ކިނބިދޫ ސްކޫލްގެ ޕްރިފެކުޓް ބޯރޑާއި ޝެބް އިސްނަގައިގެން މަސައްކަތު ދުވަހެއް ފާހަގަކޮށްފިއެވެ.
ގުރޭޑް 7ން10 ގެ ދަރިވަރުން ބައިވެރިކޮށްގެން މަސައްކަތް ދުވަހެއް ފާހަގަކުރީ، ދަރިވަރުނަށް އަމަލީ ދިރިއުޅުމުގެ މަސައްކަތު ހުނަރު ދަސްކޮށްދިނުމާއި މަސައްކަތުގެ މާހައުލުގައި ކަންކަމުގައި އިސްނެގުމުގެ ގާބިލްކަން އަށަގެންނެވުމަށެވެ.

ކިނބިދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު އަބްދުﷲ ދަރިވަރު ނޫހަށް ވިދާޅުވީ، " ފަންޑްރައިޒިން" އިވެންޓެއްގެ ގޮތުގައި މި ހަރަކާތް ކުރިއަށް ގެންދިޔަ ނަމަވެސް މަޤްޞަދަކީ ދަރިވަރުންގެ ހުނަރު ތަރައްޤީ ކުރުން ކަމަށާއި، ރައްޔިތުންގެ ފަރާތުން ދަރިވަރުންނަށް ލިބުނު އެހީތެރިކަމާއި އެއްބާރުލުމުން އެކަން ހާޞިލްވެއްޖެ ކަމަށެވެ.

" ދަރިވަރުން މަސައްކަތް ކުރަން ގޭގެއަށް ދިޔައީމާ އެކުދިންނާ އެކަށީގެންވާ މަސައްކަތެއް ހަވާލުކޮށް، އެ މަސައްކަތެއް ކުރާނެ ގޮތް ކިޔާދީ، އެކަން ކުރާގޮތް ބަލައި މޮނީޓާކުރުމަށްފަހު، އެކަށީގެންވާ އުޖޫރައެއްދޭން އަޅުގަނޑުމެން އެދުނީ. ބެލެނިވެރިންގެ ފަރާތުން ފެނުނީ އެމަންޒަރު" އަހުމަދު ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ މަސައްކަތް ދުވަހު ދަރިވަރުންގެ ފަރާތުން ފެނުނީ ހިތްހަމަޖެހޭ މަންޒަރެއް ކަމަށާއި، ދުވަހު ނުކުރާ އެތައް މަސައްކަތެއް އެ ކުދިން ކޮށް، އަމަލީ ގޮތުން ތަޖުރިބާ ހޯދާފައިވާ ކަމަށެވެ.

" އަޅުގަނޑާ ދިމާވި އެއް ކުއްޖަކު ބުނި، ސަރ އޭ! މީގެ ކުރިން ދުވަހަކުވެސް ވަޅަކަށް ނުފާބަމޭ. މިއަދު ހަތް ވަޅުގެ ދިތަ ހިއްކައިފީމޭ" އަހުމަދު ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ މިފަދަ ދުވަސްތަކުގެ ސަބަބުން ކުރިން ނޭނގޭ އެތައް ހުނަރެއް ދަރިވަރުންނަށް ދަސްވާކަމަށާއި، ކާމިޔާބު ކުއްޖަކަށް ވަނީ މިފަދަ އަމަލީ މަސައްކަތުގެ ތެރެއިން ކަމަށެވެ.
ކިނބިދޫ ސްކޫލުން ކުރިއަށް ގެންދިޔަ މަސައްކަތު ދުވަހު، ބޯކޮށުމާއި، ވަޅުދިޔަ ހިއްކުމާއި، ކުނިކަހާސާފުކުރުމާއި، ކުލަލުމާއި، ކުނިއުކާލުމާއި، ގޭތެރޭގައި އާންމުކޮށް ކުރާ މަސައްކަތް ދަރިވަރުން ކޮށްފައިވެއެވެ.
advertisment
ހިޔާލު