ރަޖިސްޓްރާއަކަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ހަމަޖައްސައި، ޑިޔުކޭޝަން ޤާނޫނުގެ ދަށުން އުފައްދަންޖެހޭ "ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު" މިއަދު އެކުލަވާލައިފިއެވެ.
ޤާނޫނު ނަންބަރު 2020/24 (ތަޢުލީމުގެ ޤާނޫނު) ގެ 38 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން މުދައްރިސުން ރަޖިސްޓަރީ ކުރުމާގުޅޭ އެންމެހައި ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި އުފެއްދުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ބޯޑެކެވެ.
މިއަދު އެކުލަވާލި "ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު" ގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:
- ރަޖިސްޓްރާރ: އަލްފާޟިލާ ޢާއިޝަތު ޢާޠިޔާ ނަޞީރު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން
- އެޑިޔުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތަޢުލީމީ ސިޔާސަތުގެ ދާއިރާ: ނަހުޒާ ޝަރީފް، އެޑިޔުކޭޝަން އޮފިސަރ
- ކިޔަވައިދިނުމުގެ ދާއިރާ: ޔުސްރާ މުރާދު، އެޑިޔުކޭޝަން އޮފިސަރ
- ތަޢުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާ: އާމިނަތު މުޙައްމަދު، އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ކޯޑިނޭޓަރ
- ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާ: ފައުޒިއްޔާ ޢަލީ، އެޑިޔުކޭޝަން އޮފިސަރ
ތައުލީމުގެ ޤާނޫނުގައި ބުނެފައިވާ ގޮތުން ކިޔަވައިދޭ ހުރިހާ ތަނެއް ރަޖިސްޓްރީކުރަންޖެހޭއިރު، އެތަންތަނުގައި ކިޔަވައިދޭންޖެހޭނީ ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑުގައި ރަޖިސްޓްރީވެ އެތަނުންދޭ ލައިސަންސެއްގެ ދަށުންނެވެ. ރަޖިސްޓްރީވެ ލައިސަންސް ހޯދަން ޖެހޭ މީހުންގެ ތެރޭގައި، ޓިއުޓަރުންނާއި ތެރަޕިސްޓުންނާއި ސްކޫލްގެ ލީޑިން ޓީޗަރުންނާއި ސުޕަވައިޒަރުންނާއި ޑިޕާޓްމެންޓްތަކުގެ ހެޑުންނާއި ހެޑް ޓީޗަރުންނާއި އެ ފެންވަރުގައި ކިޔަވައިދޭ މީހުން ހިމެނެއެވެ. މީގެ އިތުރުން ޑެޕިއުޓީ ޕްރިންސިޕަލުންނާއި އެކްޓިން ޕްރިންސިޕަލުން އަދި ޕްރިންސިޕަލުންނަށް ވެސް ސްކޫލްތަކުގައި މަސައްކަތް ކުރެވޭނީ ވެސް ރަޖިސްޓަރީވެ ލައިސަންސް ލިބިގެންނެވެ.
ތަޢުލީމީ ބިލަށް އަމަލުކުރަން ފެށީ ދިރާސީ އައު އަހަރާއެކުގައެވެ. އެ ބިލުގައިވާ ގޮތުން "ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު" އުފައްދަންޖެހޭނީ އެ ބިލަށް އަމަލުކުރާތާ ތިން މަސް ދުވަހުގެ ތެރޭގައެވެ.
advertisment
ހިޔާލު