ބ. ކެންދޫ ސްކޫލުގެ ގުރޭޑް 4ގެ ބެލެނިވެރިން އިސްނަގައިގެން "އަލިވިލުމަކަށް"ގެ ނަމުގައި ފޮތް ކިޔުމަށް ދަރިވަރުން އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ ކެންދޫ ސްކޫލުގެ އެހީތެރިކަމާއެކު ބެލެނިވެރިން އަމިއްލައަށް ފަރުމާކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގުރޭޑް 4 ގައި ކިޔަވަމުން އަންނަ 18 ދަރިވަރުން ބައިވެރިވިއެވެ. ހަތަރު ސެޝަނަކަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމް ރަށުގެ ތަފާތު ހަތަރު ސަރަހައްދެއްގައި ކުރިއަށް ގެންދިޔައެވެ. އެއީ، ކުޑަކުދިންގެ ބަގީޗާ އާއި އީސްޓް ޕާރކް ސަރަހައްދާއި އަދި ރަށުގެ ދެކުނުފަރާތު އަތިރިމަތީގައިގެ އިތުރުން ރަށުގެ ބޯޅަދަނޑެވެ.

ދިވެހި އަދި އިނގިރޭސި ބަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދެވުނު މިސެޝަންތަކުގައި ބަސްހޯދުމާއި ޖުމްލަހެދުމާއި ފޮތްކިޔުމާއި ހުށައަޅައިދިނުން ފަދަ ތަފާތު ހުނަރުތައް ކުރިއަށް ގެންދިޔައެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމުގައި އިސްކޮށް މަސައްކަތް ކުރި ބެލެނިވެރިއަކު ބުނީ "މިއީ ހަޤީޤަތުގައި ވެސް ވަރަށް ކާމިޔާބު ފެށުމެކޭ، އުއްމީދީ ހަރަކާތެއް" ކަމަށެވެ.

"އަލިވިލުމަކަށް" މި ހަރަކާތް ކުރިއަށް ގެންދިއުމުގައި ސްކޫލުން އަމަލީ ގޮތުން އެހީތެރިވެދީ ،ބައިވެރިވެފައިވާކަން އުފަލާއެކު ފާހަގަކޮށް އޭނާ ބުނީ، ގުރޭޑް 4ގެ ބެލެނިވެރިންގެ ފަރާތުން ވެސް ފެނިގެން ދިޔައީ ގުޅިގެން މަސައްކަތްކޮށް ދަރިވަރުންގެ ކުރިއެރުމަށް ކުރި މަސައްކަތް ކަމަށެވެ.

އޭނާ އިތުރަށް ބުނީ. ރަށުފެންވަރުގައި ހިންގޭ މިފަދަ ހަރަކާތްތައް އިތުރުކުރުމަކީ ދަރިވަރުންނަށްޓަކައި ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ކުރެވިދާނެ ނުހަނު މުހިންމު މަސައްކަތެއް ކަމަށެވެ.

"އަލިވިލުން" ހަރަކާތާ ގުޅޭ ގޮތުން ކެންދޫ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ، އެއީ ވަރަށް ކާމިޔާބު މުހިންމު ހަރަކާތެއް ކަމަށާއި ބެލެނިވެރިންގެ ފަރާތުން ނެގި އިސްނެގުމަކީ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ކެންދޫ ސްކޫލުގައި ގުރޭޑް 10އާ ހަމައަށް ކިޔަވައިދެމުންދާއިރު، އެ ސްކޫލުގެ އާބާދީ 200 އަށްވުރެ މައްޗެވެ.


advertisment
ހިޔާލު