އެމްއެންޔޫއަށް ދިގުމުއްދަތަކަށް ޚިދުމަތް ކުރުމުގެ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އަށް ދިގުމުއްދަތަކަށް ޙިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް ދެވޭ އެވޯޑަށް އެދި ހުށަހެޅަން އެ ޔުނިވަރސިޓީން އިއުލާން ކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ދިގުމުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މުވައްޒަފުންގެ ޚިދުމަތާއި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން މި ޑިސެންބަރު މަހުގެ ތެރޭގައި މުވައްޒަފުންގެ އެވޯޑް ޙަފްލާއެއް ބޭއްވުމަށް މި ޔުނިވަރސިޓީން ވަނީ ނިންމާފައެވެ.

އެމްއެންޔޫއިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި އެވޯޑު ޙަފްލާގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކުގެ ތެރެއިން ޔުނިވަރސިޓީއަށް ދިގުމުއްދަތަކަށް ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ދެވޭ "ލޯންގް ސަރވިސް އެވޯޑް" ދެނީ ހުށަހެޅުމަށް ޔުނވަރސިޓީއަށް ޙިދުމަތްކޮށް، ވަޒީފާއިން މުސްކުޅިކޮށްފައިވާ ނުވަތަ ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށެވެ.

ލޯންގް ސަރވިސް އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގައި 10 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށެވެ. އެގޮތުން ޚިދުމަތް ކޮށްފައިވާ ޖުމްލަ މުއްދަތު ހިސާބުކުރުމުގައި، އެލައިޑް ހެލްތް ސާރވިސަސް ޓްރެއިނިންގް ސެންޓަރުން ފެށިގެން ޔުނިވަރސިޓީގައި ވަޒީފާ އަދާކޮށްފައިވާ ހުރިހާ މުއްދަތެއް އެއްކުރެވޭނެއެވެ. އަދި ޚިދުމަތުގައި މެދުކެނޑުންތަކެއް އައިސްފައިވާނަމަ އެކަންކަމަށްވެސް ރިޢާޔަތް ކުރެވޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ:

  • އަހަރަށް ވުރެ ދިގުމުއްދަތެއްގައި ޔުނިވަރސިޓީގެ ފުލްޓައިމް ވަޒީފާއެއްގައި ޚިދުމަތްކޮށްފައިވުން.
  • ޔުނިވަރސިޓީގައި ޚިދުމަތްކުރައްވާފައިވާ މުއްދަތުގެ ތެރޭގައި އެއްވެސް އަޙްލާގީ މައްސަލައަކާ ގުޅިގެން އިޞްލާޙީ ފިޔަވަޅު އަޅާފައިވާ ފަރާތަކަށް ނުވުން.
  • މަސައްކަތަށް ފަރުވާ ކުޑަވެގެން ނުވަތަ އަޚްލާޤީ މައްސަލައަކާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތަކަށް ނުވުން.

މިއެވޯޑަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އަކީ 04 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 23:59 އެވެ. ހުރިހާ އެޕްލިކޭޝަން ހުށަހަޅުއްވާނީ އޮންލައިންކޮށް ތިރީގައިވާ ގޫގުލް ލިންކް މެދުވެރިކޮށެވެ.

https://tinyurl.com/MNU-LongService-Award

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *