އެފްއެޗްއެސްގެ ފާމަސީ ލެބޯޓްރީ: ބޭހުގެ ކޮލިޓީ ދެނެގަތުމަށް ހުޅުވުނު ދޮރެއް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިސަސްގައި އަލަށް ހުޅުވި ފާމަސީ ލެބޯޓްރީއާއެކު އެ ފެކަލްޓީގައި ކިޔަވަމުންދާ ދަރިވަރުންނާއި މުވައްޒަފުންނަށް ހުޅުވިގެން ދިޔައީ ދިރާސާކުރުމަށް ފަހި ފުރުޞަތެކެވެ. ލެބޯޓްރީ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވެސް ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު ވެސް އެކަން ފާހަގަކުރެއްވިއެވެ.

ފާމަސީ ލެބޯޓްރީއަކީ ދަރިވަރުންގެ އުނގެނުމާއި، ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް ވަރަށް މުހިންމު އިންވެސްޓްމަންޓެކެވެ. މިއީ ފާމަސޫޓިކަލް ސައިންސަސް، ފާމަސޫޓިކްސް އަދި ފާމަސޫޓިކަލް އެނަލިސިސް ފަދަ ދާއިރާތަކުން ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން ފާމަސީގެ ދަރިވަރުންނަށް ހޭންޑް އޮން ޓްރެއިނިންގއަށް ވެސް މުހިންމު ތަނެކެވެ.

މި ލެބޯޓްރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މި ލެބޯޓްރީއަކީ ހަމައެކަނި ފެސިލިޓީއެއް ނޫން ކަމަށާއި، މި ލެބޯޓްރީއަކީ ޢިލްމާއި ޕްރެކްޓިސް އަދި ރިސާރޗްތައް ގުޅިގެން ޤާބިލު، އަޚްލާޤީ އަދި އީޖާދީ ފާމަސިސްޓުން ތައްޔާރުކުރުމަށް ބޭނުންވާ ޕްލެޓްފޯމެއް ކަމަށެވެ.

"މި ލެބުން، އެމްއެންޔޫގެ ގްރެޖުއޭޓުންނަށް އަމަލީ ތަޖުރިބާތައް އިތުރުކޮށް، އީޖާދީ ވިސްނުމާއެކު މުޖުތަމައަށް ފައިދާހުރި ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ބަޔަކަ ތައްޔާރު ކުރެވޭނެ" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

އެމްއެންޔޫ ފާމަސޫޓިކަލް ލެބޯޓްރީ ފަރުމާކޮށްފައި ވަނީ އެޑްވާންސް ޓީޗިން، ރިސާޗް އަދި ޕްރެކްޓިކަލް ޓްރެއިނިންގ އަށް އެހީތެރިވެދީ، ދަރިވަރުންނާއި ރިސާޗަރުން އަދި އިންޑަސްޓްރީގެ ޕާޓްނަރުންނަށް އެންމެ ޒަމާނީ މާހައުލެއް ގާއިމުކޮށްދިނުމަށެވެ. ޒަމާނީ އެނަލިޓިކަލް އިންސްޓްރޫމަންޓްތަކާއި، ކޮލިޓީ ކޮންޓްރޯލް ސިސްޓަމްތަކާއި، ފޯމިއުލޭޝަން ޓެކްނޮލޮޖީގެ އެހީގައި، މި ލެބްގެ ސަބަބުން ކޮންމެ ދަރިވަރަކަށް ވެސް ދުނިޔޭގެ ފެންވަރަށް ފެތޭ ހަގީގީ ތަޖުރިބާ ލިބިގެންދާނެއެވެ.

ބޭހުގެ އެނަލިސިސް އާއި ކޮމްޕައުންޑިން އިން ފެށިގެން ސިއްހީ ދާއިރާ ކުރިއަރަމުން އަންނަ ހައްލުތަކާ ބެހޭ ދިރާސާތަކާ ހަމައަށް މި ލެބޯޓްރީ އަކީ އެކަޑެމިކް ނޮލެޖާއި އިންޑަސްޓްރީގެ ބޭނުންތަކާ ދެމެދު ބްރިޖެއްގެ ގޮތުގައި މަސައްކަތް ކުރާ ލެބޯޓްރީއެކެވެ. ތަޖުރިބާކާރުންގެ ބެލުމުގެ ދަށުގައި އަދި ސައިންޓިފިކް އިންޓެގްރިޓީއަށް އިޚްލާޞްތެރިކަމާއެކު އެމްއެންޔޫގެ ހެލްތް ސައިންސް ފެކަލްޓީން ދަރިވަރުންނަށް ޤައުމީ ޞިއްޙަތު ކުރިއެރުވުމަށް އެހީތެރިވެދޭނެ ހުނަރުވެރި ޕްރޮފެޝަނަލްއަކަށް ހެދުމަށް މަގުފަހިކޮށްދެއެވެ.

ފާމަސޫޓިކަލް ލެބޯޓްރީ އަކީ ސިއްހީ ދާއިރާތަކާ ގުޅިގެން ޑްރަގް ޓެސްޓިން، ޕްރޮޑަކްޓް އިވެލުއޭޝަން އަދި ކޮމިއުނިޓީ ބޭސްޑް ފާމަސޫޓިކަލް ރިސާޗްގެ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ލެބޯޓްރީއެކެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އެމްއެންޔޫ އިން ދެއްވާ އަހައްމިއްޔަތު އިތުރަށް ވަރުގަދަވެގެންދާނެއެވެ.

މީގެ ކުރިން ބޭހުގެ ކޮލިޓީ ޓެސްޓްކުރުން ފަދަ ދިރާސާތައް ދަރިވަރުން ކުރަނީ އެ ފެކަލްޓީން ބޭރުންނާއި ރާއްޖެއިން ބޭރަށް ފޮނުވައިގެންނެވެ. އަލަށް ހުޅުވި ލެބާއެކު މަސައްކަތްތައް އަވަސްވެ ބޭހުގެ ކޮލިޓީ ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *