އިސްލާމީ މިނިސްޓްރީން ނޫރުލް އަޛާންގެ ނަމުގައި ބާއްވާ ބަންގި ގޮވުމުގެ މުބާރާތް މުޅި ރާއްޖެއަށް ފުޅާކޮށް، އަތޮޅަކުން ބައިވެރިއަކު ވާދަކުރާ ގޮތަށް ނިންމައިފިއެވެ.
މި މުބާރާތުގައި ކޮންމެ ކައުންސިލަކަށް ވެސް އޮޑިޝަނުގައި ބައިވެރިވުމުގެ ފުރުޞަތު ދީ، ކޮންމެ ކައުންސިލަކުން ހޮވާ އެންމެ ރަނގަޅު ބައިވެރިންގެ މެދުގައި އޮޑިޝަނެއް ބާއްވައި، އަތޮޅު ތަމްސީލުކުރާނެ ބައިވެރިއަކު ހޮވާނެއެވެ. މި މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށް ދާނީ 19 އަތޮޅުން ހޮވާ 19 ބައިވެރިންނާއެކުގައެވެ. މިދިޔަ އަހަރު މި މުބާރާތް ކުރިއަށް ގެންދިޔައީ އަތޮޅުތައް ތަމްސީލު ކުރާ ގޮތަކަށް ނޫނެވެ.
15 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާގެ ފިރިހެން ބައިވެރިންނަށް ޚާއްޞަ މި މުބާރާތުގެ ދެވަނަ ބުރަށް ދާނީ އެއްވަނަ ބުރުން ހޮވޭ ގަދަ ހަތް ބައިވެރިންނެވެ.
މި މުބާރާތުގައި ވަޒަންކުރާނެ އަސާސީ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، ތަޖުވީދާއި ރާގާއި ސާފުކަމާއި އަޑުގެ ފެންވަރާއި އަދި ސުންނަތަށް ތަބާވުމެވެ.
މި މުބާރާތުގެ އޮޑިޝަންތަންތަކުގައި ބައިވެރިވާން ރަށްރަށުގެ ކައުންސިލްތަކުން މިހާރު އަންނަނީ އިއުލާން ކުރަމުންނެވެ.
އިސްލާމީ މިނިސްޓްރީން ބުނީ، މި މުބާރް މުޅި ރާއްޖެއަށް ފުޅާކުރަން ނިންމީ، މިދިޔަ އަހަރު ބޭއްވި މުބާރާތަށް ލިބުނު ކުރިއެރުމުގެ މައްޗަށް ބަލާފައިކަމަށެވެ.
މި މުބާރާތުގެ މަޤްޞަދަކީ މުޖްތަމައުގެ ކުދިބޮޑު އަފުރާދުންގެ މެދުގައި އިސްލާމީ އަޤީދާއާ މެދު ލޯބި އިތުރުކުރުމަށާއި ބަންގި ގޮވުމުގެ ފަންނާއި ޢިލްމާއި އަދި ހުނަރުގެ އަގުވަޒަންކުރުމާއި އަތޮޅުގައި ދިރިއުޅެމުންދާ އެންމެހައި އަފުރާދުންގެ މެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުން ބަދަހިކުރުމާއި ހެޔޮކަންކަމުގެ ރޫޙު އިތުރުކުރުމާއެކު މި މުޤައްދަސް ސަޤާފަތް ދިރުވާ އާލާކުރުމެވެ.
advertisment
ހިޔާލު