އިސްލާމާއި ޤުރުއާން ފޮތްތަކުގައި އިސްލާހުކުރަންޖެހޭ ކުށެއް ފާހަގަކުރެވިފައިވާނަމަ އެކަން އެންގުމަށް އެޑިއުކޭޝަނުން އެދިއްޖެ

އެޑިއުކޭޝަން
ޤުރުއާން ފޮތާއި އިސްލާމްފޮތް އިސްލާހުކުރުން: ކުށްތައް ފާހަގަކުރެވޭނަމަ އެންގުމަށް އާންމުންގެ ކިބައިން ވަނީ އެދިފައި

އިސްލާމާއި ޤުރުއާން ފޮތްތަކުގައި އިސްލާހުކުރަންޖެހޭ ކުށެއް ފާހަގަކުރެވިފައިވާނަމަ އެކަން އެންގުމަށް އެޑިއުކޭޝަނުން އެދިއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ދަރިވަރުން ކިޔެވުމަށް ބޭނުންކުރާ ޤުރުއާނާއި އިސްލާމް ފޮތްތައް އިސްލާހު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އެ މަސައްކަތް ކުރިއަށްދާއިރު، އިސްލާހުކުރަންޖެހޭ އެއްވެސް ކުށެއް އެ ފޮތްތަކުން ފާހަގަކުރެވިއްޖެނަމަ ނެޝަން އިންސްޓިޓިއުޓް ފޯރ އެޑިއުކޭޝަންގެ curriculum@nie.gov.mv އަށް އީމެއިލް ކުރުމަށެވެ.

ދަރިވަރުންނަށް ކިޔަވައިދިނުމަށް ތައްޔާރުކޮށްފައިވާ ހުރިހާ ކީ ސްޓޭޖްތަކެއްގެ އިސްލާމާއި ޤުރްއާން ފޮތްތައް އަލުން ބަލައި ޕްރޫފްރީޑް ކުރުމުގެ މަސައްކަތް ކުރުމަށް މިނިވަން ކޮމެޓީއެއް އެކުލަވާލައި، މި ކޮމެޓީގެ މަސައްކަތް މިހާރު ވަނީ ފެށާފައެވެ.
‏ ‏މި ކޮމެޓީ އެކުލަވާލާފައިވަނީ ކޮންމެ ގްރޭޑަކަށް 3 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ހިމެނޭގޮތަށެވެ. މި ޓީމް ތަކުގެ މަސައްކަތް އަންނަ ހަފްތާގެ ނިޔަލަށް ނިންމައި ކޮންމެ ޓީމަކުންވެސް، ފޮތްތަކުގައި ހުރި ކުށްތައް ފާހަގަކޮށް ތަފްޞީލް ރިޕޯޓެއް އެކުލަވާލައި މިނިސްޓްރީއާއި ހަވާލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ކޮމިޓީއަށް އަންގާފައެވެ.

އިސްލާމް އަދި ޤުރްއާންފޮތްތަކުގައި ކުށް ހުރިކަން ފާހަގަވެފައި ވަނީ މިދިޔަ ހަފުތާ ތެރޭގައެވެ. ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެވިފައި ވަނީ ގުރޭޑް އެކެއްގެ ޤުރުއާން ފޮތުގައާއި ގުރޭޑް ބާރައިގެ އިސްލާމް ފޮތުގައެވެ.

އެންއައިއީ އިން ވަނީ ކުށްހުރި ފޮތްތައް ދަރިވަރުންގެ އަތުން އަތުލައި، ކުށް އިސްލާހު ކުރުމަށްފަހު އަލުން ދިނުމަށް ސްކޫލްތަކަށް އަންގާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *