މުހައްމަދު ލުޠުފީ
"އައްޑޫ ސިޓީގެ ސަގާފަތާއި ތާރީޚާއި އާދަކާދަ ދައްކުވައިދޭ ކުރެހުމުގެ މުބާރާތުން އެއްވަނަ ހޯދީ ޝަރަފުއްދީން ސްކޫލްގެ އަންޖަލް
އައްޑޫގެ ތާރީޚާއި ސަފާގަތް، އަދި އައްޑުއާއި ގުޅުންހުރި ވާހަކަތައް ކިޔާދޭނެ މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރި "ބޮނޑޮގޭ އާޓްގެލެރީ" ކުލަގަދަ ހަފުލާއަކާއެކު ރަސްމީކޮށް ހުޅުވައިފިއެވެ. މިތަން ހުޅުއްވައި ދެއްވީ ނޮވެމްބަރ 29 ވަނަ ދުވަހުގެރޭ މޭޔަރ ޢަލީ ނިޒާރެވެ.
މޭޔަރ ވިދާޅުވީ، އައްޑޫގެ މުއްސަނދި ސަގާފަތާއި، ސިޔާސީ ތާރީޚާއި ދީނީ ތާރީޚް މިތަނުން ފެނިގެންދާނެކަމުގައެވެ.
މިއާޓްގެލެރީ ފަރުމާކޮށްފައިވަނީ އެންމެ ކުރީ ޒަމާނުގައި އައްޑޫގައި މީހުން ދިރިއުޅުނު ގޮތާއި، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކަންތައް ހިނގައިދިޔަ ގޮތް ފެންނާން ހުންނާނެ ގޮތަށެވެ. މި މަގްސަދު ހާސިލްކުރުމަށް ކުރެހުންތެރިންނަށާއި، އަމިއްލަ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އާޓްގެލެރީން ފުރުސަތު ލިބޭނެއެވެ.

މިތަން ހުޅުވުމަށް ބޭނުންވާ އާޓްވޯކް ހޯދުމަށް، އައްޑޫ ސިޓީގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް، އައްޑޫ އާޓް އެގްޒިބިޝަނަށް ކައުންސިލުން ފުރުސަތު ހުޅުވާލިއެވެ. މި އެގްޒިބިޝަންގެ މައިގަނޑު ތީމަކީ "އައްޑޫ ސިޓީގެ ސަގާފަތް، ތާރީޚް އަދި އާދަކާދަ" އެވެ. މި ތީމްގެ ދަށުން އައްޑޫ ސިޓީގެ މުސްތަގުބަލުގެ ތަސައްވުރު، އައްޑޫގެ ގުދުރަތީ ރީތިކަން އަދި އައްޑޫގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭފަދަ ކުރެހުންތައް މި އެގްޒިބިޝަނުން ފެނިގެން ގޮސްފައިވެއެވެ.

އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންގެ ފަންނުވެރިކަން ފެނިގެންދިޔައެވެ. އެކުދިންގެ އާޓިސްޓިކް ފިހިތަކުން ގެނެސްދީފައިވާ އައްޑޫގެ ގުދުރަތީ ރީތިކަމާއި އައްޑޫގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދީފައިވާ އާޓްވޯކްތައް ކައުންސިލުން އެކުލަވާލި ޚާއްސަ ފަނޑިޔާރުންގެ ޕެނަލަކުން ބަލައި، މާކްސްދިނެވެ.

މި އެގްޒިބިޝަނުގައި ބައިވެރިކުރި ކުރެހުންތަކުން އެންމެ ރަނގަޅު ކުރެހުމަކަށް ހޮވިފައިވަނީ ޝަރަފުއްދީން ސްކޫލްގެ މަރިޔަމް އަންޖަލް ސިދްނީން އެވެ.

ދެވަނަ ހޯދީ ހިރާ ސްކޫލްގެ ޒީވާ އާމިރެވެ.

ތިންވަނަ ހޯދީ އައްޑޫ ހައިސްކޫލްގެ މަރިޔަމް އީޝާ ސައިފުﷲ އެވެ.
10 އަހަރުން ދަށުގެ އުމުރު ފުރާއިން އެއްވަނަ ހޯދީ ޝަރަފުއްދީން ސްކޫލްގެ އައިޝަތު ތާދު އިބްރާހިމް ހަސަނެވެ. 13 އަހަރުން ދަށުގެ އުމުރު ފުރާއިން އެއް ވަނަ ހޯދީ ހިރާސްކޫލްގެ ޒީވާ އާމިރެވެ. 16 އަހަރުގެ އުމުރު ފުރާއިން އެއްވަނަ ހޯދީ ޝަރަފުއްދީން ސްކޫލްގެ މަރިޔަމް އަންޖަލް ސިދްނީން އެވެ. 20 އަހަރުގެ އުމުރު ފުރާއިން އެއްވަނަ ހޯދީ އައްޑޫ ހައިސްކޫލްގެ މަރިޔަމް އީޝާ ސައިފުﷲ އެވެ.
ހުރިހާ ގޮތަކުން އެންމެ މޮޅު 3 އާޓްވޯކަކަށް ހޮވިފައިވަނީ، ޝަރަފުއްދީން ސްކޫލްގެ މަރިޔަމް އަންޖަލް ސިދްނީން، ހިރާ ސްކޫލްގެ ޒީވާ އާމިރު ، އައްޑޫ ހައިސްކޫލްގެ މަރިޔަމް އީޝާ ސައިފުﷲ ހުށަހެޅި ކުރެހުމެވެ.

އާޓް އެގްޒިބިޝަންގައި 8 ސްކޫލަކުން ޖުމުލަ 117 ކުދިން ބައިވެރިވިއެވެ. އައްޑޫހައި ސްކޫލުން 15، ޝަރަފުއްދީން ސްކޫލުން 15، ސ.އަތޮޅު ސްކޫލުން 20، ހިތަދު ސްކޫލުން 15، ހިރާ ސްކޫލުން 15، ކެންގަރޫކިޑްސް ހުސައިނިއްޔާ ޕްރި ޕްރައިމަރީ އިންޓަރނޭޝަނަލް ސްކޫލުން 16، ފޭދޫ ސްކޫލުން 12، އަދި ނޫރާނީ ސްކޫލުން 9 ކުދިންނެވެ.


advertisment
ހިޔާލު