ހުނަރުވެރިކަމުގެ ދާއިރާގެ މުދައްރިސުންނަށް ތަމްރީނު ޕްރޮގްރާމެއް

ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ސެޓްފިކޭޝަން (އެންޓީޓީސީ) ޕްރޮގްރާމް މެދުވެރިކޮށް ހުނަރުވެރިކަމުގެ ޕްރޮގްރާމްތަކަށް މުދައްރިސުންގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ކުރިއަށްގެންދާ "އެންހޭންސިންގ ޓީޗަރޒް ކެޕޭސިޓީ ފޮ ސްކިލް ބޭސްޑް ޕްރޮގްރާމްސް ތްރޫ ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ސެޓްފިކޭޝަން ޕްރޮގްރާމް" ފަށައިފިއެވެ.  މިއީ ރާއްޖޭގެ ވޮކޭޝަނަލް އަދި ހުނަރުވެރިކަމުގެ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ފަރުމާކުރެވިފައިވާ މުހިންމު ތަމްރީނު ޕްރޮގްރާމެކެވެ.

ހުނަރުވެރިކަމުގެ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ހަފުތާއެއްގެ މުއްތަށް ކުރިއަށް ގެންދަން ފަރުމާކުރެވިފައިވާ މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ވޮކޭޝަނަލް ތަޢުލީމު ދެއްވާ 26 ސްކޫލެއްގެ ޖުމްލަ 34 މުދައްރިސުން ބައިވެރިވެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދެއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދަރިވަރުންގެ މުސްތަޤްބަލުގެ ވަޒީފާގެ މަގުތަކަށް އެ ކުދިން ތައްޔާރުކުރުމަށްޓަކައި، މުދައްރިސުންގެ ފަންނީ ޤާބިލިއްޔަތުކަން އެ ދާއިރާއާ ގުޅޭގޮތަށް އިތުރުކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ.

ތަޢުލިމަށް އިންގިލާބީ ބަދަލު ތައިބަ އިނީޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ޤައުމީ ފެންވަރުގައި މިހާރު ހުރި އިންކްލޫސިވް ސްކިލްސް ހަބްތަކަށް އަމާޒުކޮށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދަނީ މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެންނެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ބައިވެރިންނަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން ދެއްވާ ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ސެޓްފިކޭޝަން ލިބިގެންދާނެއެވެ. މިއީ ފަންނީ ހުނަރުތައް ޔަޤީންކޮށްދިނުމަށް ޤައުމީ ފެންވަރުގައި ބަލައިގަންނަ މިންގަނޑެކެވެ.

ވޮކޭޝަނަލް އެޑިޔުކޭޝަން ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށް ގެންދަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އާ ގުޅިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *