ރަސްތަރި ޤުރްއާން މުބާރާތް: ޖެހިޖެހިގެން ތިންވަނަ ފަހަރަށް އެއްވަނަ ޔައިޝާއަށް

ހއ. އިހަވަންދޫ ކައުންސިލު ރަސްތަރި ޤުރްއާން މުބާރާތް 2025 އިން އެއްވަނަ ޔައިޝާ ޔާސިރު އިބްރާހިމް، ހއ. އިހަވަންދޫ ދޭލިޔާގެ ހޯދައިފިއެވެ. މިއީ މި މުބާރާތުން އެއްވަނަ ޔައިޝާ ހޯދި ތިންވަނަ ފަހަރެވެ. އެއްވަނަ ހޯދި ޔައިޝާއަށް ޓްރޮފީއާއި 10،000 ރުފިޔާގެ ފައިސާގެ އިނާމާއި އުމްރާ ދަތުރު ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

ހއ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުން 2ވަނަ ހޯދީ މަރިޔަމް ހިބާ ހުސައިން، ވިގޯރަސް، ހއ. ދިއްދޫއެވެ. އަދި މިމުބާރާތުގެ 3ވަނަ ހޯދީ އައިޝަތު މައިހާ މާހިރު / ރަށްމެދުގެ، ހއ. އިހަވަންދޫއެވެ.

މި މުބާރާތުން ދެވަނައަށް އައި ފަރާތަށް 6،000 ރުފިޔާ، 3ވަނައަށް އައި ފަރާތަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން އެއްވަނަ ރަށަކަށް ހޮވުނު ދިއްދޫއަށް 10,000 ރުފިޔާ، ދެވަނަ ރަށަކަށް ހޮވުނު އިހަވަންދޫއަށް 7,000 ރުފިޔާ އަދި ތިންވަނަ ރަށަކަށް ހޮވުނު ކެލައަށް 5,000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.

ރަސްތަރި ޤުރްއާން މުބާރާތުގައި މި އަހަރު ހަތް ރަށަކުން 54 ފަރާތަކުން ބައިވެރިވެއެވެ.

މި މުބާރާތުގެ ފުރަތަމަ ރައުންޑުން އެންމެ މަތިން މާކްސް ހޯދި ދިހަ ބައިވެރިން ދެވަނަ ރައުންޑްގައި ބައިވެރިވިއެވެ. ފައިނަލް ރައުންޑަށް ހޮވުނީ އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކެވެ.

ރަސްތަރި ޤުރްއާން މުބާރާތް ބާއްވާތާ މިއީ ތިންވަނަ ފަހަރެވެ. 2022 ވަނަ އަހަރާއި މި އަހަރު މި މުބާރާތް ކުރިއަށް ގެންދަނީ ހއ. އަތޮޅަށް ހުޅުވާލައިގެންނެވެ. މިދިޔަ އަހަރު މި މުބާރާތް ބޭއްވީ އިހަވަންދޫއަށް ހުޅުވާލައިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *