ނިއުމާ މުހައްމަދު
ބެލެނިވެރިޔާއަށް ސަލާމަށްފަހު ދަންނަވަމެވެ.
(ދަރިވަރުގެ ނަން) ގެ އުނގެނުމުގެ މި މުހިންމު ދަތުރަށް ތިޔަ ބެލެނިވެރިޔާގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށްޓަކައި، އަޅުގަނޑުގެ އިޚްލާޞްތެރި ޝުކުރު ދަންނަވަމެވެ. މި ދިރާސީ އަހަރުގައި ހިތްވަރާއި ފޯރިއާއެކު މަސައްކަތްކޮށް، ގިނަގުނަ ކުރިއެރުންތައް (ދަރިވަރުގެ ނަން) ހޯދަމުން ދިޔަކަން ފާހަގަކުރެވުމަކީ، އަޅުގަނޑަށް ލިިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އޭނާގެ ހިނިތުންވުންތަކާއި، ލޯބިފޮނި ވާހަކަތަކާއި، އަޅުގަނޑާއެކު އުނގެނުމުގައި ހޭދަކުރެވުނު އަގުހުރި ކޮންމެ ވަގުތެއް އަބަދަށްޓަކައި ހިތުގައި ރައްކާކުރެވޭނެއެވެ.
މި ޗުއްޓީގައި، އަޅުގަނޑު މުދައްރިސެއްގެ ހައިސިއްޔަތުން އެދެނީ ދަރިފުޅާއި އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށެވެ. ނަމަވެސް، އުނގެނުމުގެ މުހިންމުކަން ދެމެހެއްޓުމަށްޓަކައި، ބައެއް ވަގުތު ދަރިފުޅާއި އެކުގައި ފޮތެއް ކިޔުމަށް ނުވަތަ އޭނާލައްވާ ފޮތެއް ކިޔުއްވުމަށް ހުށަހަޅަމެވެ. އަދި ޑައިރީއެއްގައި ނުވަތަ ނޯޓްފޮތެއްގައި ކިޔުއްވި ފޮތުން ކޮންމެވެސް ބައެއް ލިޔުއްވުމުގައި ވަގުތު ހޭދަކުރުން މުހިންމެވެ. ސަބަބަކީ، ކިޔަމުން ބަލައިގެން ލިޔުމަކީ ލިޔެކިޔުމުގެ ހުނަރުތައް ތަރައްޤީކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމެކެވެ.
މި ޗުއްޓީގައި އެންމެ ޚާއްސަ އިސްކަމެއް ދެއްވައިގެން، ޤުރުއާން ފިލާވަޅުތައް ކިޔުއްވައި، ދަރިފުޅުގެ ނަމާދުގެ ހަރަކާތްތައް ފަރިތަކޮށް، ނަމާދުގައި ކިޔާ ސޫރަތްތަކާއި، ދުޢާތަކާއި، ޛިކުރުތައް ދަސްވިތޯ ބެއްލެވުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ، ދިރިއުޅުމުގައި އާދަކުރުވަން ޖެހޭ ދީނުގެ މުހިންމު އެއް ތަނބަކީ ނަމާދު ކަމުގައި ވާތީއެވެ.
އަދި މިޗުއްޓީގައި، ބަގީޗާތަކާއި ގޮނޑުދޮށްތަކަށް ޒިޔާރަތްކޮށް، އާއިލާއާއެކު ވަގުތު ހޭދަކުރައްވާ، މަޖާ ހަރަކާތްތަކުގެ ފޮޓޯތަކުން ހަނދާންތަކުގެ އަލްބަމްތައް ފުރާލެއްވުމަށްވެސް އިލްތިމާސްކުރަމެވެ. އެ ހަނދާންތަކަކީ އެކުދިންގެ ދިރިއުޅުމަށް ވަރަށް ބޭނުންތެރި ހަނދާންތަކެކެވެ. އަދި މިފަދަ އުފާވެރި އިޖުތިމާޢީ ހަރަކާތްތަކުން އުނގެނުމަށް ފުޅާ ދޮރުތަކެއް ހުޅުވޭނެއެވެ. ދަރިފުޅަށް ލިބޭ މިފަދަ މަޖާ ފުރުސަތުތަކުގެ ސަބަބުން އޭނާގެ ސިކުނޑި އިތުރަށް ތާޒާވެ، ސްކޫލު ހުޅުވެންވާއިރަށް ކިޔެވުމަށް ހުންނަ ފޯރި އިތުރުވެގެން ދާނެއެވެ.
މީގެ އިތުރުން، ބެލެނިވެރިޔާގެ ފަރާތުން އަޅުގަނޑު ވަރަށް މުހިންމު ކަމަކަށް އެދެމެވެ. ދަރިފުޅު ކުރިމަތީގައި ސްކޫލާއި މުދައްރިސުންނާ ބެހޭގޮތުން ދައްކަވާ ވާހަކަތަކަކީ ހެޔޮ ބަސްތަކަކަށް ވާންޖެހެއެވެ. މިސާލަކަށް، މުދައްރިސުންގެ ބުރަ މަސައްކަތްތައް އަގު ވަޒަންކުރެވޭނެ ބަސްތަކަކަށް ވާންޖެހެއެވެ. ނުވަތަ ސްކޫލާއި އުނގެނުމުގެ މާހައުލަށް އެކުދިން އިހުތިރާމު ކުރާނޭ ފަދަ ބަސްތައް އެކުދިން ކުރިމަތީގައި ބޭނުން ކުރައްވާށެވެ. ނަފުރަތު އުފެދޭ ފަދަ ބަސްތައް އެކުދިންނާ ހިއްސާ ނުކުރައްވާށެވެ. ސަބަބަކީ އުނގެނުމުގެ މި ދަތުރަކީ ވަރަށް ދިގު ދަތުރެކެވެ. ކުރިމަގުގައި، އަޅުގަނޑާއި އެކުގައި މި ސްކޫލުގައި ވަރަށް ގިނަ އަހަރުތަކެއް ދަރިފުޅު ހޭދަކުރާނެއެވެ.
(ދަރިވަރުގެ ނަން) އަކީ އަޅުގަނޑު ވަރަށް ލޯބިވާ ދަރިވަރެކެވެ. އޭނާއަށް ބާއްޖަވެރި އުފާވެރި ދިރިއުޅުމެއް ނަސީބުކުރެއްވުމަށް އަޅުގަނޑު އެދެމެވެ. އަދި އޭނާއަކީ ހެޔޮލަފާ، އިޚްލާޞްތެރި، އޯގާވެރި، ޒިންމާދާރު، މުޖުތަމަޢަށް ފައިދާހުރި ފަރުދަކަށް ވުމަށް އެދި އަޅުގަނޑު ހެޔޮ ދުޢާ ކުރަމެވެ.
ހެޔޮ އެދޭ،
[މުދައްރިސު/ ޓީޗަރ


advertisment
ހިޔާލު