މާފުށީ ކައުންސިލުންދޭ ސްކޮލަރޝިޕަށް ހުޅުވާލައިފި

މަތީ ތަޢުލީމާއި ތަމްރީނު ދިނުމުގެ ސްކޮލަރޝިޕަށް ކ. މާފުށީ ކައުންސިލުން ހުޅުވާލައިފިއެވެ. މި ފަހަރު އެ ކައުންސިލުން ހުޅުވާލީ އެރަށު ރައްޔިތުންނަށް ހުޅުވާލާފައިވާ ތިން ސްކޮލަރޝިޕްގެ ތެރެއިން އެއް ސްކޮލަރޝިޕްގެ ފުރުޞަތަށެވެ.

މާފުށީ ކައުންސިލުން ބުނީ، ސްކޮލަރޝިޕަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުޅުވާލުމުން ކުރިމަތިލީ އެންމެ ދެ ފަރާތުން ކަމަށެވެ. އެ ދެ ފަރާތުން މިހާރު ކިޔަވަމުން އަންނަ ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

މާފުށީ ކައުންސިލުގެ ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން ދެނީ ފަސް ފުރުޞަތެވެ. އޭގެތެރެއިން ތިން ފުރުޞަތު ދެނީ އެ ރަށު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން ރާއްޖެއާއި ރާޢްޖެއިން ބޭރުން މަތީ ތައުލީމު ޙާޞިލް ކުރުމަށެވެ. ދެން އޮތް ދެ ފުރުޞަތު ދެނީ މާފުށީ ސްކޫލުން ސާނަވީ ނިންމާ ދަރިވަރުންގެ ތެރެއިން  ނެޝަނަލް ޓޮޕްޓެންގެ އެންމެ މޮޅު ދެ ދަރިވަރުންނަށެވެ.

މާފުށީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ، ސްކޮލަރޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެ 13:00 ކުރިން އެޕްލިކޭޝަން ހުށައެޅުމަށެވެ.

މާފުށީ ކައުންސިލުން ސްކޮލަރޝިޕް ދެނީ، އެ ރަށު ޒުވާނުންގެ މެދުގައި މަތީ ތަޢުލީމަށް ޝައުޤުވެރިކަން އިތުރުކޮށް، ތަޢުލީމީ ގޮތުން ކުރިއަރާފައިވާ ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައެވެ.

ރާއްޖެއިން ބޭރުން ޑިގްރީއަށް ކިޔަވާ ކޮންމެ ދަރިވަރަކަށް ކޯހަށް ހިނގާނެ ޚަރަދުގެ ގޮތުގައި ދެނީ ޖުމްލަ 300،000 ރުފިޔާއެވެ. އަދި ސްޓައިޕެންޑްގެ ގޮތުގައި މަހަކު 3000 ރުފިޔާ ދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *