އިންޖިނިއަރިންގ ދާއިރާއާ ގުޅުންހުރި ދިރާސާތައް އޮސްޓްރޭލިއާގެ ކާޓިން ޔުނިވަރސިޓީއާ ގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ކުރިއަށް ގެންދަން ނިންމައި ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ. އަދި ކާރޓިން ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް-ޗާންސެލަރ ގްލޯބަލް، ޕްރޮފެސަރ ޒިއާއޮޓިއާން ޒަންގްއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮސްޓްރޭލިއާގެ ސަފީރު، ހިޒް އެކްސެލެންސީ ޑޭވިޑް ޖެސަޕެވެ.
މި ބޭއްވި ރަސްމިއްޔާތުގައި، ސަފީރު ދެއްވަމުން ގެންދަވާ އެއްބާރުލުމަށް އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު ވަނީ ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ގުޅުމަކީ ދެ ޤައުމުގެ ދޭތެރޭގައި ތަޢުލީމީ އަދި ދިރާސީ ފުރުޞަތުތައް ފުޅާކުރުމަށް ދެފަރާތުން ވެސް ދެކޭ ތަޞައްވުރެއް ކަމުގައި ވިދާޅުވިއެވެ.

ކާރޓިން ޔުނިވަރސިޓީއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރެވޭ، ދިރާސާތައްކުރާ ދައުލަތުގެ މުއައްސަސާއެކެވެ. އެ ޔުނިވަރސިޓީއަކީ ޚާއްޞަކޮށް މައުދަނާއި މައިންއާއި އިންޖިނިއަރިންގ އާއި އާތް ސައިންސާއި ޞިއްޙީ ދާއިރާ ފަދަ އެތައް ދާއިރާއަކުން ވަރަށް ފާހަގަކޮށްލެވޭ ވަރުގަދަ ޤާބިލްކަމެއް ލިބިފައިވާ ތަނެކެވެ.
އެމްއެންޔޫއިން ފާހަގަކުރި ގޮތުގައި ފާއިތުވި އަހަރުތަކުގައި ކާރޓިން ޔުނިވަރސިޓީން ވަނީ ދިވެހިރާއްޖެއާ އެކު ވަރަށް ހީވާގި ގުޅުންތަކެއް ބާއްވާފައެވެ.
އޮސްޓްރޭލިއަން ހައި ކޮމިޝަނާއި ރާއްޖޭގެ ބައިވެރިންގެ އެހީތެރިކަމާއެކު، ކާރޓިން ޔުނިވަރސިޓީގެ ދަރިވަރުން ވަނީ އެމްއެންޔޫއާ ގުޅިގެން އިންޓަރންޝިޕް ޕްރޮގްރާމްތަކާއި، ފީލްޑްވޯކްތަކާއި، އަދި އެކި ހަރަކާތްތައް ހިންގާފައެވެ. 2024 އަދި 2025 ވަނަ އަހަރު، ކާރޓިން ޔުނިވަރސިޓީގެ ދަރިވަރުން، އެމްއެންޔޫގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީއާ ގުޅިގެން، ޢިމާރާތުން ބޭރުގައި ބަހައްޓާ ތަކެތި ފަރުމާކުރުމުގެ ވޯކްޝޮޕްތަކެއް ހިންގާފައިވެއެވެ. އޭގެ ތެރެއިން އެއް ފަރުމާ ކުޅުދުއްފުށީގައި ވަނީ ކާމިޔާބުކަމާއެކު ހަދާ ނިންމާފައެވެ. މީގެ އިތުރުން ތޮޅެންދޫގައި ކާރޓިން ޔުނިވަރސިޓީން ކުރިއަށް ގެންދިޔަ ސާވޭތަކެއްގައި އެމްއެންޔޫގެ ދަރިވަރުން ބައިވެރިވެ، ތަޢުލީމީ ގުޅުންތަކާއި ޢަމަލީ ތަޖުރިބާ ހޯދާފައިވެއެވެ.
ކުރިމަގަށް ބަލާއިރު، އެމްއެންޔޫގެ އާކިޓެކްޗަރ ޑިޕާޓްމަންޓުން ވަނީ "ނިއު ކޮލޮމްބޯ ޕްލޭން" ގެ ދަށުން، ދެ ޔުނިވަރސިޓީ ގުޅިގެން ފީލްޑްވޯކް ޕްރޮޖެކްޓެއް ހިންގުމަށް ހުށަހަޅާފައެވެ. މި ޕްރޮޖެކްޓުގެ މައިގަނޑު މަޤްޞަދަކީ ތޮޅެންދޫގެ ތާރީޚީ ތަރިކައާ ބެހޭ ދިރާސާތައް ކުރުމެވެ. އަދި މި މަސައްކަތް 2027 ގެ ކުރީކޮޅު ސްރީލަންކާއާ ހަމައަށް ފުޅާކުރުމަށް ވަނީ ރާވާފައެވެ.
މިއަދު ސޮއިކުރި ފަހުމުނާމާގެ ސަބަބުން، ދެ ޔުނިވަރސިޓީގެ މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ. އޭގެ ތެރޭގައި މުވައްޒަފުން ބަދަލުކުރުމުގެ ޕްރޮގްރާމްތަކާއި، އިންޖިނިއަރިންގ ސައިންސް، އާކިޓެކްޗަރ އަދި މިފަދަ ދާއިރާތަކުން ޕީއެޗްޑީ ހެދުމުގެ ފުރުޞަތުތައް ހިމެނެއެވެ.
ދެ ޔުނިވަރސިޓީގެ ގުޅުމުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، އެކި ދާއިރާތައް ގުޅުވައިގެން އުނގެނުމަށް މަގުފަހިކުރުމާއި، އަދި ދެ މުއައްސަސާއަށްވެސް ފައިދާހުރި ގޮތެއްގައި، ގުޅިގެން ދިރާސާތައް ކުރުމާއި، ފީލްޑް ސްޓަޑީތައް ހިންގުމާއި، އިންޓަރންޝިޕް ފުރުޞަތުތައް ތަނަވަސްކުރުމެވެ. އެމްއެންޔޫގެ ކެމްޕަސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރުމާއި، ކާރޓިން ޔުނިވަރސިޓީގެ ކެމްޕަސްތައް ކޮލޮމްބޯގައި ހުރުމާއެކު، މި ގުޅުމުގެ ސަބަބުން ސަގާފީ ގުޅުން އިތުރުވެ، އަމާޒުކުރެވިފައިވާ މަސައްކަތްތައް އިތުރުވެގެންދާނެކަމަށް އެމްއެންޔޫއިން ޤަބޫލުކުރެއެވެ.


advertisment
ހިޔާލު