ޕެރަ ގޭމްސްއަކުން ރާއްޖެއަށް މެޑަލްއެއް ހޯދައިދިން މުހައްމަދު ރިޒްހާނަށް އުފަންރަށުން ވެސް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ރާއްޖެއިން ވާދަކުރި ރިޒްހާންވަނީ 12 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާއިން 50 މީޓަރު ފްރީ ސްޓައިލް އިވެންޓުގައި ވާދަކޮށް ލޯ މެޑަލް ހޯދާފައެވެ. މިއީ ޕެރަ ބައިނަލް އަޤްވަމީ މިބާރާތެއްގައި ފެތުމުން ރާއްޖެއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

ހދ. އޭއީސީގެ ކެޕްޓަން ކަމުގެ ޒިންމާ ވެސް އަދާކުރަމުން އަންނަ ރިޒްހާނަށް ކުޅުދުއްފުށީ ސިޓީ އެއާޕޯޓަށް މަރުޙަބާ ދެއްނެވުމުގައި އިސްކޮށް ހުންނެވީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔަރު އަޙްމަދު އާތިފާއި ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ (ރޯޒޭ) އާއި ސިޓީ ކައުންސިލް މެމްބަރުންނާއި ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ އިސް ވެރިންނާއި ދަރިވަރުންނެވެ.

ރިޒްހާން ހޯދި ކާމިޔާބީއަށް މަރުޙަބާ ކިޔައި، އެ ކައުންސިލުން ބުނެފައިވަނީ، އޭނާ ހޯދި ކާމިޔާބިއަކީ ކުޅުދުއްފުއްޓާއި މުޅި ދިވެހި ޤައުމު ފަޚުރުވެރިވާ ފަދަ ތާރީޚީ ކާމިޔާބީއެއް ކަމަށެވެ.

މިމަހުގެ 7ން 12 އަށް ދުބާއީގައި ކުރިއަށް ގެންދިޔަ، އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި އަށް ކުޅިވަރެއްގައި 35 ޤައުމަކުން 1500 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރިއެވެ.


advertisment
ހިޔާލު