އަބްދުﷲ ނަސީމް އަބްދުލް މަތީން
"ބެލްޖިއަމް ސްމޯލް އައިންސްޓައިން" ގެ ނަމުން މަސްހޫރުވެފައިވާ ލޯރެންޓް ސައިމަންސް އަކީ އެންމެ 15 އަހަރުގައި ކުއަންޓަމް ފިޒިކްސްއިން ޕީއެޗްޑީއެއް ހާސިލްކުރި އެންޓްވާޕް ޔުނިވަރސިޓީގެ އެންމެ ހަގު ޑޮކްޓަރޭޓް ދަރިވަރެވެ. ފްލެމިޝް ބްރޯޑްކާސްޓަރުގެ ރިޕޯޓްތައް ބުނާ ގޮތުގައި، ލޯރެންޓް ވަނީ މާގިނަ ދުވަސްތަކެއް ނުވެ އެންޓްވާޕް ޔުނިވަރސިޓީގައި އޭނާގެ ޑޮކްޓަރަލް ތީސިސް ކުއަންޓަމް ފިޒިކްސްއިން ހަދާ ނިންމާފައެވެ. އެންމެ ފަނަރަ އަހަރުގައި މިފަދަ ކާމިޔާބީއެއް ހާސިލުކުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. މިފަދަ ރެކޯޑްތައް ބަލަހައްޓާ ދުނިޔެވީ ރަސްމީ މުވައްސަސާއެއް ނެތް ނަމަވެސް، ކޮންމެ ގޮތަކަށް ބެލިޔަސް، މިކާމިޔާބީގެ ސަބަބުން ލޮރެންޓް ހިމެނިގެންދަނީ ސައިންސުގެ ދާއިރާއަކުން ޑޮކްޓަރޭޓް ހާސިލުކުރި އެންމެ ހަގު ކުދިންންގެ ތެރެއިންނެވެ.
ލޯރެންޓްގެ ތައުލީމީ ދަތުރުގައި ތަހައްމަލްކުރި މަރުހަލާތައް ވެސް ތަފާތެވެ. ހަތަރު އަހަރުގައި ޕްރައިމަރީ ސްކޫލަށް ވަދެ، އެންމެ 2 އަހަރުން އެސުކޫލު ތައުލީމު ނިންމާލިއެވެ. ބާރަ އަހަރުގައި ކުއަންޓަމް ފިޒިކްސްއިން މާސްޓަރސް ޑިގްރީ ހާސިލުކުރިއެވެ. އޭނާ ކުރި ދިރާސާގެ އެންމެ މުހިއްމު މައުޞޫޢަކަށް ވެގެން ދިޔައީ ބޮސޯންސް އާއި ބްލެކް ހޯލްސް ފަދަ ތަފާތު ކޮންސެޕްޓްތަކެވެ. މިފަދަ ކޮންސެޕްޓްތަކަކީ ތަޖުރިބާކާރު ފިޒިކްސްވެރިންނަށް ވެސް ގޮންޖެހުންތައް ބޮޑު މައުލޫއުތަކެވެ. އޭނާގެ ފޮޓޯގްރަފިކް މެމޮރީއާއި، އައިކިއު ލެވެލް ހުރީ 145އިން މަތީގައެވެ.

އޭނާގެ އުމުރުން 11 އަހަރުގައި ކާފަ އާއި މާމަ ނިޔާވިއެވެ. އެ ހިސާބުން އޭނާގެ އަމާޒު ބަދަލުވިއެވެ. ޕީއެޗްޑީއަކީ އެންމެ މަތީ ދަރަޖަކަމަކަށް ދެކޭދެކުން ބަދަލުކޮށް އަމާޒަކަށް ހެދީ އިންސާނިއްޔަތަށްޓަކައި ޚިދުމަތްކުރުމެވެ. ލޯރެންޓްގެ ޝައުޤުވެރިކަން ބަދަލުވީ މެޑިކަލް ސައިންސްއަށެވެ. އެއީ އަމިއްލަ ފައިދާއަށްޓަކައެއް ނޫނެވެ. ބަދަލުގައި އެހެން މީހުންނަށްޓަކައެވެ. މިއީ ޖިސްމާނީ ބުއްދި އާއި އިންސާނީ ޚިދުމަތް ގުޅިގެންދާ ހިސާބެވެ. އަދި ތޫނުފިލިކަން ޒިންމާދާރުކަމަށް ބަދަލުވާ ހިސާބެވެ.
ލޯރެންޓްގެ ތައުލީމީ ހަޔާތުން ފާހަގަކޮށްލެވޭ އަނެއް ސިފައަކީ ކެތްތެރިކަމެވެ. ބެލްޖިއަމްގެ "ސްމޯލް އައިންސްޓައިން" ގެ ނަމުން މަޝްހޫރުވެފައިވާ ލޯރެންޓަށް ލިބެމުންދާ ސަމާލުކަމުގެ ސަބަބުންވެސް އޭނާއަށް އެއްވެސް އަސަރެއް ނުކުރާކަމަށް ފާޅުގައި ބުނެއެނެވެ. ފައިސާއާއި ނުފޫޒާއެކު ބިލިއަނަރުން އޭނާއާ ގުޅުން ބާއްވަން މަސައްކަތްކުރާ އިރުވެސް، އުފާވެރިކަމާއި ކަންބޮޑުވުމުގެ އެއްވެސް އަސަރެއް އޭނާގެ މޫނަކުން ފެންނާކަށް ނުހުރެއެވެ. އޭގެ ބަދަލުގައި މޫނުމަތިން ފެނިގެންދަނީ ހިނިތުންވުމެވެ. މަޖުބޫރުކަމެއް ނެތް އުފާވެރިކަމެވެ. އޭނާގެ ނަޒަރުގައި މުއްސަނދިކަމަކީ ރައްކާކުރާ އެއްޗެއް ނޫނެވެ. އެއީ ވަސީލަތެކެވެ. ފައިސާ ލިބިއްޖެނަމަ، އެއިން ލެބޯރެޓަރީއެއް ހެދިދާނެއެވެ. އޭނާގެ ހިތުގައި، ފައިސާއަކީ ހަމައެކަނި އާލާތެކެވެ. ރޭޒަރެއް ފަދައިން ބޭނުންކުރެވޭ އެއްޗެކެވެ.
މިފަދަ ހަމަނުޖެހުމެއްގެ ދަށުގައި އުޅޭނެ ކުޑަ އުމުރެއްގެ ކުއްޖެއްގެ ފަރާތުން އާއްމުކޮށް ނުފެންނަފަދަ ހޭލުންތެރިކަމެއް ލޯރެންޓްގެ ކިބައިން ފާހަގަވެފައިވެއެވެ. އެއީ ހައްދުތަކެއް ވާކަން ދެނެގަތުމެވެ. ނިންމުންތައް ނިންމާއިރު، ލޯރެންޓް ސާފު ހައްދެއް ކަނޑައަޅައެވެ. ޤާނޫނީ ގޮތުންނާއި އުމުރުގެ ގޮތުން އޭނާއަށް ލިބިފައިނުވާ މިނިވަންކަމެއް ހޯދުމަށް އޭނާ ވަކާލާތެއް ނުކުރެއެވެ. އޭނާގެ ޤަބޫލުކުރާ ގޮތުގައި އޭނާއަކީ އަދިވެސް ކުޑަކުއްޖެކެވެ. ލޯރެންޓްގެ ނަޒަރުގައި އޭނާއާ ގުޅޭ އެންމެހައި ނިންމުންތައް ނިންމުމުގެ ބާރު ލިބިފައިވަނީ އޭނާގެ މައިންބަފައިންނަށެވެ. މިކަމުގެ ސަބަބުން އިލްމީ ގޮތުން ލިބިފައިވާ ކުރިއެރުމާއިއެކު ވެސް ރައްކާތެރިކަމުގެ މުހިއްމުކަން ދޭހަވެގެން ދެއެވެ.

މުޖުތަމައުގެ ފަރާތުން ލިބެމުންދާ ސަމާލުކަން އެންމެ ސާފުކޮށް ފެނިގެންދަނީ ލޯރެންޓަށް ލިބެމުންދާ ހުށަހެޅުންތަކާ ވިދިގެންނެވެ. އެމެރިކާއާއި ޗައިނާގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ދަނީ ކުރިއަރާފައިވާ ދިރާސާ މަރުކަޒުތަކަށް ލޯރެންޓް ގެންދަން ޝައުޤުވެރިކަން ފާޅުކުރަމުންނެވެ. ނަމަވެސް މި ހުށަހެޅުންތަކަށް އޭނާގެ އާއިލާއިން ދެނީ ބީރުކަންފަތެކެވެ. ލޯރެންޓާއި އޭނާގެ މައިންބަފައިންގެ މައިގަނޑު ކަންބޮޑުވުމަކީ މި ހުށައެޅުން ޤަބޫލުކޮށްފިނަމަ ލޯރެންޓްގެ މިސްރާބާއި ބެހޭ ގޮތުންކުރެވޭ ނާއުންމީދެވެ. ލޯރެންޓްގެ އާއިލާއިން ބޭނުންވަނީ ލޯރެންޓް ބޭސްވެރިކަމަށް ހިދުމަތްކުރުމަށެވެ. އިންސާނުންގެ އުމުރު ދިގުކުރުމަށް އޭނާ ކަނޑައަޅާފައިވާ އަމާޒު މި ނިންމުންތަކުގެ ބިންގަލަކަށް ހެދުމެއެވެ. މިއީ ވަރޗުއަލް އިމޯޓާލިޓީއާއި ޑިޖިޓަލް ލެގަސީއަކާ ބެހޭ ނިންމުމެއް ނޫނެވެ. މިއީ ބަޔޮލޮޖީއާއި، ބަލިތަކާއި، ދިރިއުޅުމުގެ ނާޒުކުކަމާއި ބެހޭ ނިންމުމެކެވެ.
މުއައްސަސާގެ އޮނިގަނޑުން ބޭރުން މަސައްކަތްކުރަމުންދާ ބިލިއަނަރުންގެ ތަފާތު ހުށައެޅުންތައް ލޯރެންޓަށް ލިބެއެވެ. ވަޒީފާއަށްވުރެ ބޮޑަށް ގުޅުންތައް ބޭއްވުމަށެވެ. ކޮންޓްރެކްޓްތަކަށްވުރެ ބޮޑަށް ގާތްކަން ބޭއްވުމަށެވެ. ދުނިޔޭގެ އެންމެ މުއްސަނދި އޭޝިއާގެ ބިލިއަނަރަކު ވަނީ ލޯރެންޓް އޭނާގެ އަމިއްލަ ނެޓްވޯކަށް އައުމަށް ދައުވަތު ދީފައެވެ. މި ހުށައެޅުން ޤަބޫލުކޮށްފިނަމަ ލޮރެންޓްއަށް ތަފާތު އެތަށް އެހީތެރިކަމެއް ލިބިގެންދާނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމުގެ ފުރުސަތެވެ. ދިރާސާކުރަން ބޭނުންވާ މައިގަނޑު ވަސީލަތްތައް ފަސޭހަކަމާއިއެކު ލިބުމުގެ ފުރުސަތެވެ. މި ހުށައެޅުން ވެގެންދިޔައީ ލޯރެންޓް ފަދަ މަރުވުމާއި ގުޅޭގޮތުން ދިރާސާކުރަން ބޭނުންވާ މީހަކު ވިސްނާލަން ޖެހޭ ފަދަ މުހިއްމު ނިންމުމަކަށެވެ. ވަގުތާއި ބުއްދި ފިޔަވައި ހުރިހާ މުދަލެއް ގަތުމުގެ ކުޅަދާނަކަން ލިބިފައިވާ މުއްސަނދި ބިލިޔަނަރުން މިއަދު އެމީހުންގެ ޝައުޤުވެރިކަން ދޫކޮށްލައިފައިވަނީ އެންމެ 15 އަހަރުގެ ކުއްޖަކަށެވެ.

ވަށައިގެން އޮތް ސަމާލުކަމާ އެކުވެސް ލޯރެންޓް ދަނީ ކިޔެވުމުގައި އަވަދިނެތި މަސައްކަތްކުރަމުންނެވެ. އޭނާގެ ދިރިއުޅުމުގެ ހުންގާނަކީ ސަމާލުކަން ހޯދުމެއްނޫނެވެ. ކިޔެވުމެވެ. މިހާރު އެންޓްވާޕްގައި ދިރިއުޅެމުންދާ ލޯރެންޓަކީ ބެލްޖިއަމްގެ ރައްޔިތެއް ކަމަށް އަދިވެސް އޭނާ ދެކެއެވެ. ނަމަވެސް އޭނާ ބޮޑުވީ ނެދަލެންޑްސް އާއި މާބެލާގައެވެ.
ލޯރެންޓްގެ ތަޢުލީމީ ދަތުރު ފަސޭހައެއް ނޫނެވެ. ނުވަ އަހަރުގައި، އެއިންޑްހޯވެން ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގައި އިލެކްޓްރިކަލް އިންޖިނިއަރިންގއިން ޑިގްރީއެއް ހެދިއެވެ. އެއީ ތާވަލުތަކާ ގުޅިގެން ދިމާވި މައްސަލަތަކާ ގުޅިގެންނެވެ. މިކަން މިހެން ނުވިނަމަ އޭނާއަކީ ދުނިޔޭގެ އެންމެ ހަގު ގްރެޖުއޭޓަށް ވާނެއެވެ. ރެކޯޑެއް ހަދަން މަސައްކަތްކުރުމުގެ ބަދަލުގައި، އޭނާގެ މިސްރާބަކީ އިންސާނިއްޔަތަށް ޚިދުމަތްކުރުމެވެ. މިކަމުން އެކަނިވެސް ވަނަވަރަށްވުރެ މިސްރާބުގެ މުހިއްމުކަން ފާހަގަކޮށްލެވެއެވެ.

ތަޢުލީމީ ނަޒަރަކުން ބަލާއިރު، ލޯރެންޓް ފަދަ ތޫނުފިލި ކުދިންނަށް ކުރިމަތިވާ މިފަދަ ހާލަތްތަކުގެ ސަބަބުން، ޖަވާބުދޭން ދަތި ސުވާލުތަކެއް ދަނީ ކުރެވެމުންނެވެ. ބައެއް ކުދިންނަށް މިހާ އަވަހަށް ތައުލީމީ ރާސްތާ ނިންމައިލެވޭއިރު، ދަރިވަރުންގެ އުމުރަށް ބިނާކޮށް އުފައްދައިފައިވާ ތައުލީމީ ނިޒާމުގެ ބޭނުމަކީ ކޮބާބާވައެވެ؟ އަދި ހަމައެއާއެކު، ލޯރެންސް ފަދަ ތޫނުފިލި ދަރިވަރުންގެ ނަފްސާނީ އަދި އިޖްތިމާޢީ ހާލަތު، މުއައްސަސާތަކުން ރައްކާތެރިކުރަނީ ކިހިނެއްތޯއެވެ؟ ތައުލީމީ ރާސްތާގެ ދުވެލި އަވަސްކުރުމަކީ ހަމައެކަނި ތަޢުލީމުގެ ބިންގަލެއް ނޫނެވެ. އެހީތެރިކަމާއި، ހަމަހަމަކަމާއި، އަޚްލާޤީއްޔާތާއި ޒިންމާދާރުކަމަކީ ކާމިޔާބީއަށްވުރެ އެތައް ގުނައެއް މުހިންމު އަސާސްތަކެވެ. އާދަޔާޚިލާފު މޮޅެތި ކުދިންނާ މެދު އޮންނަ ބިރަކީ އެބައިމީހުން ބުއްދީގެ ގޮތުން ފެއިލްވުމެއް ނޫނެވެ. ނަމަވެސް ނިޒާމުތަކުން އެކުދިންނަށް އިންސާނުންގެ ގޮތުގައި ނުބަލައި، ވަސީލަތެއްގެ ގޮތުގައި ބެލެހެއްޓުމުގެ ބިރުއޮވެއެވެ.
ލޯރެންޓް ސައިމަންސްގެ މިސާލުން ތަފާތުކަމުގެ މުހިންމުކަމާއި، އެކަން އެންމެ ފުރިހަމައަށް ފާޅުވެގެންދާނެ ގޮތް ހާމަވެގެންދެއެވެ. ހަމައެއާއެކު ޤާބިލުކަމާއި، އެކަށީގެންވާ ފުރުސަތުތަކާއި، ފުރިހަމަ އެހީތެރިކަން ގުޅިލާމެހިއްޖެނަމަ ހާސިލުކުރެވިދާނެ ކަންކަމާއި، ހައިރާންކަމާއި ދެވޭ ސަމާލުކަން އިތުރުވުމުގެ ސަބަބުން އިންސާނިއްޔަތުގެ އަސާސީ އަގުތައް ހަނދާން ނައްތާލެވުމުން ކަންކަން ގޯސްވެދާނެ ގޮތް ވެސް ދައްކުވައިދެއެވެ.
advertisment
ހިޔާލު