ނޯ ކެޕް ޖަސްޓް ފެކްޓްސް: ކިޔައިދޭނީ މައުލޫމާތު ކަށަވަރުކުރާނެ ގޮތްތައް

މައުލޫމާތު ކަށަވަރުކުރުމުގެ މުހިންމުކަމަށް ހޭލުންތެރިކުރުމަށް އެމްއެންޔޫގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޑިގްރީ ދަރިވަރުން ކުރިއަށްގެންދާ ކެމްޕެއިންގެ ދަށުން އަންނަ ހޯމަ ދުވަހު ފޯރަމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

"ނޯ-ކެޕް ޖަސްޓް ފެކްޓްސް"ގެ ނަމުގައި މި ކެމްޕެއިން ފެށީ ސްކޫލް ނިންމާ ކުދިންނާއި ޒުވާނުން ހޭލުންތެރިކުރުމަށެވެ.
ސްކޫލުތަކާއި ޔުނިވާސިޓީތަކުގެ ދަރިވަރުން އަދި އާއްމުންނަށް ވެސް ބައިވެރިވެވޭ ގޮތަށް އަންނަ ހޯމަ ދުވަހު ބާއްވާ ފޯރަމްގައި ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ތަފާތާއި އެ ފަދަ މައުލޫމާތުތައް ދެނެގަންނާނެ ގޮތްތައް ދަސްކޮށްދޭނެ އެވެ.
ފެތުރުމުގެ ކުރިން އެއީ ސައްހަ މައުލޫމާތުކަން ކަށަވަރުކުރަން ބާރުއެޅުމުގެ މަގުސަދުގައި ހިންގާ މި ކެމްޕެއިންގެ ދަށުން ބާއްވާ ފޯރަމްގައި މައުލޫމާތު ދޭނީ އެ ދާއިރާއެއްގެ ތަޖުރިބާކާރުންނެވެ.
އެ ޕެނަލިސްޓުންގެ ތެރޭގައި ނޫސްވެރިއަކާއި ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ މީހަކާއި ޓެކްނޮލޮޖީ ދާއިރާގެ މީހެއް އަދި ގާނޫނީ މަސައްކަތުގެ ތަޖުރިބާކާރެއް ހިމެނެ އެވެ.
ނޭނގި ފަތުރާ ދޮގުމައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާއި އެކަމަށް ގެނެވޭނެ ހައްލުތަކަށް އެ ތަޖުރިބާކާރުން އަލިއަޅުއްވާލައްވާނެ އެވެ.
"ވީހާ ވެސް އިންޓަރެކްޓިވްކޮށް މި ފޯރަމް ގެންދާނީ. އޯޑިއަންސްއަށް ސުވާލުކުރުމުގެ ފުރުސަތު ވެސް ލިބޭ ގޮތަށް މިކަން ރާވާފައިވަނީ." އެ ދަރިވަރުން ބުންޏެވެ.
އެ ހަރަކާތް އިންތިޒާމްކުރާ ދަރިވަރުން ބުނީ އެއް ގަޑިއިރަށް ގެންދަން ނިންމާފައިވާ ފޯރަމްގެ ތެރޭގައި ތެދު މައުލޫމާތާއި ދޮގު މައުލޫމާތު ދެނެގަންނާނެ ޓޫލްތައް ވެސް ކިޔައިދޭނެ ކަމަށެވެ.
އެހެންވެ, މިއީ, އޭއައި އަދި ޑިޖިޓަލް މީޑިއާ ކުރިއަރަމުން އަންނަ މި ޒަމާނުގައި ކޮންމެހެން ވެސް އެނގެންޖެހޭ މުހިއްމު މައުލޫމާތު ލިބޭނެ ފޯރަމެއް ކަމަށް އިންތިޒާމްކުރާ ދަރިވަރުން ބުންޏެވެ.
އެ ފޯރަމްގައި ބައިވެރިވުމަށް  ގޫގުލް ފޯމް  މެދުވެރިކޮށް މިހާރު ރަޖިސްޓްރީކުރެވޭނެއެވެ.
އެ ހަރަކާތް އިންތިޒާމްކުރާ ދަރިވަރުން ބުނީ ރަޖިސްޓްރީވެ, އޭގެ ބައިވެރިންގެ މެދުގައި ގުރުއަތުލުން ނަގާނެ ކަމަށެވެ. އަދި އެއްވަނަ ލިބޭ ދަރިވަރަކަށް އިނާމެއްގެ ގޮތުގައި ލެޕްޓޮޕެއް ދޭން ވަނީ ނިންމައިފަ އެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *