ހުއްދަ ދިން ގޮތާ ޚިލާފަށް ހިންގާ އޮންލައިން ކޯހެއްގެ ސަނަދެއް ޤަބޫލެއް ނުކުރާނެ

ހުއްދަ ދިން ގޮތާ ޚިލާފަށް އޮންލައިން ކޯސްތައް ހިންގާ މައްސަލަ ބޮޑުވެފައިވާކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން މިއަދު ބުނެފިއެވެ.

އެ އޮތޯރިޓީން މިއަދު  ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑާޑްތަކަށް އެ އޮތޯރިޓީން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުއްދަ ދީފައިވާ ގޮތާއި ހިލާފަށް ބައެއް މަރުކަޒުތަކުން އޮންލައިންކޮށް ކޯސްތައް ހިންގާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑާޑްތަކަށް ހިންގާ ޕްރޮގްރާމްތައް އޮންލައިންކޮށް ހިންގުމަށް މަޝްވަރާތައް ކުރަމުންދިޔަ ނަމަވެސް، އެއްވެސް ޕްރޮގްރާމެއް އޮންލައިންކޮށް ހިންގުމަށް މިހާތަނަށް ހުއްދަ ދީފައި ނުވާނެ ކަމަށް އެ އިއުލާނުގައި އެމްކިޔުއޭއިން ބުނެފައިވެއެވެ.

" ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްތަކަށް މި އޮތޯރިޓީންގެ ހުއްދަ ނެތި ކޮންލައިންކޮށް ހިންގާ އެއްވެސް ޕްރޮގްރާމެއްގެ ސަނަދު މި އޮތޯރިޓީން ޤަބޫލު ނުކުރާނެ ވާހަކަ ދަންނަވަން" އެމްކިޔުއޭގެ އިއުލާނުގައި ބުނެފައިވެއެވެ.

އެމްކިއުއޭގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށްފައި ވަނީ އެ އޮތޯރިޓީން ކަނޑައަޅާފައިވާ ފެންވަރާއި އުސޫލާ އެއްގޮތަށް ކަން ކަށަވަރުކުރުމާއި ޕްރޮގްރާމްތަކުގެ ހުއްދަ ދިނުމާއި އެކްރެޑިޓުކުރުމާއި އޮޑިޓްކުރުމުގެ އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުމަކީ އެ އޮތޯރިޓީގެ ޒިންމާއެއް ކަމަށެވެ. އަދި މަތީ ތައުލީމު ދޭ މަރުކަޒުތަކާއި އެ މަރުކަޒުތަކުގައި ހިންގާ ޕްރޮގްރާމްތަކުގައި ކިޔަވައިދޭ ފަރާތްތަކުގެ ފެންވަރު ބެލުމަކީ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އެ އޮތޯރިޓީގެ މަސްއޫލިއްޔަތެއްކަން ވެސް އެ އެތޯރިޓީން ނެރުނު އާންމު އިއުލާނުގައި ބުނެފައިވެއެވެ.

ހުއްދަ ނުހޯދައި ކޯސްތައް ހިންގާ މައްސަލައިގައި މީގެ ކުރިން ވެސް އެމްކިޔުއޭއިން  ވަނީ އިންޒާރު ދީފައެވެ. އަދި ބައެއް ކޮލެޖްތަކަށް ފިޔަވަޅުވެސް އަޅާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *