އެއރ ޗެލަންޖްގައި ކުޑައާބާދީއެއް ހިމެނޭ ކެޔޮދޫ ސްކޫލުން ބޮޑު ހިތްވަރެއް

ކެޔޮދޫ ސްކޫލް
އެއަރ ޗެލަންޖް ކެޔޮދޫ ސްކޫލުން ކާމިޔާބުކުރުން: މިހާރުގެ ޓާގެޓަކީ ދެވަނަ މަރުހަލާއިންވެސް އެއްވަނަ ހޯދުން

ކަނޑުތަކަށް އެޅޭ ޕްލާސްޓިކް މަދުކުރުމަށް ޕާލޭއާއި އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ " އެއަރޗެލަންޖް" ފެށީ މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް އެއްކުރުމަށް ރާއްޖޭގެ ފެންވަރުގައި ކުރިއަށް ގެންދާ ޚާއްޞަ ހަރަކާތެކެވެ. މީގެ ތެރެއިން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ދޫކޮށް، އެއާ ނުލައި ދިރިއުޅުން ބައްޓަންކުރާނެ އެތައް ހުނަރެއް ދަރިވަރުންނަށް ލިބިގެންދެއެވެ.

ތިން މަރުހަލާއަކަށް ބަހާލައިގެން އެއަރ ޗެލަންޖް ކުރިއަށްދާއިރު، ފުރަތަމަ މަރުހަލާ މިހާރުވަނީ ނިމިފައެވެ. ފުރަތަމަ މަރުހަލާއިން އެއްވަނަ ހޯދީ 212 ކުދިން ކިޔަވަމުންދާ ވ. ކެޔޮދޫ ސްކޫލުންނެވެ. ހަ މަސްދުވަހުގެ ތެރޭގައި އެއްހާސް ކިލޯގެ ޕްލާސްޓިކް އެއްކޮށް އެ ސްކޫލުން ދެއްކީ ބޮޑު ހިތްވަރެކެވެ. 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ސްކޫލުން ވަނީ 2795 ކިލޯގެ ޕްލާސްޓިކް އެއްކޮށް، ޕާލޭއާ ހަވާލުކޮށްފައެވެ.

ޕޮއިންޓް ދީގެން އެއަރ ޗެލަންޖް ކުރިއަށްދާއިރު، ޕޮއިންޓް ދެނީ ހަމައެކަނި ޕްލާސްޓިކް އެއްކޮށްގެން ނޫނެވެ. އެއްކުރާ ޕްލާސްޓިކްގެ އަދަދަށް ގިނަ ޕޮއިންޓް ލިބުނަސް، ޕްލާސްޓިކު ދޫކޮށްލަން ކުރާ މަސައްކަތާއި، ޕްލާސްޓިކްގެ ބަދަލުގައި ހިންގާ ތިމާވެއްޓާ ގުޅުން ހުރި މުހިންމު މަސައްކަތްތަކަށް ވެސް ޕޮއިންޓް ދިނުމުގައި ބަލައެވެ.

" ބައެއް މީހުންނަށް ހީވެފައި އޮތީ އެއްވަނަ ލިބުނީ ހާހެންހާ ކިލޯގެ ޕްލާސްޓިކް އެއްކޮށްގެންކަމަށް. ހަމައެކަނި ޕްލާސްޓިކް އެއްކޮށްގެން ނުފުދޭ. ޕްލާސްޓިކް ދޫކޮށްލުމާއި، އެއާ ނުލައި ދިރިއުޅެވޭނެ ގޮތްތަކާއި ވެއްޓަށް ހޭލުންތެރި ކުރުމުގެ އެތައް ހަރަކާތެއް މީގެ ތެރެއިން ހިންގަންޖެހޭ. އެ މަސައްކަތް ފުރިހަމަކޮށްގެން ކެޔޮދޫ ސްކޫލް އެއްވަނަ ހޯދީ" އެއަރ ޗެލަންޖްގެ ފުރަތަމަ މަރުހަލާއިން އެއްވަނަ ހޯދި ކެޔޮދޫ ސްކޫލްގެ ޕްރިންސިޕަލް ޒައީމާ ހުސައިން ވިދާޅުވިއެވެ.

މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އެއަރޗެލަންޖް އިއުލާން ކުރުމުގެ ކުރިންވެސް ކެޔޮދޫ ސްކޫލުން ދިޔައީ ޕާލޭއާ ގުޅިގެން އެރަށުގައި ރަށުގައި ޖަމާވާ ޕްލާސްޓިކް އެއްކުރަމުންނެވެ. އެހެންވެ " އެއަރ ޗެލަންޖްގައި ބޮޑު ކާމިޔާބީއެއް ހޯދަން އެ ސްކޫލަށް އުނދގުލެއް ނުވިއެވެ.

ޒައީމާ ވިދާޅުވި ގޮތުގައި، އެއަރ ޗެލަންޖްގެ ފުރަތަމަ މަރުހަލާ ކާމިޔާބު ކުރުމަށް އެ ސްކޫލުން ޚާއްޞަ އިސްކަމެއްދީގެން މަސައްކަތް ތަކެއް ކުރެއްވިއެވެ. ސްކޫލްގެ ސްޓާފުންގެ ތެރެއިން ކޯޓިނޭޓަރެއް ކަނޑައަޅައި އެ ކޯޑިނޭޓަރުގެ އިރުޝާދުގެ ދަށުން ފާއިތުވި ހަ މަސްދުވަހުގެތެރޭގައި މުހިންމު ޕްރޮގްރާމްތަކެއް ހިންގެވި ކަމަށެވެ.

އެއަރ ޗެލަންޖް ކާމިޔާބު ކުރުމަށް، ޕްލާސްޓިކް އެއްކުރުމަށް އެ ސްކޫލްގެ ވަކިވަކި ކުލާސްތަކަށް ހުޅުވާލައިގެން މުބާރާތެއް ކުރިއަށް ގެންދިޔައެވެ. ޕްލާސްޓިކް އެންމެ ގިނައިން އެއްކުރާ ކުލާހަކަށް މަހަކު އެއްފަހަރު އިނާމެއް ވެސް ތަޢާރަފުކުރިއެވެ. ދަރިވަރުންގެ މެދުގައި ޝަޢުޤު އުފައްދަން ކުރި މި މަސައްކަތުގައި ބެލެނިވެރިންނާއި ރަށު ރައްޔިތުންނާއި ގެސްޓްހައުސްތަކާއި މުއައްސަސާތަކުގެ އެއްބާރުލުން ލިބުނެވެ.

" ކޮންމެ މަހަކުވެސް އެއްވަނައަށް އަންނަ ކުލާހަކަށް ގެސްޓްހައުސްތަކުން ފައިސާގެ އިނާމްދޭ. ޖެހިޖެހިގެން ތިން ފަހަރު އެއްކުލާހަކުން ހޯދައިފިނަމަ ފައިސާގެ އިނާމްގެ އިތުރުން ޑިނަރ ނައިޓް ފަދަ އިތުރު ބޯނަސްތައް އެބަދޭ. މީގެ ސަބަބުން ދަރިވަރުންނަށާއި ބެލެނިވެރިންނަށް އިތުރު ހިތްވަރެއް ލިބޭ" ޕްރިންސިޕަލް ޒައީމާ ވިދާޅުވިއެވެ.

ޕްލާސްޓިކްގެ ގޮތުގައި އެއްކުރާ ތަކެތީގެ ތެރޭގައި ގިނައީ ޕެޓްފުޅިއެވެ. ފެންބޯން ބޭނުންކުރާ ހުސްފުޅިއެވެ. އާބާދީ މަދަސް ކެޔޮދޫގެ ގެސްޓްހައުސްތަކާއި ހޮޓާތަކާއި ގެ ބިސީތަކުންނާއި ގޮނޑުދޮށަށް ލައްގާ ޕްލާސްޓިކް ފުޅިތައް މަދެއް ނޫނެވެ. ކުޑަރަށަކުން އެހާ ގިނަ އަދަދެއްގެ ޕްލާސްޓިކް އެއްކޮށްލެވުނީ އެހެންވެއެވެ.

" ގެބިސީތަކުންނާއި ގެސްޓްހައުސްތަކުން އުކާލާ ފުޅި މައިގަނޑު ގޮތެއްގައި އެއްކޮށްފައި ވަނީ. ބައެއް ފަހަރު ގޮނޑޮދޮށާއި ރަށުތެރެއިން ވެސް ފުޅިތައް ހޮވާ. މި ޕްރޮގްރާމުގެ ސަބަބުން ހުސްފުޅިއެއް ފެނުނަސް އެ ދޫކޮށްފައި ކުދިންނަށް ދާން އުނދަގޫވޭ" ޒައީމާ ވިދާޅުވިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ކެޔޮދޫ ސްކޫލަށް ވެއްދުން މަނާކޮށްފައިވާއިރު، ފެންބުއިމަށް ދަރިވަރުންނާއި ސްކޫލްގެ ސްޓާފުން ގެންގުޅެނީ ބިއްލޫރި ފުޅިއެވެ. ފެން ހުސްވެއްޖެނަމަ ފުޅިއަށް ފެންއެޅޭނެ އިންތިޒާމް އެ ސްކޫލްގައި ވަނީ ގާއިމްކޮށްފައެވެ. ޕްލާސްޓިކް މަދުކުރުމުގެ ގޮތުން އެ ސްކޫލްގެ އިސްނެގުމުގެ މަތިން ބެލެނިވެރިއެއްގެ އެހީތެރިކަމާއެކު ގިނަ އަދަދެއްގެ ބިއްލޫރި ފުޅި ކެޔޮދޫގެ ބައެއް އޮފީސްތަކަށް ވަނީ ހަދިޔާކޮށްފައެވެ.

ކެޔޮދޫ ފެހިކުރުމަށް ކުރިއަށް ގެންދިޔަ " ރަށްއެކީ ފެހިކޮށްލަމާ" ޕްރޮގްރާމަކީވެސް ކާމިޔާބު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ކެޔޮދޫ ސްކޫލްގެ ކޮންމެ ދަރިވަރަކާއި ކޮންމެ ސްޓާފަކު މަދުވެގެން އެއްގަސް އިންދާ، އެ ގަސްހައްދާ ބަލަހައްޓަންޖެހެއެވެ. ގަސް މަރުވެއްޖެނަމަ އިތުރު ގަހެއް އިންދަންޖެހެއެވެ. އެއަރ ޗެލަންޖްގެ ފުރަތަމަ މަރުހަލާ ކާމިޔާބުބުމުގައި މި ޕްރޮގްރާމް ވެސް އެ ސްކޫލަށް ވަރަށް މުހިންމުވިއެވެ.

އެއަރ ޗެލަންޖްގެ ފުރަތަމަ މަރުހަލާއަށްފަހު، ކެޔޮދޫ ސްކޫލްގެ މިހާރުގެ އަމާޒަކީ ދެވަނަ މަރުހަލާއިންވެސް އެއްވަނަ ހޯދުމެވެ. މިހާތަނަށް އެ ސްކޫލުން ދައްކަފައިވާ ހިތްވަރަށް ބަލާއިރު އެއީ ނުވާނެ ކަމެއް ނޫނެވެ. ދެވަނަ މަރުހަލާގައި އެއްކުރަން ޖެހޭނީ 2500 ކިލޯގެ ޕްލާސްޓިކެވެ.

" ކުޑަރަށަކަށް ވީމާ ކޮންމެވެސް ވަރެއްގެ ދަތިތަކެއް އަންނާނެ. އެކަމަކު އެއީ ނުވާނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ޓާގެޓަކީ ދެވަނަ މަރުހަލާއަށްފަހު، 5000 ކިލޯ ހަމަކޮށްގެން ތިންވަނަ މަރުހަލާއިން ވެސް އެއްވަނަ ހޯދުން" ކެޔޮދޫ  ސްކޫލްގެ އަޒުމް އެ ސްކޫލްގެ ޕްރިންސިޕަލް ޒައީމާ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *