ބިޒްނަސްއާއި ސައިންސް ސްޓްރީމް ހިމެނޭހެން 90 ޖާގައަށް ސީއެޗްއެސްއީ އިން ފުރުޞަތު ހުޅުވާލައިފި

ސީއެޗްއެސްއީ
ސީއެޗްއެސްެއީގެ ދަރިވަރުން

ބިޒްނަސްއާއި ސައިންސް ސްޓްރީމް ހިމެނޭހެން 90 ޖާގައަށް ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަނުން ފުރުޞަތު ހުޅުވާލައިފިއެވެ.

އެ ސްކޫލުން ކުރި އިއުލާނުގައި ބުނެފައި ވަނީ ދިރާސީ އާ އަހަރު ގުރޭޑް އެގާރައިން  އިތުރަށް ފުރުޞަތު ދޭން ނިންމާފައި ވަނީ ދެ ކޮންބިނޭޝަން ހިމެނޭ ގޮތަށް ކަމަށެވެ. ފުރަތަމަ ކޮންބިނޭޝަންގެ ގޮތުގައި ޖާގަ ދެނީ ބަޔޮލޮޖީ ، ކެމިސްޓްރީ ، ފިޒިކްސް ، ދިވެހި ، އިސްލާމް ކިޔަވާ ކުދިންނަށެވެ. ދެވަނަ ކޮންބިނޭޝަންގެ ގޮތުގައި ޖާގަ ދެނީ އެކައުންޓިންގ ، ބިޒްނަސް ސްޓަޑީޒް ، އިކޮނޮމިކްސް ، ދިވެހި، އިސްލާމް ކިޔަވާ ދަރިވަރުންނަށެވެ.

ގުރޭޑް އެގާރައަށް ވަންނަން ބޭނުންވާ ކުދިންނަށް އަލުން ފުރުޞަތު ހުޅުވާލީ އެ ސްކޫލުން ކަނޑައެޅި ޖާގަތަކަށްވުރެ މަދުން ކުދިން ވަންނަން ހުށަހެޅުމުންނެވެ. ސީއެޗްއެސްއީގެ ގުރޭޑް އެގާރައަށް ވަންނަން ފޯމް ހުށަހަޅާފައި ވަނީ 440 ކުދިންނެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް ސަފޫރާ ދަރިވަރު ނޫހަށް ވިދާޅުވީ ޝަރުޠު ހަމަވެ، ފޯމް ހުށަހެޅި ހުރިހާ ކުދިންނަށް ފުރުޞަތު ދެވުނު ކަަމަށާއި، އަލުން ހުޅުވާލީ ކޮންބިނޭޝަންގެ ގޮތުގައި އޮތް ޖާގަތަކަށް ކަމަށެވެ.

މި މަހުގެ 26ގައި ގުރޭޑް އެގާރައިގައި ކިޔަވާ ދަރިވަރުންނަށް ދިރާސީ އަހަރު ފެށޭއިރު، ސީއެޗްއެސްއީއަށް ވައްދަނީ، 1 މެއި 2020 ގެފަހުން ބައިވެރިވެފައިވާ އެސްއެސްސީ އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުން ޖުމްލަ 5 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވާ ކުދިންނެވެ. މީގެތެރޭގައި ދިވެހި ބަސް ނުވަތަ އިސްލާމިކް ސްޓަޑީޒް އާއެކު ކޮންމެވެސް އެއް ސްޓްރީމެއްގެ މަދުވެގެން ދެ މާއްދާ އިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވާން ޖެހެއެވެ. ކޮމާރސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ އެކައުންޓިންގް، ކޮމާރސް، ބިޒްނަސް ސްޓަޑީޒް، އިކޮނޮމިކްސް، އަދި މެތަމެޓިކްސްއެވެ. ސައިންސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް، އަދި މެތަމެޓިކްސްއެވެ. އާރޓްސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ ހިސްޓްރީ އާއި ޖޯގްރަފީ. އާރޓްސް ސްޓްރީމްގައި ފާސްވެފައިވަނީ ހިސްޓްރީއާއި ޖޯގްރަފީގެ ތެރެއިން އެއް މާއްދާއިންނަމަ، ދެ ވަނަ މާއްދާއެއްގެ ގޮތުގައި އިންގްލިޝް ލޭންގްއޭޖް، އިންގްލިޝް ލިޓްރެޗަރ، އިކޮނޮމިކްސް ނުވަތަ މެތަމެޓިކްސް، މިއިން ކޮންމެވެސް އެއް މާއްދާއެއް ހިމެނިދާނެއެވެ.

ސީއެޗްއެސްއީއަށް ވައްދަނީ ފެބްރުއަރީމަހުގެ އެކަކަށް 18 އަހަރު ފުރިފައިނުވާ ކުދިންނެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *