ޝަހީދު އަލީ ސްކޫލުން 900 ދަރިވަރުންނަށް ޖާގަ ދީފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށް މިހާރު ނިމެނުންދާ ޝަހީދު އަލީ ސްކޫލުން މިހާތަނަށް 900 އެއްހާ ދަރިވަރުންނަށް ޖާގަ ދީފައިވާ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ، އަންނަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ފަށާ ދިރާސީ އަހަރާއެކު އެ ސްކޫލުގައި ކިޔަވައިދޭން ފަށާނެ ކަމަށާއި މިހާތަނަށް 900 އެއްހާ ދަރިވަރުންނަށް ޖާގަދީފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ އިތުރުން އަތޮޅުތަކުގެ ސްކޫލުތަކުގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ތެރެއިން ހުޅުމާލެއަށް ބަދަލުވި ދަރިވަރުންނަށް ވެސް ޝަހީދު އަލީ ސްކޫލުން ޖާގަ ދީފައިވެއެވެ.

ވަޒީރު ޑރ. ޝަފީޢު ވިދާޅުވީ، ޝަހީދު އަލީ ސްކޫލުގެ 94 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

ޝަހީދު ސްކޫލަކީ 1500 ދަރިވަރުންގެ ޖާގަ ހިމެނޭ، ޒަމާނީ ވަޞީލަތްތަކާއެކު ހުޅުވާ ސްކޫލެކެވެ. އެ ސްކޫލުގައި 54 ކުލާސްރޫމާއި މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ލައިބްރަރީއާއި ލެބްތައް ހިމެނެއެވެ. އަދި ޓާފްދަނޑެއް ވެސް އެ ސްކޫލުގައި އަޅަން ނިންމާފައިވެއެވެ.

ޝަހީދު އަލީ ސްކޫލަށް ހަމަޖައްސާފައި ވަނީ މަޖީދިއްޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީއެވެ.

ޝަހީދު އަލީ ސްކޫލަށް ދަރިވަރުން ވައްދަމުން އަންނައިރު އެ ސްކޫލަށް ޓީޗަރުން ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އިއުލާނު ވެސް ކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *