އަޙްމަދު ސާމީ
ކަރުދާހުން ހެދި ލާންޗްގައި މޯޓަރެއް އަޅައިގެން ދުއްވަން ފެށި ދުވަހަކީ ކަނޑިތީމުގައި ހުންނަ ށ. އަތޮޅު މަދަރުސާގައި ކިޔަވަމުން އަންނަ ޔޫނުސް އަޙްމަދު ނާޝިދުގެ ހުނަރު އޭނާގެ މައިންބަފައިންނަށް ފާހަގަވާން ފެށި ހިސާބެވެ. އޭރު އޭނާގެ އުމުރުން ވާނީ ހަތް އަހަރެވެ. އޭގެ ކުރިން ވެސް، ހަލާކުވެގެން އުކާލާ ކުދި ރިމޯޓް ކާރުފަދަ ތަކެތި ހޯދައިގެން ގެނެސް އެ ރޫޅާލައިގެން އެއިން އެހެން އެއްޗެއް އުފެއްދޭތޯ އޭނާ މަސައްކަތް ކުރެއެވެ.
އެ ފަދަ މަސައްކަތްތަކަށް ޔޫނުސްގެ ޝައުޤު އޮންނާތީ، ގޭގައި ހަލާކުވާ ކަރަންޓް ސާމާނު ފަދަ ތަކެތި ހަދަން އޭނާއާ ހަވާލު ކުރެއެވެ. ގޭތެރެއިން ފެށި އެ މަސައްކަތް ފުޅާވާން ފެށީ ތިމާގެ މީހުންނާއި އަވަށްޓެރިންނާއި ދަންނަ ރައްޓެހިން އެފަދަ ތަކެތި ހަދަން ގެންނާތީއެވެ.
"ގޭގައި އިލެކެޓްރިކް ސާމާނަކަށް މައްސަލައެއް ދިމާވިޔަސް ހައްލުކޮށްދޭނެ. ޓޮޕެއް އެއްޗެއް ބަދަލުކުރަން ޖެހުނަސް ކުރާނީ އޭނާ. އެކަން ކުރާތީ ތިމާގެ މީހުންނާއި އަވަށްޓެރިން ވެސް ހަލާކުވާ ތަކެތި ހަދަން ގެންނާނެ. އުފަލުން ކުރާހިތުން އެފަދަ ތަކެތި ހަދައިދޭނީ ވެސް" ޔޫނުސްގެ މަންމަ ބުންޏެވެ.
ހަލާކުވެގެން އުކާލާތަކެތީގައި ހުންނަ މޯޓަރު ބޭނުން ބޭނުންކޮށްގެން ކޮފީގިރާއެއްޗެއް ނޫނީ އަމިއްލައަށް މޮޑިފައިކޮށްގެން ފަންކާ ފަދަ ތަކެތި ވެސް ޔޫނުސް ހަދައެވެ. އަދި ރައްޓެހިންނާއި ދަންނަ މީހުންގެ ފޯނަށް ދިމާވާ ކުދިކުދި މައްސަކަތައް ވެސް ހައްލުކޮށްދެއެވެ.
ކަރުދާހުން ފޯނުތަކުގެ މޮޑެލް ހެދުމަކީ ވެސް އެއް ދުވަސްވަރެއްގައި ގަޔާވެގެން ޔޫނުސް ކުރިކަމެކެވެ. އަލަށް ނެރޭ އައިފޯންތަކުގެ އެތައް ނަކަލުތަކެއް ކާޑްބޯޑު ކަރުދާހުން އޭނާ ވަނީ ހަދާފައެވެ.
"އައިފޯނުގެ އެތައް މޮޑަލަކާއި އައިޕެޑެއްގެ ނަކަލެއް ވެސް ކަރުދާހުން ހަދާފައި ހުންނާނެ. ހުސްވަގުތެއް ލިބޭއިރަށް އަބަދުވެސް އުޅެނީ އެކްސްޕެރިމެންޓެއް ހެދޭތޯ. މޮޑިފައިކޮށްގެން އައު އެއްޗެއް ހެދޭތޯ" ޔޫނުސްގެ މަސައްކަތަށް އޭނާގެ މަންމަ ތައުރީފު ކުރިއެވެ.

މި އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ޔޫނުސް ހޭދަކުރީ އޭނާގެ ރައްޓެހި ކުދިންގެ ބައިސްކަލުގައި ލައިޓް ހަރުކުރުމުގައެވެ. މޯޓަރެއް ހަރުކޮށްގެން އޭގެ އެހީގައި ބުރެކި ޖައްސާއިރަށް އެ ލައިޓް ދިއްލޭގޮތް ހެދުމުގައެވެ. އެކަން ކަމުދިޔަ އެތައް ކުދިންނެއްގެ ބައިސްކަލުގައި ލައިޓް ހަރުކޮށްދިނެވެ.
"ކަރަންޓާ ގުޅުން ހުންނަ ކަންތައްތަކަށް ޚާއްޞަ ޝައުޤުވެރިކަމެއް ހުންނަ ކަމަށް ފާހަގަކުރެވޭ. އޭނާ ނިދާ އެނދުގެ ވަށައިގެން ވެސް ހުންނާނީ ލެޑްފަތިތައް ހަރުކޮށްފައި" ޔޫނުސްގެ މަންމަ ކިޔައިދިނެވެ.
ބެޓެރި ކާރެއް ހެދުމުގެ ޚިޔާލު ޔޫނުސްއަށް ކުރެވެން ފެށީ ހަލާކުވެފައި އޮތް ކުޑަ ބެޓެރި ސައިކަލެއްގެ ފުރޮޅުތަކާއި ބެޓެރިއެއް ރައްޓެއްސަކު ދިން ހިސާބުންނެވެ.
"އަޅުގަނޑުމެންނަށްކަށް ކުރިއަކުން ނޭނގޭ ކުރަން މިއުޅެނީ ކީއްކަމެއް. ގޯކާޓެއް ހަދާށޭ އޭރު ބުނީ" ބެޓެރި ކާރެއް ހެދުމުގެ މަސައްކަތް ފެށިގޮތް ޔޫނުސްގެ މަންމަ ކިޔައިދިނެވެ.
ކާރުގެ އޮނިގަނޑު ލަކުޑި ފިލައިން ހަދާ ހަތަރު ފުރޮޅު އޭގައި ހަރުކުރިއެވެ. ހުންގާނަކަށް ބޭނުން ކުރީ ވެސް ކުޑަކުދިން ދުއްވާ ވައްތަރުގެ ބެޓްރި ސައިކަލެއްގެ ހުންގާނެކެވެ. ލަކުޑިން ހެދި އޮނިގަނޑުގައި ފުރޮޅު ހަރުކޮށްގެން ޓެސްޓަކަށް ދުއްވިތަނުން ކާރުގެ އޮނިގނޑު ދިޔައީ ބިންދައިގެންނެވެ. މީހަކު އަރައިގެން ދުއްވޭހާ ބާރެއް އޭގައި ނެތެވެ. އެހެންވެ ޔޫނުސްއަށް ޖެހުނީ އޮނިގަނޑު ވަރުގަދަކޮށްގެން އަލުން ހަދާށެވެ. ފަހުން ހެދީ ކުރިއަށްވުރެ ވަރުގަދަކޮށް މީހަކު އަރައިގެން ދުއްވޭހާ ވެސް ވަރުގަދަކޮށެވެ.

"ބޭނުންވީ ވަރުގަދަކޮށް ހެދުމަށްވުރެ ބޮޑަށް ބެޓްރި ކާރެއް ގޮތަށް މަސައްކަތް ކުރޭތޯ ބަލަން" މިހާރު ގުރޭޑް 6ގައި ކިޔަވަމުން އަންނަ ޔޫނުސް ދަރިވަރު ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.
އަމިއްލަ މަސައްކަތުން ހެދި ކާރަށް އަރައިގެން ދުއްވާލަން ނުކެމެވުމަކީ އެއީ ޔޫނުސްއަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ބޮޑު އުފަލެކެވެ. އެ އުފަލުގައި އޭނާގެ އެކުވެރިންވެސް ބައިވެރިކުރިއެވެ. ދުއްވާލަން އެމީހުންނަށް ވެސް ދިނެވެ.
ޔޫނުސްގެ ކާރަކީ އޭނާގެ ކުރިމަގަށް ރާވާފައިވާ މަސައްކަތުގެ ފެށުމެވެ. ކާރެއްގެ ގޮތުގައި ދުއްވަން ނެރެން އަދި ލައްކަ މަސައްކަތް ކުރަން އެބަހުއްޓެވެ. އެކަމާ އުޅެން ޔޫނުސް ނިންމައިގެން ހުރީ އަހަރުގެ ފަހު އިމްތިޙާނަށްފަހުއެވެ. ބޮޑު ޗުއްޓީ ތެރޭގައެވެ.

ޔޫނުސްގެ މަންމަ ބުނީ، ލަކުޑީގެ ބަދަލުގައި ދަނގަޑުން އޮނިގަނޑު ހަދައި ކަވަރު ޑިޒައިންކޮށްގެން އަސްލު ކާރެއްގެ ސިފަ ޖައްސާތަން ބަލަން އޭނާ ވެސް ބޭނުންވާ ކަމަށެވެ.
"އޭނާ ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުން މިދަނީ. ބޭނުންވާ ތަކެތި ވެސް ގަނެދެމުން މި ދަނީ. އެންމެ އުފާވަނީ އެ އެ މަސައްކަތުގެ ތެރޭގައި އުޅެމުން ވެސް ކިޔެވުމަށް ސަމާލުކަންދޭތީ"
ޔޫނުސްއަކީ އަމިއްލަ މަސައްކަތުން ހުނަރު ތަރައްޤީ ކުރަމުން އަންނަ ދަރިވަރެކެވެ. އޭނާގެ އުއްމީދު ގުޅިފައިވަނީ އިންޖިނިއަރިންގ ދާއިރާއާއެވެ.
advertisment
ހިޔާލު