ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް އަންނަ އަހަރު ބާއްވަނީ

ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް އަންނަ އަހަރު ބާއްވަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން އިއުލާން ކުރެއްވީ ރާއްޖޭގައި ކުޑަކުދިން ބަލާނެ ކާޓޫނު ފިލްމާއި ގައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުމުން އެ ކަންބޮޑުވުމަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމުގެ މަޤްޞަދުގައެވެ.

ރާއްޖޭގައި ކުޑަކުދިން ބަލާނެ ކާޓޫނު ފިލްމާއި ޤައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުމުގެ ކަންބޮޑުވުން ބެލެނިވެރިންނާއި ބައެއް ބޭފުޅުން ފާހަގަކުރައްވާ ކަމަށާއި ވަކިން ހާއްސަކޮށް ރާއްޖޭން ބޭރުގައި އުޅުއްވާ ދިވެހި އާއިލާތަކާއި ރާއްޖޭގައި ވެސް ބެލެނިވެރީން އޮފީހުގައި ގިނަ ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާ ހާލަތްތަކުގައި ކުޑަކުދިންނަށް ފައިދާހުރި ވަގުތުތަކަށް އެ ވަގުތުތައް ބަދަލު ކޮށްލައްވަން ބެލެނިވެރީން ބޭނުންފުޅުވާ ކަމަށް ރޭ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވަނީ މި ބޮޑު ގައުމީ އުދާސްތަކަށް ހައްލެއް ގެންނަން. އެހެންވީމާ، އަންނަ އަހަރު ބަހާއި ސަގާފަތާއި ތާރީހާއި ތަރިކައިގެ ދާއިރާއިން ކުޑަކުދީންނަށް ހާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާ އެކު ހުޅުވާލާނަން" އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރަން ރޭ ޞަލާޙުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރޭ ވިދާޅުވީ، ދިވެހިބަހާއި ސަގާފަތާއި ތަރިކަ އާއި ތާރީހު ކުޑަކުދިންނަށް އުނގަންނައި ދިނުމުގައި ޒަމާނީ ގޮތްތައް ގެންނަން ޖެހޭ ކަމަށާއި ބަސް ދަސްކޮށްދިނުމަކީ ހަމައެކަނި ލިޔެފައިވާ ފިލާވަޅުތަކަކަށް ހަނިކުރެވިފައި އޮތުމުގެ ބަދަލުގައި، ދުނިޔޭގެ އެހެނިހެން ބަސްތައް ދަސްކޮށްދޭ ގޮތަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ދިވެހި ބަސް ދަސްކޮށްދޭން ޖެހޭ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ތާނައަކީ ދިވެހީންގެ ފަހުރެއް ކަމަށާއި ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮންނަ ފަދައިން ދިވެހީންގެ އަމިއްލަ އަކުރެއް އޮތުމަކީ އެއީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. ގައުމެއްގެ ނިސްބަތުން ބަލާއިރު، އަމިއްލަ އަކުރެއް އޮތުމަކީ އެ ގައުމެއްގެ ސަގާފީ ސިޔާދަތު އެތައް ގުނަޔަކަށް މަތިވެގެންދާ ކަމެއްކަން ބަޔާން ކުރައްވައި ރައީސް ވިދާޅުވީ، އެ ސަބަބަށްޓަކާ އަންނަ އަހަރުން ފެށިގެން ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތެއް ގައުމީ ފެންވަރުގައި ވަޒަން ކުރެވޭ ގޮތަށް ކުރިޔަށް ގެންދަން ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *