގެ ވަގުތާ ފުށުއަރާތީއާއި ޔޫސުފުގެ އުމުރަށް ބަލައި، އެ މަސައްކަތް އެ އާއިލާއިން ލަސްކޮށްލިއެވެ. ޤުރްއާން ހިތުދަސް ހާފިޒަކަށް ކިޔައިދިނުމަށްފަހު، ކޮމިޓީއަށް ކިޔައިދެވޭ ގޮތަށް ޤަވާއިދަށް ގެނައި ބަދަލާއެކު ޔޫސުފު އިމްތިހާނަށް ތައްޔާރުވީ ޑރ. އިޔާޒް އަބްދުއްލަތީފަށް ޤުރުއާން އެއްކޮށް ހިތުން ކިޔައިދީގެންނެވެ.

ޔޫސުފުގެ ބައްޕަބުނީ، ޤުރްއާން ހިތުދަސްކުރުމަށްފަހު، މިވީ ހަ އަހަރުގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް މަދުވެގެން ފޮތެއް ޔޫސުފު މުރާޖައާ ކުރަމުން ދިޔަ ކަމަށެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ހިފްކޮމިޓީއަށް، ޤުރްއާން ޔޫފު ކިޔައިދިނީ 24 ދުވަހުގެ ތެރޭގައެވެ. އެ އިމްތިޙާނުން އޭނާ ފާސްވީ އެއްވަނަ ދަރަޖައިގައެވެ.

އެއްވަނަ ދަރަޖައިގައި ފާސްވި ޔޫސުފާ ބައްދަލުކޮށް، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ހިއްވަރު ދެއްވާފައެވެ.

ޔޫސުފު މިހާރު ކިޔަވަމުން ގެންދަނީ އަރަބިއްޔާ ސްކޫލުގައެވެ. އަންނަ އަހަރު އޭނާ ކިޔަވާނީ ގުރޭޑް 7ގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *