ހުއްދަނެތި ލަންކާގައި ކޯސްތަކެއް ހިންގުމުން އެވިޑްކޮލެޖަށް ނަސޭހަތްދީފި

ހުއްދަނެތި ލަންކާގައި ކޯސްތަކެއް ހިންގުމުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ)އިން އެވިޑްކޮލެޖަށް ނަސޭހަތްދީފިއެވެ.

އެ އޮތޯރިޓީން މިއަދު  ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު (ގަވާއިދު ނަންބަރު: 2022/R-77) އާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2025/R-89)އާ ޚިލާފުވެފައިވާތީ އެމް.ކިއު.އޭގެ އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2025/R-89)ގެ 12 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

އެމްކިއުއޭގެ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، އެކްރެޑިޓޭޝަން ގަވާއިދު (ގަވާއިދު ނަންބަރު 2022/R-77)، އާއި "ގައިޑްލައިންސް ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން" (ގައިޑްލައިން ނަންބަރު 2022/G-39) އާއި އެމް.ކިއު.އޭ އިން އެކްރެޑިޓޭޝަން ދީފައިވާ ޕުރޮގުރާމުތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ޤަވާއިދު (ގަވާއިދު ނަންބަރު 2025/R-89) އާ ޚިލާފަށް ސްރީލަންކާގެ "އެމަޒޯން ކޮލެޖް" އަދި "އަލްޒެޓް ޔުނިވަރސިޓީ" (ވަކި ޤައުމެއްކަން ނޭނގޭ) ގައި ޕްރޮގްރާމްތައް ހިންގައި، ދަރިވަރުންނަށް ވަނީ އެވިޑް ކޮލެޖުން ސަނަދު ދީފައިވާ ކަމަށެވެ. މިކަން ފާހަގަކުރެވިފައިވަނީ، އެވިޑް ކޮލެޖުން ހިންގުމަށް ހުއްދަ ދީފައިވާ ބައެއް ޕުރޮގުރާމް، ސްރީލަންކާގެ "އެމަޒޯން ކޮލެޖު" އަދި "އަލްޒެޓް ޔުނިވަރސިޓީ" ގައި ހިންގައި، އެ ފަދަ ޕުރޮގުރާމުތައް ފުރިހަމަކޮށް ގްރެޖުއޭޓްވެގެން ހޯދާފައިވާ އެވިޑް ކޮލެޖްގެ ސަނަދުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް ދަރިވަރުންނާއި، އެކި ޤައުމުތަކުގެ ކޮލިފިކޭޝަންސް އެޖެންސީތަކުންނާއި އަދި އެވިޑް ކޮލެޖުން އެ އޮތޯރިޓީއަށް ޙިއްޞާކޮށްފައިވާ މަޢުލޫމާތުތަކުންނެވެ.

ހަމައެއާއެކު، ސްރީލަންކާގެ "ޗެސްޓަރ ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން" އާއި "އިމްޕީރިއަލް ވިސްޑަމް ގްރެޖުއޭޓް ކެމްޕަސް" އާއި "އިނޮވޭޓަސް ކެމްޕަސް" އާއި "ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީޒް" އަދި "ބިޓްވިން ކެމްޕަސް"ގައި އެވިޑް ކޮލެޖްގެ ޕްރޮގްރާމްތައް ސްރީލަންކާގައި ހިންގުމަށް އިޝްތިހާރުކޮށް އިޢުލާންކޮށްފައިވާކަން މި އޮތޯރިޓީއަށް ލިބިފައިވާ މަޢުލޫމާތާއި މި މަޢުލޫމާތުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް އެ އޮތޯރިޓީން ބެލިބެލުމުން ފާހަގަކުރެވިފައިވާކަން ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

"ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، މި ތަންތަނަކީ ސްރީލަންކާގެ TVEC، UGC އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން" ގައި މަތީ ތަޢުލީމު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ތަންތަން ނޫންކަން" އެމްކިޔުއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެމްކިޔުއޭއިން ބުނެފައިވާ ގޮތުގައި، 29އޮގަސްޓް 2024 އިން ފެށިގެން އެ އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އެކްރެޑިޓޭޝަން ދިން ގޮތާ ޚިލާފަށް ނުހިންގުމަށް ތަކުރާރުކޮށް އެވިޑް ކޮލެޖަށް އަންގައި ނަސޭހަތްތެރިވެފައިވާ ކަމަށާއި އެހެންނަމަވެސް، މިއަދާ ހަމައަށް އައި އިރުވެސް މި އޮތޯރިޓީގެ ހުއްދަ ހޯދުމަކާ ނުލައި މިކަން ކުރަމުން އަންނަކަން މި އޮތޯރިޓީއަށް ލިބިފައިވާ މަޢުލޫމާތުތަކުންނާއި ލިޔެކިޔުންތަކުން އަދި އެވިޑް ކޮލެޖުން މި އޮތޯރިޓީއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިފަދަ ޢަމަލުތަކުގެ ނަތީޖާއަކަށް ވެގެން ދާނީ، ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މުއައްސަސާތަކާ މެދު ޤާއިމްވެފައިވާ އިތުބާރާއި ޔަޤީންކަމަށް އިޢާދަނުކުރެވޭފަދަ ގެއްލުންތައް ލިބިގެންދާނެ ކަމަށާއި ދޭދޭ ގައުމުތަކުގެ މެދުގައި ދެމިއޮންނަ ގާތް އެކުވެރި ގުޅުމަށް ހީނަރުކަން އައުންވެސް އެކަށީގެންވާ ކަމަށް ވެސް އެމްކިޔުއޭއިން ބުނެފައިވެއެވެ.

ޤަވާޢިދާ ޚިލާފު މިފަދަ ޢަމަލުތަކުގެ ސަބަބުން، ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް އެކަމުގައި ގެއްލުން ލިބި، އެކަމުގެ ނޭދެވޭ އަސަރުކޮށް ބައިނަލްއަޤްވާމީ ދަރިވަރުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް އައުމަށް ފަސްޖެހި، ރާއްޖޭގެ ތަޢުލީމީ ފެންވަރާއި މިންގަނޑުތަކާމެދު ސުވާލު އުފެދި، ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ބައިނަލްއަޤްވާމީ މަޤްބޫލުކަން ގެއްލި، އެ ސަނަދުތައް ބަލައިނުގަތުމުގެ ކަންބޮޑުވުން އެބައޮތް ކަމުގެ ކަންބޮޑުވުން ވެސް އެމްކިޔުއޭގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިއެވެ.

މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި އެ އޮތޯރިޓީގެ ހުއްދަ ނުހޯދާ ނުހިންގުމަށް ހުރިހާ މަރުކަޒުތަކަށް 17 ފެބްރުއަރީ 2025 ގައި ސިޓީއަކުން އިލްތިމާސްކޮށްފައިވާނެ ކަމަށާއި އަދި 18 ފެބްރުއަރީ 2025 ގައި އެ ކަމާ ގުޅިގެން އާންމު އިޢުލާނެއް ކޮށްފައިވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި 30 ސެޕްޓެމްބަރ 2025 ގައި ދިވެހިސަރުކާރުގެ ގެޒެޓްގައި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު)ގެ ދަށުން، މި އޮތޯރިޓީގެ ހުއްދަ ހޯދައިގެން ޕްރޮގްރާމްތައް ހިންގުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *