ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒް ސީއެސީއެސްއެސް އިން ތަރައްޤީކޮށްފައިވާ "މޯލްޑިވްސް ސެކިއުރިޓީ އައުޓްލުކް ކުއާޓަރލީ ރިވިއު ސީރީޒް (އެމްއެސްއޯ) ގެ ޗާޕުކުރެވިފައިވާ ފުރަތަމަ އެޑިޝަން މިއަދު އިފްތިތާޙު ކޮށްފިއެވެ.
އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އިބްރާހީމް ލަޠީފާއި މޯލްޑިވްސް ޕޮލިސް ފޯސް އެންސީޕީއެލްއީ އަދި މޯލްޑިވްސް ޑިފެންސް ފޯސްގެ އިސް އޮފިސަރުންނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުން ޔުނިވަރސިޓީގެ އިސްވެރިން އެކަޑަމިކްސް އަދި ދަރިވަރުން ވެސް ވަޑައިގެންނެވިއެވެ.
"މޯލްޑިވްސް ސެކިއުރިޓީ އައުޓްލުކް ކުއާޓަރލީ ރިވިއު ސީރީޒް" ޗާޕުކުރެވިފައިވާ އެޑިޝަން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމް އެވެ. ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މޯލްޑިވްސް ސެކިއުރިޓީ އައުޓްލުކް ކުއާޓާލީ ރިވިއުސީރީޒް އިފްތިތާޙް ކުރުމަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށާއި، ދިވެހިރާއްޖޭގެ ސެކިއުރިޓީ ސްކޮލަރޝިޕް ތަރައްޤީ ކުރުމުގައި ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމުގައެވެ. ޑރ. ޝެހެނާޒް އިތުރަށް ވިދާޅުވީ، އެމްއެންޔޫގެ ސެންޓަރ ފޮރ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒްއިން ތަރައްޤީކޮށްފައިވާ ޖާނަލްއަކީ ޤައުމީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސަލާމަތާ ބެހޭ ކަންކަމުގައި ދިރާސާކުރުމަށްޓަކައި ދިވެހި ދިރާސީ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެކަންކަން އިސްކޮށްދޭނެ އަދި ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީތެރިވެދޭނެ ވަސީލަތެއް ކަމަށެވެ. ހަމައެހެންމެ ސަލާމަތާއި ސްޓްރެޓީޖިކް ކަންކަމާ ބެހޭ ބޮޑެތި ބަޙުސްތަކަށް ބޭނުންވާ މަޢުލޫމާތުތައް އުފެއްދުމަށް ކުރާ މަސައްކަތަށް މި ޖަރނަލްއިން އިތުރު ހިތްވަރު ލިބިގެންދާނެ ކަމަށާއި، ފެންވަރު ރަނގަޅު ދިރާސާތައް ޝާއިޢުކޮށް ފެތުރުމަށް ވެސް މަގުފަހިކޮށްދޭނެ ކަމަށް ވެސް ޑރ. ޝެހެނާޒް ވިދާޅުވިއެވެ.
މި ޖަރނަލްއަކީ އެމްއެންޔޫގައި އަދި އެމްއެންޔޫން ބޭރުގައިވެސް ސެކިއުރިޓީ އަދި ސްޓްރެޓީޖިކް ކަންކަމާ ބެހޭ ދިރާސާތައް ކުރަމުންދާ އަންޑަރ ގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންނަށް ވަރަށް އަގުހުރި ވަސީލަތަކަށް ވާނެކަމަށް އުއްމީދުކުރައްވައި ޑރ. ޝެހެނާޒް އާދަމް އިތުރަށް ފާހަގަކުރެއްވީ، ސެންޓަރ ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒްގެ މަސައްކަތްތަކުގެ ތެރެއިން އަންނަ އަހަރުގެ ފެބްރުއަރީގައި ސެކިއުރިޓީގެ ދާއިރާއިން މާސްޓަސް އިން ރިސާޗް ކޯސް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
މޯލްޑިވްސް ސެކިއުރިޓީ އައުޓްލުކް ކުއާޓަރލީ ރިވިއު ސީރީޒްގެ ފުރަތަމަ ޗާޕުކުރެވިފައިވާ އެޑިޝަނަކީ އެމްއެންޔޫ އާއި ސެކިއުރިޓީގެ ދާއިރާއިން ދިރާސާކޮށް އެ ދިރާސާތައް އާންމުންނަށާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް އެމްއެންޔޫއިން ކުރާ މަސައްކަތްތަކުގެ ތެރޭގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.


advertisment
ހިޔާލު