އަހަރު ބޭއްވި ކާމިޔާބު މެރަތަންއަށްފަހު އަންނަ އަހަރުގެ މެރަތަންއަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ހުޅުވާލީ ޚާއްޞަ ކެޓަގަރީއެއްގެ ގޮތުގައި 65 އަހަރުން މަތީގެ މީހުންނަށް ބައިވެރިވެވޭ ގޮތަށެވެ. މިއީ ހަރަކާތްތެރި ދިރިއުޅުމުގެ އާދަތައް ކުރިއެރުވުމާއި، އެންމެންނަށް ބައިވެރިވެވޭ ގޮތަށް މެރަތަން ކުރިއަށް ގެންދަން އެ ޔުނިވަރސިޓީން އެޅި މުހިންމު ފިޔަވަޅެވެ. އުމުރުން ދުވަސްވީ މީހުން ބައިވެރިކުރަން ނިންމާފައި ވަނީ ދޮށީ އުމުރުގެ މީހުންނާ ގުޅޭ ގޮތުން އެ ޔުނިވަރސިޓީން ކުރި ދިރާސާއަކާ ގުޅުވައިގެންނެވެ.

އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ 13 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މެރަތަންގައި ފަސް ގެޓަގަރީއެއްގައި ވާދަކުރެވޭނެއެވެ. އެއީ:
42 ކިލޯމީޓަރު، (ފުލް މެރަތަން)
21 ކިލޯމީޓަރު، (ހާފް މެރަތަން)
10 ކިލޯމީޓަރު
5 ކިލޯ މީޓަރު
65 އަހަރުން މަތީގެ މީހުންގެ ކެޓަގަރީ
މެރެތަންގެ މަޤްޞަދަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުން ބައްޓަންކުރުމަށް ޔުނިވަރސިޓީގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް އަދި އާންމުކޮށް މުޖްތަމަޢުގެ އެންމެހާ ފަރާތްތަކަށް ހިތްވަރު ދިނުން ކަމަށް އެމްއެންޔޫއިން ބުނެއެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރު، ޑރ. ޝެހެނާޒު ވިދާޅުވީ، ޖިސްމާނީ ހަރަކާތް އަޅުގަނޑުމެންގެ ސިއްޙަތާއި ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމަށާއި އޭގެ ސަބަބުން ހަށިގަނޑު ހަރުދަނާވެ، ސިކުނޑިތައް ތޫނުވެ، އުފާވެރިކަން ވަރަށް ބޮޑަށް އިތުރުކޮށްދޭ ކަމަށެވެ. މެރަތަން ފަދަ ހަރަކަތްތަކުގެ ސަބަބުން އެމްއެންޔޫގެ ތަޞައްވުރާ އެއްގޮތަށް ރަނގަޅު ދުޅަހެޔޮ އަދި މުޖްތަމައަށް ހެޔޮ ގޮތުގައި އެހީތެރިކަން ފޯރުކޮށް ދިނުމުގެ ޤާބިލްކަން ލިބިފައިވާ، އިޖްތިމާއީ ގޮތުން ޒިންމާދާރު ދަސްވެނިންތަކެއް ބައްޓަން ކުރުމަށް މަގުފަހިވެގެންދާ ކަމަށް ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

" ދުވުންތެރިންގެ ގޮތުގައި ވިޔަސް، ސަޕޯޓަރުންގެ ގޮތުގައި ވިޔަސް، ވޮލަންޓިއަރުންގެ ގޮތުގައި ވިޔަސް، އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު މެރަތަންގައި ބައިވެރިވެ މިއީ ހިނިތުންވުމާއި އުފާވެރިކަމާއި ކާމިޔާބީތަކުން ފުރިގެންވާ ހަނދާނަކަށް ހެދުން" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.
ޑރ. ޝެހެނާޒު ވިދާޅުވީ، މި މެރަތަން ވާނީ އެމްއެންޔޫއިން ދަރިވަރުންނަށް ފޯރުކޮށް ދޭން މަސައްކަތް ކުރާ ވަށައި ޖެހޭ ތަޢުލީމުގެ އަސާސްތަކަށް މިސްރާބު ޖަހާ ދަތުރަކަށް ކަމަށާއި އެއީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށާއި ރަނގަޅު އަޚްލާޤީ ސުލޫކީ މިންގަނޑެއް ހިފެހެއްޓުމަށާއި އުފާވެރި މާހައުލެއް ބިނާ ކުރުމުގެ ދަތުރެއް ކަމަށެވެ.
" ބޫޓްތަކުގެ ނާޑުވާ ބާރަށް އައްސާލެއްވުމަށްފަހު ހިނގާފައި ވިޔަސް، ދުވެފައި ވިޔަސް، ފިޔަވަޅުތައް އަޅަމުން ގެންދާއިރު އަޅުގަނޑުމެންނަން ހަނދާންކޮށް ދެނީ ދިރިއުޅުމަކީ ވެސް މެރަތަންއެއް ކަން. އެއީ، ދިރިއުޅުމެކޭ އެއްފަދައިން މެރަތަންއެއްގެ ކާމިޔާބީގެ ފަހަތުގައި ވަނީ އަމިއްލަ ނަފުސަށް އިތުބާރު ކުރުމާއި ޕޮޒިޓިވްކޮށް ނުވަތަ ހެޔޮކޮށް ވިސްނުމާއި، ދިމާވާ ދަތިތައް އަދި ހުރަސްތައް ގިރާކުރާނެ މަގުތައް ހޯދާ، ލަނޑުދަނޑިތައް ކަނޑައަޅައި އެ އަމާޒަށް ވާޞިލްވޭތޯ މަސައްކަތް ކުރުން" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

އެމްއެންޔޫ މެރަތަންގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ވެސް ހަރަކާތެއްކުރިއަށް ގެންދެއެވެ. އެއީ "ކިޑްސް ޑޭޝް"ގެ ނަމުގައި ކުރިއަށް ގެންދާ ކުޑަކުދިންގެ ދުވުމެވެ. ދެ ކިލޯމީޓަރުގެ މި ދުވުމުގައި ބައިވެރިކުރަނީ 4 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނެވެ. މި ދުވުން ކުރިއަށް ގެންދަނީ ފެބުރުވަރީ މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 7:00ގައެވެ. ކިޑްސް ޑޭސްގައި ވެސް ވަނަތައް ހޮވައި މެޑަލް ދޭނެއެވެ.
ފައިސާގެ ބޮޑު އިނާމްތަކެއް
އެމްއެންޔޫ މެރަތަންގެ ބައިވެރިންނަށް ފައިސާގެ އިނާމްތަކެއް މި ފަހަރުވެސް ހުށައަޅާފައިވެއެވެ. ކޮންމެ ކެޓަގަރީއަކުން އަންހެން ފިރިހެން އަދި އެއްވަނަ ދެވަނަ ތިންވަނަ ހޮވާނެއެވެ. އެގޮތުން ފައިސާގެ އިނާމް ކަނޑައަޅާފައި ވަނީ:
ފުލް މެރަތަން (42 ކިލޯމީޓަރު) ފިރިހެން އަދި އަންހެން އެއްވަނަ: 10،000 ރުފިޔާ
- ފުލް މެރަތަން (42 ކިލޯމީޓަރު) ފިރިހެން އަދި އަންހެން ދެވަނަ: 7،000 ރުފިޔާ
- ފުލް މެރަތަން (42 ކިލޯމީޓަރު) ފިރިހެން އަދި އަންހެން ތިންވަނަ: 5،000 ރުފިޔާ
- ފުލް މެރަތަން (42 ކިލޯމީޓަރު) 65 އަހަރުން މަތި ފިރިހެން އަދި އަންހެން އެއްވަނަ: 10،000 ރުފިޔާ
- ހާފް މެރަތަން (21 ކިލޯމީޓަރު) ފިރިހެން އަދި އަންހެން އެއްވަނަ: 7،000 ރުފިޔާ
- ހާފް މެރަތަން (21 ކިލޯމީޓަރު) ފިރިހެން އަދި އަންހެން ދެވަނަ: 5،000 ރުފިޔާ
- ހާފް މެރަތަން (21 ކިލޯމީޓަރު) ފިރިހެން އަދި އަންހެން ތިންވަނަ: 3،000 ރުފިޔާ
- ހާފް މެރަތަން (21 ކިލޯމީޓަރު) 65 އަހަރުން މަތި ފިރިހެން އަދި އަންހެން އެއްވަނަ 7،000 ރުފިޔާ
- 10 ކިލޯމީޓަރު، ފިރިހެން އަދި އަންހެން އެއްވަނަ: 5،000 ރުފިޔާ
- 10 ކިލޯމީޓަރު، ފިރިހެން އަދި އަންހެން ދެވަނަ: 3،000 ރުފިޔާ
- 10 ކިލޯމީޓަރު، ފިރިހެން އަދި އަންހެން ތިންވަނަ: 2،000 ރުފިޔާ
- 10 ކިލޯމީޓަރު، 65 އަހަރުން މަތި ފިރިހެން އަދި އަންހެން އެއްވަނަ 5،000 ރުފިޔާ
- 5 ކިލޯމީޓަރު، ފިރިހެން އަދި އަންހެން އެއްވަނަ: 3،000 ރުފިޔާ
- 5 ކިލޯމީޓަރު، ފިރިހެން އަދި އަންހެން ދެވަނަ: 2،000 ރުފިޔާ
- 5 ކިލޯމީޓަރު، ފިރިހެން އަދި އަންހެން ތިންވަނަ: 1،000 ރުފިޔާ
- 5 ކިލޯމީޓަރު، 65 އަހަރުން މަތި ފިރިހެން އަދި އަންހެން އެއްވަނަ 3،000 ރުފިޔާ
އެމްއެންޔޫގެ މެރަތަންއަށް ޚާއްޞަ ވެބްސައިޓަކާއި ފަސޭހައިން ރަޖިސްޓަރކުރެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ. މި ވެބްސައިޓް ފަރުމާކޮށްފައިވަނީ އެ ޔުނިވަރސިޓީގެ ފެސްޓްގައި ކިޔަވަމުން ދިޔަ ހަތަރު ދަރިވަރުން ހިލޭ ސާބަހަށެވެ. މި ވެބްސައިޓް މެދުވެރިކޮށް މެރަތަންއަށް ރެޖިސްޓަރކޮށް ފައިސާ ދެއްކެއެވެ.
advertisment
ހިޔާލު