ހުސްނާ މިސްގެ 47 ވަނަ ފޮތް އަމާޒު ކުރީ "ދިވެހީންގެ ވަޠަން"އަށް

ދިވެހިރާއްޖޭގެ ތާރީޚާއި ޘަޤާފަތާއި އާދަކާދައާބެހޭ ގިނަ މަޢުލޫމާތު މި ފޮތުގައި ގެނެސްދީފައިވޭ

އަރާކުރި ސީރީޒުގެ 47 ވަނަ ފޮތް "ދިވެހީންގެ ވަޠަން" މިއަދު ނެރެފިއެވެ. އަރާކުރި ސީރީޒްގެ މުޞަންނިފު ޙުސްނާ ފަހްމީގެ ލިޔުއްވި 47 ވަނަ ފޮތް ނެރެދެއްވީ ދިވެހި ގައުމިއްޔަތުގެ ތާރީޚު އިސްވާރު ކަށިމާ އަޙްމަދު ޝާކިރެވެ.

ދިވެހި މުދައްރިސެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި އަރާކުރި ސީރީޒަކީ ކުޑަކުދިންނަށް އަމާޒުކޮށްގެން ރާއްޖޭގައި ނެރުނު އެންމެ ކާމިޔާބު ފޮތް ސީރީޒެވެ.

ޙުސްނާ ވިދާޅުވާ ގޮތުގައި "ދިވެހީންގެ ވަޠަން" ނެރުމުގެ ޚިޔާލު އުފެދުނީ 2024 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތަކުގައި ޤައުމިއްޔަތު މާއްދާއެއް ކިޔަވައިދެއްވަން ދިވެހި ސަރުކާރުން އިޢުލާންކުރެއްވުމާ ގުޅިގެންނެވެ. އެ ޚިޔާލު އުފެދުމާގުޅިގެން ނެރެވުނު މި ފޮތަކީ، ކިޔަވާ ކުދިންނަށާއި ދިރާސާތައްކުރައްވާ ފަރާތްތަކަށް ވެސް ވަރަށް މުހިންމު ބޭނުންތެރި މަޢުލޫމާތު މުއްސަނދި ފޮތަކަށް ވެގެންދާނެކަމަށް އޭނާ އުންމީދުކުރައްވައެވެ.

މި ފޮތް ލިޔުމަށް ޓަކައި ކުރެވުނު ގިނަ މަސައްކަތްތަކުގެ ތެރޭގައި ދިވެހިރާއްޖެއާއި ރާއްޖޭގެ ކާބަފައިންނާއި އެބައިމީހުންގެ ދިރިއުޅުމާއި، ޘަޤާފަތާއި، އާދަކާދައާއި މަސައްކަތްތެރިކަމުގެ މައްޗަށް ޢިލްމުވެރިން ލިޔުއްވާފައިވާ ގިނަ ފޮތްތަކެއް ބަލައި، ކިޔައި ދިރާސާ ކުރައްވާފައިވެއެވެ. އަދި ލިޔުންތެރިންގެ ފޮތްތަކުގައި ހުރި ބައެއް ކުރީގެ ފޮޓޯތައް (ކަޅާއި ހުދު) އޭގެ އަސްލު ނުގެއްލޭނޭ ގޮތަށް ކުލަކުރެވިގެން ކުރެހުންތައް ހިމަނާފައިވެއެވެ. އޭގެ އިތުރުން ބައެއް މަސައްކަތްތެރިކަމާއި ކުޅިވަރާއި އާދަކާދައާ ބެހޭ އަސްލު ފޮޓޯ ފެންނަން ނެތުމުން އެކަންކަމުގެ މައްޗަށް ޚިޔާލީ ފޮޓޯތައް ކުރަހައިގެން ވެސް މި ފޮތުގައި ބޭނުންކޮށްފައި ވެއެވެ. މި ފޮތުގައި 324 ސަފްހާ ހިމެނެއެވެ.

ޙުސްނާ ފަހްމީއަކީ ރާއްޖޭގެ ތަޢުލިމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދއްވާފައިވާފަރާތެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ.

އަދި "އިޖުތިމާޢީ ގޮތުން ބާރުވެރިކުރުވުން" މި ރޮނގުން 2023 ވަނަ އަހަރު "ރެހެންދި އެވޯޑް" ލިބިވަޑައިގަތެވެ. އަދި ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ދިވެހިބަހުން ފޮތްލިޔެ އެކުލަވައިލުމާއި، ޝާއިޢުކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު 2025 ވަނައަހަރު ލިބިވަޑައިގެންފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *