މަތީ ސާނަވީ ދޫކޮށްލައި، ފައުންޑޭޝަން ޕްރޮގްރާމްތަކާ ދިމާލަށް ކުދިން މިސްރާބުޖަހާތީ އެކަމާ ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އޯލެވެލް ނިންމައި އޭލެވެލްގެ ބަދަލުގައި ފައުންޑޭޝަން ޕްރޮގްރާމްތަކާ ދިމާލަށް މިސްރާބުޖަހާ ކުދިންގެ އަދަދު މިއަހަރު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. ކޮވިޑްއާ ގުޅިގެން ފަސްކުރި އޯލެވެލް އިމްތިޙާން މިއަހަރުގެ މެއިމަހު ބޭއްވިއިރު، އެ އިމްތިޙާނުގައި 5،955 ދަރިވަރުން ބައިވެރިވިއެވެ. މީގެ ތެރެއިން އޭލެވެލްއާ ހަމައަށް ދަނީ އެކަށީގެންވާ މަދު އަދަދެއްގެ ކުދިންނެވެ.
ޤަޢުމީ ޔުނިވަރސިޓީން ބުނެފައި ވަނީ އެ ޔުނިވަރސިޓީން ހިންގާ އެކިއެކި ޕްރޮގްރާމްތަކުން މިއަހަރު 400 އާ ގާތްކުރާ އަދަދެއްގެ ދަރިވަރުންނަށް ފުރުޞަތު ދީފައިވާ ކަމަށެވެ. މިއީ އެހެން އަހަރު ތަކާ އަޅާބަލާއިރު، ނިސްބަތުން މަތީ އަދަދެކެވެ. ފާއިތުވި އަހަރުވެސް އެ ޔުނިވަރސިޓީގެ ފައުންޑޭޝަން ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންގެ އަދަދަކީ 170 އެވެ. ވިލާކޮލެޖުން ބުނީ ސެޕްޓެމްބަރު އިންޓޭކަށް އެކަނި ވެސް ހަ ސަތޭކައަށްވުރެ ގިނަ ކުދިން ފައުންޑޭޝަން ކޯސްތަކުގައި ބައިވެރިވެފައިވާ ކަމަށެވެ.

މާލޭގައި އޭލެވެލްއަށް ކިޔަވައިދޭ ސަރުކާރުގެ ހަމައެކަނި ސްކޫލަކީ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަނެވެ. މިމަހުގެ އެންމެފަހު ހަފުތާގެ ތެރޭގައި އެ ސްކޫލްގައި ގުރޭޑް އެގާރައަށް އަލަށް ވަންނަ ކުދިންގެ ކިޔެވުން ފަށާއިރު، ޖާގައަށްވުރެ ވަންނަން ފޯމް ހުށަހެޅި ކުދިންގެ އަދަދު މަދެވެ. މިއަހަރު އެ ސްކޫލުން 530 ޖާގައަށް ހުޅުވާލި ނަމަވެސް ފުރުތަމަ ބުރުގައި ވަންނަން އެދިފައި ވަނީ 450 ކުދިންނެވެ. އެހެންވެ ބައެއް ކޮންބިނޭޝަންތަކަށް ޖާގަ އޮތުމާއެކު އިތުރު 90 ޖާގައަށް ފުރުޞަތު ހުޅުވާލިއެވެ.
ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދު ދީދީ ވިދާޅުވެފައި ވަނީ، ފައުންޑޭޝަން ކޯހަކީ އޭލެވެލްގެ ރިޕްލޭސްމަންޓެއްކަމަށް ބަލައިގެން ނުވާނެ ކަމަށާއި، އެކަން އެގޮތަށް ދިމާވާން ޖެހުނު ސަބަބަކަށް ކޮލެޖުތަކުން އެކަން ޕުރޮމޯޓު ކުރުމުން ދިމާވީ ކަމަކަށް ވެދާނެ ކަމަށެވެ.
" ފައުންޑޭޝަން ކޯހަކީ އޭލެވެލްގެ ރިޕްލޭސްމަންޓެއްކަމަށް ބަލައިގެން ނުވާނެ. ދިރާސީ އަހަރު ފެށޭ ދުވަސް ބަދަލް ކުރުމަށް ދަރިވަރުން އެއްގުރޭޑެއްގައި ރިޕީޓްކުރުމުގެ ސަބަބުން އުމުރަށް އައި ބަދަލަކީ ސަބަބަށް ވުން ވެސް އެކަށީގެންވޭ. އޯލެވެލް ނިމޭއިރު މިހާރު ދަރިވަރަށް ހުންނާނީ ގާތްގަނަޑަކަށް 18 އަހަރުވެފައި. މިހާލަތުގަ ޔުނިފޯރމް ލައިގެން ސްކޫލަށް ދާން ބޭނުން ނުވަނީ ކަމަށް ނުވާނެބާ!"
" މިއީ ސަބަބު ހޯދާ ބަލަން ޖެހޭ ކަމެއް. ފައުންޑޭޝަން ކޯހަކީ އޭލެވެލްގެ ރިޕްލޭސްމަންޓެއްކަމަށް ބަލައިގެން ނުވާނެ" އާސިޔަތު ވިދާޅުވިއެވެ.
އާސިޔަތު ދެކެވަޑައިގަންނަވާ ގޮތުގައި މަތީ ސާނަވީ ދޫކޮށްލާ ސަބަބު ދެނެގަންނަންޖެހެއެވެ. ދިރާސީ އަހަރު ފެށޭ ދުވަހަށް ގެނައި ބަދަލާއި، ދަރިވަރުން އެއް ގުރޭޑެއްގައި ރިޕީޓްކުރުމުގެ ސަބަބުން އުމުރަށް އައި ބަދަލާއެކު، އަށާރަ އަހަރު ފުރުމުން ޔުނިފޯރމް ލައިގެން ސްކޫލަށް ދާން ބޭނުން ނުވުމަކީ ވެސް އެކަށީގެންވާ ސަބަބަކަށް ވެދާނެ ކަމަށް އާސިޔަތު ދެކެވަޑައިގަންނަވައެވެ.
" ދިރާސީ އަހަރު ފެށޭ ދުވަސް ބަދަލް ކުރުމަށް ދަރިވަރުން އެއްގުރޭޑެއްގައި ރިޕީޓްކުރުމުގެ ސަބަބުން އުމުރަށް އައި ބަދަލަކީ ސަބަބަށް ވުން ވެސް އެކަށީގެންވޭ. އޯލެވެލް ނިމޭއިރު މިހާރު ދަރިވަރަށް ހުންނާނީ ގާތްގަނަޑަކަށް 18 އަހަރުވެފައި. މިހާލަތުގަ ޔުނިފޯރމް ލައިގެން ސްކޫލަށް ދާން ބޭނުން ނުވަނީ ކަމަށް ނުވާނެބާ!" އާސިޔަތު ވިދާޅުވިއެވެ.
އާސިޔަތު ވިދާޅުވީ، ކޮންމެ ނިންމުމަކީ ދިގުމުއްދަތަކަށް ދެމިގެންދާނެ، ތަފާތު އެތައްކަމަކާ ގުޅިފަވާ ކަމަކަށް ވީހިނދު ކަންކަމުން ނިކުންނާނެ ނަތީޖާ ކުރިޔަށް ހޯދާ ބެލުމުން ނިންމުންތަކުގެ ނަތީޖާ ފޮނިވާނެ ކަމަށެވެ.
ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިސްމާއިލް ސައުދުﷲ ވިދާޅުވެފައި ވަނީ އޭލެވެލް މަރުހަލާއަކީ ޢިލްމީ ދާއިރާތަކުން ކުރިޔަށްދާން ބޭނުންވާ ކުއްޖަކަށް ލިބޭނެ އެންމެ އަގުހުރި ފުރުސަތު ކަމަށެވެ. ޢިލްމީ ދާއިރާތަކުން ކެރިއާ ބިލްޑް ކުރާ ދަރިވަރުން އޭލެވެލް ސްކިޕް ކުރުމުގެ ސަބަބުން ޑިގުރީ މަރުހަލާގައި ދިރާސާ މަސައްކަތްތައް ކުރަން ޖެހުމުން އޭލެވެލް ނިންމާފައި ދާ ދަރިވަރުން އުފުލަން ނުޖެހޭ ވަރަށް ގިނަ ދަތި ހުރަސްތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން މިހާރު ރާއްޖޭގެ ހަޔާ އެޑިޔުކޭޝަން އިންޑަސްޓްރީގައި ޓޮލެރޭޓް ނުކުރެވި ތަޢުލީމީ ހަޔާތުގައި ސިއްކަ ޖަހާ ކުދިންގެ އަދަދު ދުވަހެއް ދުވަހެއް އިތުރުވަމުން އަންނަ ކަމަށެވެ.
advertisment
ހިޔާލު